ލިޔުނީ: މުބާރިކް ރަފީޢު
ޒަމާނަށް އައި ހެޔޮ ބަދަލުތަކާއި ދިވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަމުގެ ސަބަބުން މީރު ކާނާއެއް ތައްޔާރުކޮށްލުމަކީ މިހާރު މާބޮޑުކަމެއް ނޫނެވެ. މީހަމަ ކޮންމެ އުމުރު ފުރައެއްގެ މީހަކަށްވެސް ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ.
މީރު ބިސްގަނޑަކީ އަހަރެމެންގެ ހެނދުނުސައިގައި ކޮންމެހެންވެސް ހިމަނަންޖެހޭ މުހިންމު އެއްބައެވެ. ބިހުގައި އެކުލެވޭ ފައިދާގެ ލިސްޓު ވަރަށްވެސް ދިގެވެ. މަތީ މިންވަރަކަށް ޕްރޮޓީން އެކުލެވޭ ބިހުގައި އެކުލެވޭ އެހެނިހެން ފައިދާގެ ތެރޭގައި ސޯޑިއަމް، ކާބޯހައިޑްރޭޓްސް، ޕްރޮޓީން އަދި ކެލްސިއަމް ހިމެނެއެވެ. އަދިއޭގެ އިތުރަށް މާބަނޑުމީހުނަށް ކޮންމެހެން ބޭނުންވާ ގިނަ މާއްދާ ތަކެއް ބިހުން ލިބެއެވެ. ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ބޭނުންވާ ފައިދާގެ މި ލިސްޓު ދިގުކޮށްލުމަށް މުރަނގަފަތަކީ ބިސްގަނޑަށް އިތުރުކޮށްލެވިދާނެ ވަރަށް ރަނގަޅު އެއްޗެކެވެ.
މުރަނގަފަތުގެ ބިސްގަނޑެއް ހަދާލުމަށް ބޭނުންވާނީ ބިސް، ކޮށާފައިވާ ފިޔާކޮޅެއް، ކޮށާފައިވާ ޓޮމާޓޯކޮޅެއް، މުރަނގަފަތް އަދި ލޮނާއި އަސޭ މިރުސްކޮޅެކެވެ. ހުރިހާ ތަކެއް ބޯތައްޓެއްގައި އެއްކޮށްލުމަށްފަހު ހޫނު ތަވައަކަށް އަޅާލާށެވެ. ތިހިރީ ބިސްގަނޑު ހެދިފައެވެ. އިންސާފުކޮށްލާށެވެ!
މުރަނގަ ފަތަކީ އޭގައި ކިރަށްވުރެ ހަތަރުގުނަ ގިނައިން ކެލްސިއަމް އެކުލެވޭ، ދޮންކޭލަށް ވުރެގިނައިން ޕޮޓޭސިއަމް ހިމެނޭ އާދަޔާ ހިލާފު ފަތެކެވެ. އޭގެ އިތުރުން މިފަތުގައި ވިޓަމިންސީ، ވިޓަމިން އޭ، ދަގަނޑު، ކޮޕަރ، ޕްރޮޓީން، ޒިންކާއި އެކު 90 ވަރަކަށް ނިއުޓްރިއެންޓް ހިމެނެއެވެ. ހަށިގަނޑުގެ އެތެރެއާއި ބޭރު ސާފުކޮށްދިނުމުގައި އެހީތެރިވުމާއި، ދުޅަތިރިކުރުމަށްވެސް މުރަނގަ ފަތަކީ ވަރަށް ރަނގަޅު އެއްޗެކެވެ. މިފަތުގެ އެންމެ މުހިންމެ އަނެއްސިފައަކީ މީ ހިލޭލިބޭ ފަތަކަށްވުމެވެ.
މުރަނގަފަތު ބިސްގަނޑެއްގެ ފައިދާގެ ލިސްޓު ދިގުކަމުން އެހުރިހާ ތަފްސީލެއްް ލިޔެ ކޮޅަކުން ނުލާނެއެވެ. ކުރުގޮޮތަކަށް ބުނާނަމަ މީ ސުޕަރ އޮމްލެޓެކެވެ.