އެސްޓީއޯގެ ހުރިހާ ފާމަސީތަކެއް ”ސްޓޭޓްފާމާ“ގެ ދަށުން ހިންގަން ފަށައިފި

666666666.jpg

ދިވެހިރާއްޖޭގެ ބޭސްފަރުވާއާއި ފާމަސޫޓިކަލް ދާއިރާއަށް އައި މުހިންމު ބަދަލަކާއެކު، އެސްޓީއޯ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދިޔަ ހުރިހާ ފާމަސީތަކެއްގެ ހިންގުން ”ސްޓޭޓްފާމާ“ އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

ސްޓޭޓްފާމާ އިން މިއަދު ނެރުނު އާންމު އިއުލާނެއްގައި ބުނެފައިވަނީ، 1 ޖުލައި 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި އެސްޓީއޯ ފާމަސީތައް އެ ކުންފުނީގެ މެނޭޖްމަންޓުގެ ދަށަށް ބަދަލުވެ، ”ސްޓޭޓްފާމާ“ ބްރޭންޑްގެ ދަށުން ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

މިއީ ގައުމީ ފެންވަރުގައި އުފުލަންޖެހޭ މުހިންމު ޒިންމާއެއްގެ ގޮތުގައި ސިފަކުރަމުން، އެ ކުންފުނިން ވަނީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އެ ކުންފުންޏަށް ކުރި އިތުބާރަށް ޝުކުރު އަދާކޮށްފައެވެ.

ސްޓޭޓްފާމާގެ އަމާޒަކީ ރާއްޖޭގެ ބޭސްފަރުވާގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ފާމަސީތަކުން ދޭ ޚިދުމަތްތައް މުޅި ރާއްޖޭގައި ކުރިއެރުވުމެވެ.

މި ބަދަލާއެކު، ހިދުމަތްތައް ބަދަލުވަމުންދާ މަރުހަލާގައި ކަސްޓަމަރުންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެތީ އެ ކުންފުނިން ވަނީ ދުރާލާ މައާފަށް އެދިފައެވެ. އަދި އާންމުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެ ކުންފުނީގެ 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިން ނަންބަރު 1505 މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް ސްޓޭޓްފާމާ އިން ބުނެއެވެ.

މި މަސައްކަތުގައި ހެލްތު ކެއަރ ޕާޓްނަރުންނާއި، މުވައްޒަފުން އަދި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެ ކުންފުނިން ޝުކުރު އަދާކުރެއެވެ. އެސްޓީއޯގެ ފާމަސީ ނެޓްވޯކް ސްޓޭޓްފާމާގެ ދަށަށް ބަދަލުވުމާއެކު، މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފާމަސީ އޮޕަރޭޝަންތައް ބަލަހައްޓާނީ އެ ކުންފުނިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top