ފިރިހެނުންގެ ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ހާއްސަ މާމުއި ކަމަށް ބުނެ ރާއްޖެއަށް ގެނެސްގެން ވިއްކާ މާމުޔަކީ ޑޮކްޓަރީ ބޭހެއް އެއްކޮށްގެން ވިއްކާ “ފްރޯޑް އުފެއްދުންތަކެއް” ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އަންގާފައި ވާތީ އޭގެ މާމުއި ރާއްޖޭގައި ވިއްކުން މަނާކޮށްފި އެވެ.
އެމްއެފްޑީއޭއިން މިއަދު ނެރެފައިވާ އެލާޓް މެސެޖެއްގައި ބުނީ ޖިންސީ ބާރުވެރިކަން އިތުރު ކުރުމަށް ދޭ ޑޮކްޓަރީ ބޭހެއް ކަމަށްވާ ޓްޑަލަފިލް އަދި ސިލްޑުނަފުލް ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަން ފާހަގަ ވެފައިވާ ކަމަށެވެ.
ހަމައެހެންމެ މޫނުމަތި ރޫފިލުވުމަށް ބޭނުންކުރާ ‘ޑީސްޕޯޓް’ ނަމަކަށްކިޔާ ބޭހެއްގެ ފޭކް ބޭސްތަކެއް ޔޫރަޕާއި އިރުމަތީ މެޑިޓެރޭނިއަންގެ ފަސް ގައުމެއްގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ކަމަށްވެސް އެމްއެފްޑީއޭއިން މިއަދު ނެރެފައިވާ އެލާޓް މެސެޖެއްގައި ބުނެފައި ވެއެވެ.
މިބޭހަކީ ހުއްދަ ނަގައިގެން ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގެ ލިސްޓްގައި ހިމެނޭ ބޭހަކަށްވާއިރު މިހާތަނަށް އަދި އެފަދަ ހުއްދައެއްގެ ދަށުން ބޭސް ރާއްޖެއަށް ގެނެސްފައިނުވާތީ އެފަދަ ބޭހެއް ގަނެގެން ބޭނުން ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުން އެފަދަ ބޭހެެއް ގަންނަނަމަ ބޭހުގެ ބެޗްތަކަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.

މޫނުމަތީގެ ރޫ ފިލުވުމަށް ބޭނުންކުރާ ބޭހެއްގެ ފޭކެއް ދައުރުވަމުންދާތީ ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައި
ޖިންސީ ބާރުވެރިކަން އިތުރުކުރުމަށް ކަމަށް ބުނެ ބޭނުންކުރާ އަށް ބްރޭންޑެއްގެ މާމުއިގެ ފޮޓޯ އާންމު ކުރުމަށްފަހު އެމްއެފްޑީއޭ އިން ބުނީ އެ ބާވަތްތަކުގެ މާމުޔަކީ ފްރޯޑް އުފެއްދުންތަކެއް ކަމަށެވެ. އެހެންވެ މި ބާވަތްތަކުގެ މާމުއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
Alert 🚨 pic.twitter.com/Lt1pjhaldB
— Ministry of Health (@MoHmv) September 12, 2022
“ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ބޭނުންކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި ދަންނަވަން,” އެމްއެފްޑީއޭގެ އެލާޓްގައި ބުނެފައިވެއެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ މީހުން އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ވެސް ވަނީ އެދިފައެވެ.