ސަމާލު! ގިނަ ރޯގާތަކެއް އެއްފަހަރާ ފެތުރެމުން އެބަދޭ !

IMG_20210620_134452349.jpg

ބ.އަތޮޅު ހޮސްޕިޓަލް

ރާއްޖޭގައި މިދުވަސްވަރު ހަލުވި ކަމާއެކު ހުމުގެ ރޯގާއެއް ފެތުރެމުންދާއިރު، ފާނަބަސަންދާއި ލޮލުރޯގާވެސް ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ މިހާރު ހަލުވިކަމާއެކު ހުމާއި، ރޯގާ، ފާނަބަސަންދު، ލޮލުރޯގާގެ އިތުރުން ޑެންގީ ހުމާއި، ހޭންޑް ފުޓް އެންޑް މައުތު އަދި ބޭރަށް ހިންގުމުގެ ރޯގާ ވެސް އިތުރުވެފައިވާ ކަމަށެވެ.

އެހެންވެ އެޗްޕީއޭ އިން ވަނީ މި ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ފާނަބަސަންދު ނުވަތަ “ޗިކަން ޕޮކްސް” އަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ވައިރަލް ބައްޔެކެވެ. ފާނަބަސަންދު ޖެހޭ ފުރަތަމަ ދެ ދުވަހު، ނޭފަތުން ފެން އައިސް ހުން އަންނަން ފަށަ އެވެ. ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާނަމަ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ބަލި ފެތުރެ އެވެ.

ފުރަތަމަ ދެތިން ދުވަހު މި އަލާމާތްތައް ފެނުމަށްފަހު ހަށިގަނޑުގައި ބިހިތަކެއް ނަގާން ފަށަ އެވެ. އެބިހިތަކުގެ ލަކުނުތައް ބަލި ރަގަޅުވުމަށް ފަހުގައި ވެސް ދިގު މުއްދަތަކަށް ހަށިގަނޑުގައި ފެންނަން ހުރެ އެވެ. މިބަލި އެއްފަހަރު ޖެހިފައިވާ މީހަކަށް ދެވަނަ ފަހަރު ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

ވައިރަސްތަކެއްގެ ސަބަބުން ޖެހޭ ހޭންޑް ފުޓް އެންޑް މައުތު ބައްޔަކީ ހުން އައުމާއެކު ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ހަރު ބިހިތަކެއް ނަގާ ބައްޔެކެވެ. ހާއްސަކޮށް އަނގަޔާއި އަތާއި ފައިގައި ބިހިތައް ނަގާލެއް ގިނަ ވާނެ އެވެ. ތުއްތު ކުދިންނަށް ޖެހުން ގާތް މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ.

މީގެ އިތުރުން ލޮލު ރޯގާ އަކީ ވެސް ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ރޯގާގެ ސަބަބުން ލޯ ރަތްވެ، ހިރުވައި، މަޑުލައި އަދި ފެން އާދެ އެވެ. މި ރޯގާގެ ސަބަބުން މާ އަލިގަދަވެއްޖެނަމަ ލޮލުގައި ރިއްސައި، ލޮލަށް ގެއްލުންވެ އެވެ. މި ރޯގާ ފެތުރެނީ ތުވާލި ފަދަ ތަކެތީގެ ޒަރިއްޔާއިންނެވެ. މި ރޯގާ އާންމުކޮށް ޖެހެނީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top