ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
އެމްޓީސީސީ އިން ބުނީ އާރުޓީއެލް ފެރީގެ ބ. އަތޮޅުގައި މިއަދު ފަށާފައިވާ ކަމަށާއި އެއާއެކު ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ވެސް ފެރީގެ ނިޒާމުން ގުޅާލެވިގެން ދާނެ ކަމަށެވެ.
ބ. އަތޮޅުގައި މިއަދު އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމާ ގުޅިގެން އަހުލުވެރިކުރުމުގެ ދަތުރުތަކަށް ފަހު އޮގަސްޓް 4، އިން ފެށިގެން އާރްޓީއެލް ފެރީގެ ލިބޭނީ ޓިކެޓު ނަގައިގެންނެވެ. ޓިކެޓު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕުން ޓިކެޓް ގަނެވޭނެ އެވެ.
މީގެ ހަތަރު ދުވަސް ކުރިން މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، އެ އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށްދާނެއެވެ.
އާރުޓީއެލް ފެރީ ޚިދުމަތުގެ ނިޒާމުގެ ދަށުން ޅ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅުގައި ވެސް މިހާރު އެ ޚިދުމަތް އެބަދެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ބ. އަތޮޅުގައި އެ ޚިދުމަތް ފެށުމާއެކު ޒޯން ދޭއްގެ ޚިދުމަތް އެއްކޮށް ފުރިހަމަވީ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޒޯން ދޭއްގައި ހިމެނޭ ހަތަރު އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް ފޯރުކޮށްދެނީ އެމްޓީސީސީންނެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައެވެ. އެ ސަރުކާރު ނިމުނުއިރު ރާއްޖޭގެ އަށް އަތޮޅަކަށް ވަނީ މި ޚިދުމަތް ދީފައެވެ.
ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމާއެކު، މިހާރު އާރްޓީއެލް ފެރީގެ ހިދުމަތް 11 އަތޮޅެއްގައި ލިބޭނެ އެވެ.





