40 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވައިގެން ބ.އަތޮޅުގެ ފަސް ބޭފުޅަކަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.
މިބޭފުޅުންނަށް ޝަރަފުފެ ބެޖާއި އައްޑަނަ ދެއްވައިފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
މި ބޭފުޅުންނާއެކު ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޖުމްލަ 94 ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންފައި ވެއެވެ.
40 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކޮށްދެއްވައިގެން ބ.އަތޮޅުން މި ޝަރަފު ލިބިވަޑައިގެންފައިވަނީ، ބ.އޭދަފުށި މަންޒިލް ޢަބްދުލްޣަނީި މުހައްމަދު (42 އަހަރު)، އޭދަފުށީ އަލަމާގޭ މަރްޔަމް ރަޝީދާ (43އަހަރު) ފެހެންދޫ ހުދުމާ ހަބީބާ އާދަމް (43 އަހަރު)، އޭދަފުށީ އަލިިވާގޭ އަހުމަދު ނަޖީބު އަށެވެ. އަހުމަދު ނަޖީބަކީ އޭދަފުއްޓަށް އުފަން ބޭފުޅެއް ނަމަވެސް ވަރަށް ޒުވާން އިރު ވަނީ ހާލަތު މެދުވަރިވި ގޮތުން އޭދަފުށީ ދޫކޮށް އއ މަތިވެރީގައި ދިރުއުޅުއްވަން ފައްޓަވާފައެވެ.
އޭދަފުށީގައި ދިރިއުޅުއްވާ އޭދަފުށީ، އަވި އަހުމަދު ވަހީދު (ހަވީރީގެ ލ.ކަލައިދޫ )43 އަހަރު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާއިރު އޭނާއަކީ މިހާރުވެސް އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރުގެ މަގާމުގައި ދެމިހުންނެވި ބޭފުޅެއްކަން ފާހަގަކުރެވެއެވެ.
ޝަރަފުގެ ބެޖާއި އައްޑަނަ އަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިޚުލާސްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.







