ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް                                23 ނޮވެމްބަރ އާއި ގުޅޭ

ﷲ ގެ ރުއްސެވުން

މިދުނިޔޭގައި މީސްތަކުން އުޅެން ފެނިފައި އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ އަމިއްލަ ނަފުސު ރުއްސަން  (Self oriented) މަސައްކަތް ކުރުމެވެ. ނުވަތަ އަމިއްލަ އެދުންތައް ފުއްދަން މަސައްކަތް ކުރުމެވެ. ދެވަނަ ގޮތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން  (God oriented) ހޯދަން އުޅުމެވެ.

މީހަކަށް ވެވޭނީ މިދެގޮތުން އެއްގޮތަކަށެވެ. އަމިއްލަ އެދުންތައް ފުއްދަން އުޅޭމީހާއަކަށް ﷲ ގެ ރުއްސެވުމެއް ނުލިބޭނެއެވެ. އޭނާ ދަތުރުކުރަން ޖެހޭނީ އަމިއްލައަށް އިޚުތިޔާރު ކުރާ މަގަކުންނެވެ. ނުވަތަ ﷲ ކަނޑައަޅުއްވާފައިވާ މަގަކުންނެވެ. ދެމަގުން އެއްފަހަރާ ދަތުރު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އަދި މިދެގޮތް ފިޔަވައި އެހެން ގޮތެއް ހޯދުމަކީވެސް ކުރެވޭނޭ ކަމެއް ނޫނެވެ.

އަމިއްލަ އެދުން ފުއްދަން އުޅޭ މީހާގެ ވިސްނުމުގެ މަރުކަޒަކަށްވާނީ އޭނާގެ އަމިއްލަ ނަފުސެވެ. އޭނާއަށް ފެންނާނީ ޚުދު ތިމާއަށް ކުރިމަތިވާ މައްސަލަތައް އެކަންޏެވެ. އަމިއްލަ އެދުން ބޮޑުވުމާއި، އުސޫލެއް ނުވަތަ އިންސާފެއް ނެތުމުގެ ސަބަބުން އެހެން މީހެއްގެ މައްސަލަތައް ނުފެންނާނީއެވެ. މިފަދަ މީހަކު ބޭރުފުށުން ފެންނާނީ އިންސާނެއްގެ ސިފައިގައެވެ. އެކަމަކު އެތެރެފުށް ވާނީ ޙައިވާނުންގެ ދަރަޖައަށް ވެއްޓިފައެވެ. އޭނާގެ ދިރިއުޅުމާއި، ޙައިވާނުންގެ ދިރިއުޅުމުގައި އެއްވެސް ތަފާތެއް ނުހުންނާނެއެވެ.

މިއާ ޚިލާފަށް ﷲ ގެ ރުއްސުން ހޯދަން މަސައްކަތްކުރާ މީހާގެ ވިސްނުމުގެ މަރުކަޒަކަށްވާނީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އޭނާ ދެކޭނީ ދުނިޔެއާއި، ދުނިޔޭގެ ހުރިހާ ތަކެއްޗަށްވުރެ ﷲ ގެ ރުއްސެވުމުގެ އަގު މާބޮޑު ކަމުގައެވެ. އޭނާ ހެވަކަށް އުއްމީދު ކުރާނީ ހަމައެކަނި ﷲ ގެ ޙަޟުރަތުންނެވެ. ބިރުގަންނާނީ ހަމައެކަނި ﷲ އަށެވެ. އޭނާގެ ކުރިމަތީގައި ހުރިހައިވެސް އެއްޗަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އަމިއްލަ ނަފުސު އެއްވެސް އެއްޗަކަށް ނުބަލާނެއެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން އެދޭ މީހާއެވެ.

އިންސާނާގެ މަންޒިލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މިއަށްވުރެ ދެރަ “އެއްޗެއް” އިންސާނާގެ މަންޒިލަކަށް ނުވާނެއެވެ.

ދެނެގަތުން

ހިންދުސްތާނުގެ މަޝްހޫރު ސައިންސްވެރިއެއް ކަމަށްވާ ޑޮކްޓަރ ސީ.ވީ. ރަމަން އާ ދިމާއަށް މީހަކު ބުންޏެވެ. ސައިންސްވެރިންގެ ހޯދުން ތަކަކީ މާ ބޮޑަށް ފަޚުރުވެރިވާން ޖެހޭ ވަރުގެ ހޯދުންތަކެއް ނޫނެވެ. ގިނަ ހޯދުން ތަކަކީ އިއްތިފާޤަކުން ހޯދޭ ހޯދުން ތަކެކެވެ. ޑޮކްޓަރ ރަމަން ޖަވާބު ދިނެވެ. ތިޔައީ ތެދެކެވެ. އެކަމަކު ތިޔަ ބުނާ އިއްތިފާޤު ދިމާވަނީ ހަމަ އެކަނި ސައިންސްވެރިންނަށެވެ.

ހޯދުންތަކަކީ ސިކުނޑީގެ މަސައްކަތް ތަކުގެ  (Conecentration of Mind)  ނަތީޖާ އެވެ. ފުން ވިސްނުމުގެ އަސަރެވެ. މީހަކު ކޮންމެވެސް މަޥްޟޫޢެއްގެ މައްޗަށް މާ ބޮޑަށް ވިސްނަން ފަށައިފިނަމަ އެ މަޥްޟޫޢަކުން އާދަޔާ ޚިލާފު ކާމިޔާބީ ތަކެއް ޙާޞިލު ކުރެވޭ ތަން އާދެއެވެ. ހޭލާ ހުންނަ އިރުއާއި، ނިދާފައި އޮންނަ އިރުވެސް އޭނާގެ ސިކުނޑީގައި ހަރުލާފައި ހުންނަނީ މި މަޥްޟޫޢެވެ. އެ މަޥްޟޫޢުގެ “ދުނިޔެ” އާ އޭނާގެ ގުޅުން އޮންނަނީ ވަރަށް ބޮޑަށް ޤާއިމު ވެފައެވެ.

ސައިންސްގެ ހޯދުންތަކަކީ ގިނަ ފަހަރަށް މި ބާވަތުގެ ފިކުރުތަކުގެ ނަތީޖާއެވެ. މީހަކު ކަމަކާ ނުވަތަ އެއްޗަކާ މާ ބޮޑަށް ގާތްވެ، ގުޅުން ބަދަހިކޮށްފިނަމަ އެކަމަކުން ނުވަތަ އެއްޗަކުން އޭނާއަށް އާދަޔާ ޚިލާފު މަތީ ދަރަޖައަކަށް ދެވެއެވެ. އެކަމެއްގެ އިޝާރާތެއް ހަމަ ވުމާއެކު އޭނާއަށް އެއީ ކޮން ކަމެއްކަން އެނގިދެއެވެ. ހޯދުމަކީ ގިނަފަހަރަށް މިހާރުގެ ޙާލަތުން މުސްތަޤްބަލަށް ވާޞިލުވާން ކުރާ މަސައްކަތަށް ކިޔާ ނަމެކެވެ. މުސްތަޤްބަލަށް ފޯރަނީ ކުރީއްސުރެ އެކަމަކާ ގަޔާވެގެން މަސައްކަތް ކޮށްފައިވާ މީހަކަށެވެ.

ސައިންސްގެ ހޯދުންތަކަށް މި ދެންނެވުނު ހަމަ ވަރަށް ރަނގަޅަށް ފެތެއެވެ. ދީނީ ހޯދުން ތަކަށް ބަލާއިރުވެސް މިއީ ޙަޤީޤަތެކެވެ. ﷲ ގެ ރުއްސެވުމަކީ އިންސާނާ އަމިއްލައަށް ހޯދަންޖެހޭ އެއްޗެކެވެ. އެކަމަކު އެ ރުއްސެވުން ލިބޭނީ އެކަމަށް އެދިގެން މަސައްކަތް ކުރާ މީހަކަށެވެ.

އޭނާގެ ފިކުރު ހުންނަންވާނީ ﷲ ގެ ރުއްސެވުމަށް އަމާޒު ކޮށްފައެވެ. އޭނާގެ ލޯ ބޭނުން ކުރަންވާނީ އެކަމަށް އެދިގެން ތަންތަން ބަލައި ހޯދާށެވެ. ކަންފަތް ބޭނުން ކުރަންވާނީ އެކަމަށް ބޭނުންވާ އަޑުތައް އަހާށެވެ. ދުނިޔޭގެ ހުރިހާ ކަމަކަށްވުރެ އޭނާގެ ކުރިމަތީގައި މުހިންމު ވާން ވާނީ އެ ކަމެކެވެ. މީހަކު މިފަދަ ދިރިއުޅުމެއް އުޅެމުން ގެންދާނަމަ އޭނާއަށް “ރީތި” އިއްތިފާޤުތައް ދިމާވާން ފަށާނެއެވެ. އެއަށް މި ކިޔާ ނަމަކީ މަޢުރިފަތެވެ. އެއީ ﷲ މަޢުރިފާ ކުރެވުމެވެ. ﷲ އަންގަވާފައިވާ ގޮތަށް އުޅޭ މީހަކަށް މި ދުނިޔޭގައި ލިބޭ “ނަޤުދު” އިނާމަކީ އެއީ އެވެ. އަބަދާއި، އަބަދު ރައްބާނީ ނިޢުމަތް އެ މީހަކަށްޓަކައި އޮހޭނެއެވެ. އެކަމަކު ﷲ ރުއްސެވުން ހޯދަން މަސައްކަތް ނުކުރާ މީހަކަށް ދުވަހަކުވެސް އެ ނިޢުމަތެއް ނުލިބޭނެއެވެ.

ތަޥްޙީދާއި ޝިރުކް

އާދަމުގެ ދަރިޔާ މި ދުނިޔޭގައި އުޅެނީ ކޮންމެވެސް ފަރާތެއްގެ އެހީގައެވެ. ތިމާއަށް ވުރެ މަތީ މީހެއް ނުވަތަ އެއްޗެއްގެ “އެހީ” ގައި ދިރިއުޅުމަކީ އޭނާގެ އާދައެކެވެ. މުއުމިނުންނަކީ ﷲ ގެ އެހީގައި ދިރިއުޅޭ މީހުންނެވެ. ޣައިރު މުސްލިމުންނަކީ ﷲ ފިޔަވައި އެހެން ފަރާތްތަކުގެ ނުވަތަ އެއްޗެތީގެ “އެހީ” ގައި ދިރިއުޅޭ މީހުންނެވެ.

ޤަދީމީ ޒަމާނުގައި އިންސާނުން އަޅުކަން ކުރީ އިރާއި، ހަނދަށެވެ. މިއަދުގެ އިންސާނާ އަޅުކަން ކުރަނީ މާއްދީ ބާރުތަކަށެވެ. ބައެއް މީހުން ދެކެނީ ތިމާގެ ހުރިހާ މައްސަލަތަކެއްގެ ޙައްލަކީ ފައިސާ ކަމުގައެވެ. އަނެއް ބަޔަކު އުފަލުން ތިބެނީ މީސްތަކުންގެ މެދުގައި ތިމާގެ ޤަދަރު އުފުލިފައި ވާލެއް ބޮޑު ކަމުންނެވެ. ހިތުގައި އޮންނަ އަޅުކަމުގެ އެދުން ފުއްދަނީ މިފަދަ ކޮންމެވެސް ބާރަކަށް ނުވަތަ ޝުޢޫރަކަށް ބޯ ލަނބައިގެންނެވެ.

މިހުރިހައި ކަމަކީވެސް ޝިރުކުގެ ބާވަތްތަކެވެ. މިއީ ޙަޤީޤަތް ހޯދަން ކުރާ ދަތުރުގައި ކުރިމަތިވާ މަޞްނޫޢީ ޙައްލު ތަކެވެ. މުއުމިނުންނަކީ ފިޠުރަތުގެ ސާފު ގޮތް ހޯދަން ކުރާ މަސައްކަތުން ދާއިމީ ނުވަތަ އޮއްޓަރު ހުރި ޖަވާބެއް ހޯދައިގަންނަ މީހުންނެވެ. އެއްޗެއްގެ ބޭރު ފުށަށް ހެއްލުމަކީ މުއުމިނަކު ކުރާނޭ ކަމެއް ނޫނެވެ. ބޭރު ފުށުގެ ރީތި ކުލަވަރުގެ ދަޅައިގައި ނުޖެހި އޭނާ ބަލާނީ ޙަޤީޤަތާ ހަމައަށް ވާޞިލު ވެވޭތޯއެވެ.

މުއުމިނަކަށް އެއްޗެއް ފެނުމުން އޭނާއަށް ފެންނާނީ އެ އެއްޗެއް ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމެވެ. އެއިން ކޮންމެ އެއްޗެއްމެ އޭނާއަށް ފެންނާނީ މަޚްލޫޤެއްގެ ގޮތުގައެވެ. އެ ވަގުތު އޭނާ ހުއްޓި ހުރި ތަނާއި، އޭނާގެ ނިކަމެތިކަން އޭނާގެ ހިތަށް ވަންނާނެއެވެ. ރީތި ދަޅައެއް ފެނުމުން ހުއްޓުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ. އޭނާ ދާނީ ކުރިއަށެވެ. ދަތުރު މެދު ކަނޑައެއް ނުލާނެއެވެ. މަޚުލޫޤުންގެ ދުނިޔެއިން ނުކުމެގެންގޮސް، އޭނާ ހެއްދެވި ފަރާތާ ބައްދަލު ވާންދެން އޭނާގެ ދަތުރު ކުރިއަށް ގެންދާނެއެވެ.

މުއުމިނަކީ ތިމާއަށް ލިބޭ ކޮންމެ އެއްޗަކީ ﷲ ގެ ހަދިޔާއެއް ކަމަށް ހެޔޮ ހިތުން ޤަބޫލު ކުރާ މީހާއެވެ. ﷲ ގެ ޙަޟްރަތުގައި ތިމާގެ އެއްވެސް ޙައިޞިއްޔަތެއް ނެތް ކަމަށް އެއްބަސްވާ މީހާއެވެ. ދުނިޔޭގެ ރީތި މަންޒަރު ތަކުން އޭނާއަށް ފެންނާނީ އޭނާ ހެއްދެވި ފަރާތުގެ ފުރިހަމަ ކަމެވެ. ކާއިނާތުގެ ބޮޑުކަމާއި، ތަނަވަސް ކަމުން އޭނާއަށް ފެންނާނީ އޭނާއަށް ރިޒުޤު ދެއްވާ ފަރާތުގެ ހައިބަވަންތަ ކަމާއި، ތަނަވަސް ކަމެވެ. ދުނިޔޭގެ ކޮންމެ މުއްސަނދި ކަމަކުން އޭނާއަށް ފެންނާނީ ﷲ ގެ ޤުދުރަތްތެރި ކަމެވެ. ﷲ ގެ ނިޢުމަތުގެ ތެރެއަށް އޭނާ ގެނބިގެން ދާނީ ތިމާގެ ނުކުޅެދުންތެރިކަން ހަނދާން ކުރަމުން، ޝުކުރުވެރި ކަމާ އެކީގައެވެ.

އީމާން ކަމުގެ މާނައަކީ ނުފެންނަ އެއްޗެއް ދެނެގަތުމެވެ. ކުރިމަތިން އެއްޗެއް ފެނުމުން، ފެންނަން ނެތް އެއްޗެއްގެ ޙަޤީޤަތް ދެނެގަތުމެވެ. މި ނަޒަރުން ބަލާ މީހަކަށް އޭނާގެ ހަފަރާތުން ފެންނާނީ ﷲ ގެ ކުޅަދުންވަންތަ ކަމާއި، މަތިވެރި ކަމެވެ. އޭނާއަށް ދުނިޔޭގެ އެއްވެސް އެއްޗަކުން އެފަދަ މަތިވެރި ކަމެއް ނުފެންނާނެއެވެ. މުޅި ދުނިޔެވެސް އޭނާއަށް ވާނީ ކުނި ގަނޑަކަށެވެ.

އާދައިގެ ކަންތައްތަކުން…

ރޫސީން ފުރަތަމަ ސްޕަޓްނިކް (އެވިލާތުގެ ޖައްވީ އުޅަނދު) ހަވަޔަށް ފޮނުވީ 1957 ގައެވެ. އެމެރިކާގެ އެންމެ ފުރަތަމަ ޖައްވީ އުޅަނދު ކޮލަމްބިއާ ދެ މީހުންނާއެކު ހަވަޔަށް ފޮނުވުނީ 12 އޭޕްރިލް 1981 ގައެވެ. މި އުޅަނދު ތައްޔާރު ކުރެވިފައިވަނީ ގާތްގަނޑަކަށް ސަތޭކައެއްހައި ފަހަރު ހަވަޔަށް ފޮނުވޭ ފެންވަރަށެވެ.

ކޮލަމްބިއާގެ ބަރުދަނަކީ 75 ޓަނެވެ. އެ އުޅަނދު ބަންނަން ގާތްގަނޑަކަށް ދިހަ އަރަބު ޑޮލަރު ޚަރަދު ވެފައިވެއެވެ. ބަނދެ ނިމުނީ ނުވަ އަހަރުންނެވެ. ކޮލަމްބިއާ ދެ މީހުން ގޮވައިގެން ދަތުރު ފަށައިފިއެވެ. ގަޑިއަކު 26 ހާސް މޭލު ބާރު މިނުގައެވެ. އެ އުޅަނދު 54 ގަޑިއިރު ހަވާގައި ހޭދަ ކުރިއެވެ. ބިމުގެ ވަށައިގެން 36 ބުރު ޖަހާފައި ނުވަތަ 10 ލައްކަ މޭލުގެ ދަތުރެއް ކޮށްފައި އެނބުރި ބިމަށް އައީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. އެނބުރި އައި ދަތުރުގައި އެކި ބާވަތް ބާވަތުގެ ރާޑަރާއި، ރޮކެޓްގެ ބޭނުން ކޮށްގެން ކޮލަމްބިއާގެ ދުވަލި މަޑުކޮށް ގަޑިއަކު 345 ކިލޯ މީޓަރަށް މަޑު ކުރެވުނެވެ. ކޮލަމްބިއާ ދުނިޔޭގެ ސަރަޙައްދަށް ވަނުމަށް ދުނިޔޭގެ ވައިގައި ޖެހި، ހޫނު ވެގެން ގޮސް ބޭރުގެ ހޫނުމިން 11500 ސެންޓިގްރޭޑަށް އެރިއެވެ. ކޮލަމްބިއާ ބަނދެފައިވަނީ ހޫނު ހިފަހައްޓާ ބާވަތެއްގެ “ފިލަ” އެއް ބޭރުގައި ޖަހައިގެންނެވެ. ވުމާއެކު މި ހޫނު ކަމުގެ ސަބަބުން އެތެރޭގައި ތިބި ދެ މީހުންނަކަށް އުނދަގުލެއް ނުވަތަ ގެއްލުމެއް ނުފޯރައެވެ.

ކޮލަމްބިއާ ތިރި ކުރީ ކެލިފޯނިއާގެ ސަހަރާގައިވާ ޖައްވީ ބަނދަރަކަށެވެ. ތިރި ކުރީ ހަމަޖެހިފައިވާ ވަގުތަށްވުރެ އެންމެ 10 ސިކުންތު ލަހުންނެވެ. އެ މަންޒަރު ބަލަން ގާތްގަނޑަކަށް ދެ ލައްކައެއްހައި މީހުން ޖަމާވެފައި ތިއްބެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި އެތައް ކުރޯޑު ބައެއް މި މަންޒަރު ޓީވީން ބެއްޔެވެ. ކެލިފޯނިއާގެ ސަހަރާގައި ބޭނުންވާ ސާމާނާއެކު، 20 އެއްގަމު އުޅަނދާއި، އެތައް މަތިންދާ ބޯޓެއް ކޮލަމްބިއާ އަށް ބޭނުން ވެދާނޭ ކޮންމެ ކަމެއް ފުރިހަމަ ކޮށް ދޭން ތައްޔާރަށް އޮތެވެ. ކޮލަމްބިއާ މައްޗަށް އަރައިގެން ދިޔައީ ރޮކެޓެއް ހެންނެވެ. އާދައިގެ ބޯޓެއްހެން ބިމުގެ ވަށައިގެން އެތައް ބުރެއް ޖެހުމަށްފަހު ތިރި ކުރީ މަތިންދާ ބޯޓެއް ހެންނެވެ.

ކޮލަމްބިއާގައި ހަވަޔަށް ދިޔަ ދެ މީހުންގެ ތެރެއިން އެކަކީ މިސްޓަރ ޖޯން ޔަންގ  (John Young) އެވެ. އޭރު އޭނާގެ ޢުމުރަކީ 50 އަހަރެވެ. 54 ގަޑި އިރު ޖައްވުގެ ޙައިރާން ކުރުވަނިވި މާޙައުލުގައި ހޭދަ ކުރުމަށްފަހު ބިމަށް ފޭބުމާއެކު އޭނާގެ ދުލުން ބޭ އިޚުތިޔާރުގައި ނުކުތެވެ.

“މިފަދަ ގޮތަކަށް ކެލިފޯނިއާ އަށް އައުމަކީ ކޮންފަދަ ބޮޑު ޢަޖާއިބެއް ހެއްޔެވެ؟”

ޖައްވުގައި އުޅުމަށްފަހު ކެލިފޯނިއާ އަށް އައުދެވުމުން، އެކަން މިސްޓަރ ޔަންގ އަށް ވެގެން ދިޔައީ ވަރަށް ބޮޑު ޢަޖާއިބަކަށެވެ. ޙަޤީޤަތުގައި މި ކާއިނާތުގެ ކޮންމެ ކަމަކީވެސް ބޮޑު ޢަޖާއިބެކެވެ. އެއްގަމު ދަތުރަކަށް ވިޔަސް، ވައިގެ ދަތުރަކަށް ވިޔަސް ނުވަތަ ފައިމަގުގައި ކުރާ ދަތުރަކަށް ވިޔަސް، ސަވާރީއެއްގައި ކުރާ ދަތުރަކަށް ވިޔަސް، ކޮންމެ ދަތުރެއްގައިވެސް ކާއިނާތުގެ ޢަޖާއިބު ވަނިވި ކަންތައްތަކާއި، މަންޒަރުތައް ފެނެއެވެ. މިކަންތައްތަކާމެދު ނުވަތަ މި މަންޒަރު ތަކާމެދު ވިސްނައިފި މީހަކު ޙައިރާންވެ އަންތަރީސް ވާނެ އެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ބުނެވޭނެއެވެ. އަހަރެން ފައި މަގުގައި އެއްތަނުން އަނެއް ތަނަށް މި ކުރާ ދަތުރާއި، ޖައްވީ އުޅަނދުގައި ހަވަޔަށް ގޮސްފައި ކެލިފޯނިއާއަށް އެނބުރި އައުމާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ. ހައްތަހާވެސް ޢަޖާއިބެވެ. ޢާއްމު އިންސާނުންނަށް ޢަޖާއިބު ފެންނަނީ އާދަޔާ ޚިލާފު ކަންތައްތަކުންނެވެ. ބުއްދިވެރި މީހަކީ އާދައިގެ ކަންތައްތަކުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ ކަމުގެ ޢަޖާއިބުތައް ދެކޭ މީހާއެވެ.

ޙައްޤު ދެނެގަތުން

ޝްރީ ރާމް ރަތަން ކަޕްލާ އަކީ ދިއްލީގައި އައިސްއަލަމާރީގެ ވިޔަފާރި ހިންގާ މީހެކެވެ. ޝްރީ މޯތީ ރާމް ސަރާފަކީ ރަން ރިހީގެ ވިޔަފާރި ހިންގާ މީހެކެވެ. ދެ މީހުންނަކީ ދެ ރަޙުމަތްތެރިންނެވެ. ކޮންމެ ދުވަހަކު ހެނދުނު ކަސްރަތަށް ހިނގަން ނުކުންނަނީ ދެމީހުން އެކީގައެވެ. އެނބުރި އަންނަނީވެސް ދެމީހުން އެކީގައެވެ.

އެއްދުވަހަކު ދެމީހުން ހިނގަމުން ދަނިކޮށް މަގުގެ އެއްފަރާތުގައި އޮތް ވިދާ، ބިއްލޫރި ކޮޅެއް ކަހަލަ އެއްޗެއް ޝްރީ ރާމް ރަތަން ކަޕްލާއަށް ފެނިއްޖެއެވެ. އޭނާ އެ “ބިއްލޫރިކޮޅު” ނަގައިފިއެވެ.

ގެއަށް އައިސް އަތް ދޮންނަން ވެގެން އަތް ދޮންނަ ތަށީގެ އެއް ކައިރީގައި ބިއްލޫރިކޮޅު ބާއްވައިފިއެވެ. އެއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

ޝްރީ މޯތީ ރާމް ސަރާފް އަތް ދޮންނަން އައީ އޭގެ ފަހުންނެވެ. އޭނާގެ ކަޅި ގޮސް އެއްކަލަ ބިއްލޫރި ކޮޅުގެ މައްޗަށް ހުއްޓިއްޖެއެވެ. އޭގެ ވިދުވަރު ފެނުމާއެކު އެއީ ޖަވާހިރެއްކަން އޭނާއަށް އެނގިއްޖެއެވެ. އޭނާ އެ ބިއްލޫރި ކޮޅު ދައްކާފައި އެއީ ޖަވާހިރެކޭ ބުނީމާ ޝްރީ ރާމް ރަތަން ކަޕްލާ ވަރަށް ބޮޑަށް ޙައިރާން ވިއެވެ. ތިމަން ހީކުރީ ހަމަ އާދައިގެ ބިއްލޫރި ކޮޅެއް ކަމަށޭ، އެއްލާނުލެވުނުކަން ނަޞީބެއް ނޫންހޭ ބުންޏެވެ.

ޝްރީ ރާމް ރަތަން ކަޕްލާ އަކީ ޖަވާހިރު ނުދަންނަ މީހެއް ނޫނެވެ. އޭނާގެ ގޭގައިވެސް ޖަވާހިރުގެ ހާރެއް އޮވެއެވެ. ނުހަނު ފަރުވާތެރިކަމާއެކު އަލަމާރީގައި ރައްކާކޮށްފައެވެ. އެކަމަކު މަގުމަތިން ފެނުނު ޖަވާހިރު ވަކި ކުރާކަށް އޭނާ އަކަށް ނޭނގުނެވެ.

މި ދެމީހުންނަށްވެސް ޖަވާހިރު އެނގެއެވެ. ތަފާތަކީ ޝްރީ މޯތީ ރާމަކީ ޖަވާހިރުގެ ވިޔަފާރިވެރިއަކަށް ވާ ކަމެވެ. ޖަވާހިރެއް ކޮންމެ ޙާލަތެއްގައި ކޮންމެ ތަނެއްގައި އޮތް ކަމުގައި ވިޔަސް އޭނާއަށް އެނގެއެވެ. އެކަމަކު ޝްރީ ރާމް ރަތަން ކަޕްލާއަށް އެނގެނީ ހަމައެކަނި ހާރުގައި ލާފައި އޮންނަ ޖަވާހިރު ވަކި ކުރާށެވެ. ހާރުން ބޭރުގައި އޮންނަ ޖަވާހިރެއް ވަކި ކުރާކަށް އޭނާ އަކަށް ނޭނގެއެވެ.

ހަމަ އެކަނި ހާރުގައި އޮންނަ ޖަވާހިރު ވަކި ކުރަން އެނގޭ މީހަކީ ޖަވާހިރުގެ މާހިރަކަށް ނުވާނެއެވެ. ޖަވާހިރުގެ މާހިރަކީ އަމިއްލަ ހާރުގައި އޮންނަ އިރުވެސް އަދި އެހެން މީހެއްގެ ހާރުގައި އޮންނަ އިރުވެސް ޖަވާހިރު ވަކި ކުރަން ދަންނަ މީހާއެވެ. ހަމަ މި ބީދައިން ޙައްޤު ގޮތް ދަންނަ މީހާއަކީވެސް ތިމާގެ އަމިއްލަ ދާއިރާގައިވެސް، ދާއިރާއިން ބޭރުގައިވެސް ޙައްޤުގޮތް ވަކި ކުރަން ދަންނަ މީހާއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top