އޭދަފުށީ ކުނި ޕްރޮޖެކްޓުން ފުރަތަމަ ހަމަހު 387،000 ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް

3-1.jpg

އޭދަފުށީ ކުނިކޮށްޓަށް ޖަމާވެފައިވާ ކުނިތަކެއް. ކުނި އުކުމުގެ ޕްރޮޖެކްޓުން މިއަހަރު ފުރަތަމަ ހަމަހު އޭދަފުށީ ކައުންސިލަށް ވަނީ ބޮޑު ގެއްލުމެއް ވެފައި / ފޮޓޯ: ފައިލް

އޭދަފުށީގެ ކުނި މެނޭޖްކުރުމަށް އޭދަފުށީ ކައުންސިލުން ހިންގާ ޕްރޮޖެކްޓުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ތިންލައްކަ އަށްޑިހަ ހަތްހާސް ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ވެފައިވާކަން ހާމަވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު މިހާބޮޑު ގެއްލުމެއް ވީއިރު 2016 ވަނަ އަހަރުގެ ފަހު ތިން މަސްދުވަހުވެސް އެ ޕްރޮޖެކްޓުން ވަނީ 250،000ރ އަށްވުރެ ބޮޑުގެއްލުމަކާ ރަށު ކައުންސިލުން ކުރިމަތިލާން ޖެހިފައެވެ.

އޭދަފުށީ ވޮއިސްގެ “ރައްޔިތުންގެ އަޑު” ކޮލަމަށް އޭދަފުށީ ކައުންސިލުން ދީފައިވާ ދިން މައުލޫމާތަށް ބަލާއިރު 2017 ޖެނުއަރީން ޖޫންގެ ނިޔަލަށް މިޕްރޮޖެކްޓް އަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ކުނިއުކުމަށް ބޭނުންކުރި ޕިކަޕް ތަކަށެވެ. އޭގެ އިތުރުން އެމަސައްކަތުގައި ގެންގުޅޭ މުވައްޒަފުންގެ މުސާރައަށެވެ.

އޭދަފުށީ ކައުންސިލުން ލިބުނު މައުލޫމާތަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ކުނި އުކާލުމަށް ގޭގެއިންނާ، އެހެނިހެން ތަންތަނުން ފީގެ ގޮތުގައި ލިބިފައިވަނީ -/388685ރ އެވެ. ނަމަވެސް ހަރަދުގެ ގޮތުގައި ހަމަސްދުވަހު -/775728ރ ހިނގާފައިވެއެވެ. (ޕިކަޕް ކުއްޔަށް: -/411364ރ، މުސާރައަށް: -/364364ރ). މިހިސާބުތަކަށްބަލާއިރު، ފުރަތަމަ ހަމަސް ދުވަހު މިޕްރޮޖެކްޓުން ކައުންސިލަށް -/387043ރ ގެއްލުން ވެފައިވެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ގެއްލުންބޮޑު މިމަޝްރޫއުން ލިބޭ ފައިސާއިން  “ނުވެގެން ކައުންސިލުން ޚަރަދު ކުރަމުންދަނީ ކައުންސިލް އިދާރާ ހިންގުމަށް ސަރުކާރުން ދެއްވާފައިވާ ބަޖެޓުގެ ތެރެއިން” ކަމަށެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އޭދަފުށީ ކައުންސިލަށް ހޮވުމަށްފަހު އީވިއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކުނީގެ ޕްރޮޖެކްޓް އަލުން ރިވިއު ކުރާނެކަމަށާ، ގެއްލުންވާނަމަ އެކަމާމެދު ދެވަނަ ވިސްނުމަކަށް ދާނޭ ކަމަށެވެ. އޭނާ ވިދާޅުވީ އެޕްރޮޖެކްޓާއި މެދު އިތުރު ގޮތަކަށް އަމަލުކުރާނީ ގިނަބައެއްގެ މަޝްވަރާއާއި، ލަފާއަށް ބަލާފައި ކަމަށެވެ.

ނޯޓް: މިހަބަރާ ގުޅޭ އިތުރު ތަފްސީލްތައް މިހަފްތާގެ ހޮނިހިރު ދުވަހު ގެނެސްދޭ “ރައްޔިތުންގެ އަޑު” ކޮލަމްގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top