ހުކުރު މިސްކިތް އެއާކޯން ކުރަން ނިންމައިފި. އޭސީ ޖެއްސޭނީ ހުކުރާއި، ރޯދައަށް އެކަނި

DSCN2726.jpg

ބ. އޭދަފުށި މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (އޭދަފުށީ ހުކުރު މިސްކިތް) ސީލިންގް އާކުރާއިރު މިސްކިތް އެއާކޯން ކުރުމަށް އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.

އޭދަފުށީ ކައުންސިލުން މިގޮތަށް ނިންމީ އެކައުންސިލްގެ މިއަހަރުގެ 11 ވަނަ އާންމު ޖަލްސާގައެވެ. 15 މާރޗް 2017 ދުވަހު ބޭއްވި އެޖަލްސާއަށް ކައުންސިލުން ހުށައެޅި މިމައްސަލާގައި އެއާކޯން ހަރުކުރުމަށް ފާސްވީ ހުކުރުދުވަސްދުވަހުގެ މެންދުރު 11:00ން 13:00ށާއި، ބޮޑުޖަމާއަތުގައި ކުރެވޭ ނަމާދު ވަގުތުތަކުގައި އަދި ރަމަޟާންމަހު މަޢްރިބް ނަމާދުން ފެށިގެން ތަރާވީސް ނަމާދު ނިމެންދެން އެއާކޯން ޖައްސާފައި ބަހައްޓާ ގޮތަށެވެ. އަދި އެހެނިހެން ނަމާދުތަކުގައި އެއާކޯން ނުޖައްސާގޮތަށެވެ. އަދި މިނިންމުން އިސްލާމިކް މިނިސްޓްރީއަށް އެންގުމަށްވެސް ފާސްކޮށްފައިވެއެވެ.

ކައުންސިލް މެމްބަރ މުހައްމަދު ރިޒާ ހުށައެޅުއްވި މިހުށައެޅުން ފާސްވީ މެމްބަރ ނައުޝާދު އަހްމަދާއި، ކައުންސިލްގެ ރައީސާ ނާޒްނީން ޔޫސުފްގެ ވޯޓާއެކުގައެވެ. ޖަލްސާގައި ދެން ބައިވެރިވި މެމްބަރ މުހައްމަދު ރާމިޒް ވޯޓް ދެއްވީ މިގޮތަށް މިކަން ކުރަން ނުފެންނަ ކަމަށެވެ.

އޭދަފުށީ ކައުންސިލް މެމްބަރ މުހައްމަދު ރިޒާ އީވީއަށް ވިދާޅުވީ އެއާކޯން ހަރުކުރާނީ އާސީލިންގްގެ މަސައްކަތާއެކު ކަމަށާ، އަންނަ ހަފްތާތެރޭގައި ސީލީންގް މަރާމާތުކުރުމުގެ މަސައްކަތް ފެށޭނެކަމަށެވެ. އަދި ރަމަޟާންމަހަށް މިސްކިތުގެ ސީލިންގް ނިންމައި އެއާކޯންވެސް ބޭނުންކުރަން ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށް ރިޒާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއާކޯން ހަރުކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ ނަމުގައި ވަކި ކަރަންޓް މީޓަރެއް ހަރުކޮށްގެންކަމަށެވެ. އަދި ކަރަންޓް ބިލްގެ ޒިންމާ ކައުންސިލުން ނަގާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް ހިލޭ ހަދިޔާ ކުރައްވާފައިވާ35000 ބީޓީޔޫގެ 10 އެއާކޮންޑިޝަން ހަރުކުރުމަށްޓަކައި އޭދަފުށީ ކައުންސިލާއި، އާންމުންގެ ބަޔަކު ގުޅިގެން މިދިޔަ އަހަރުވެސް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ރައްޔިތުންގެ ތެރޭގައި ޚިޔާލުތަފާތުވުން ބޮޑުވުމާއި، ކަރަންޓް ބިލާމެދު އުފެދުނު ދެބަސްވުންތަކާއެކު އޭރު އެމަސައްކަތް ހުއްޓިފައި އޮތީއެވެ. ކައުންސިލުން ބުނީ މިއަހަރުވެސް ހަރުކުރަން ނިންމާފައިވަނީ ސަލީމް ހަދިޔާކޮށްފައިވާ އެއާކޮންޑިޝަންތައް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top