އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލްތަކާ ހަވާލު ކުރުމަށް ގޮވާލައިފި

big_rgxqqquailkpLjAFxBcJQ0cIu.jpeg

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

މާލޭގައި ހުންނަ އަތޮޅު ފިހާރަތައް އެ އަތޮޅެއްގެ ކައުންސިލްތަކަށް ދޭން  ގޮވާލައިފިއެވެ.

މިކަމަށް ގޮވާލައްވާފައިވަނީ މިއަދުގެ މަޖިލީހުގައި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިންތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ސަލީމް ވިދާޅުވީ، މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އެ އަތޮޅެއްގެ ކައުންސިލަށް ލިބޭނެ ގޮތެއް އޮންނަން ގާނޫނުގައި އެބައޮތް ކަމަށެވެ. އަދި އަތޮޅު ފިހާރަތަކަކީ އަތޮޅުތަކުގެ ގިނަ ރައްޔިތުން މަސައްކަތް ކޮށްގެން އުފައްދާފައި ހުރި އިންވެސްޓްމަންޓް ތަކެއް ކަމަށާ އެހެން ނަމަވެސް އެތަންތަނުގެ ރަޖިސްޓްރީ އޮތީ ފިނޭންސް މިނިސްޓްރީގައި ކަމަށެވެ.

އެ ތަންތަނާއި އެ ބިމުގެ މިލްކުވެރިކަން އެ އަތޮޅު ފިހާރަ ނިސްބަތްވާ އަތޮޅު ކައުންސިލަކަށް ބަދަލު ކޮށްދޭން ސަލީމް ގޮވާލެއްވިއެވެ.

ސަލީމް ވިދާޅުވީ 2016 ވަަނަ އަހަރާ ހަމައަށް އެ ތަންތަނުގެ ކުލިން ލިބެމުން ދިޔަ އާމްދަނީގެ 50 ޕަސެންޓް ދިޔައީ އަތޮޅުތަކަށްކަމަށް ވާއިރު އަތޮޅު ފިހާރަަތައް އަތޮޅު ކައުންސިލްތަކަށް ދޫކޮށްލައިފިނަމަ ކައުންސިލްތަކަށް ދިމާވާ ފައިސާގެ ދަތިކަމަށް ވެސް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބަދަލާއެކު ކުރިއެކޭ އެއްގޮތަށް އެ ފިހާރަތަކުން ލިބޭ އާމްދަނީގެ 50 ޕަސެންޓް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް އަތޮޅުތަކާ ހިއްސާކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

 

“އެއީ އަތޮޅުތަކުގެ ރައްޔިތުން ވަރަށް ބޮޑު އެއްޗެއް އިންވެސްޓް ކޮށްގެން ހަދާފައިވާ ފިހާރަތައް، އެ ތަންތަން ރަޖިސްޓްރީ ކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީއަށް، އެ ތަންތަނުގެ މިލްކުވެރިކަން އަތޮޅު ކައުންސިލްއަށް ބަދަލު ކޮށްދޭން އަޅުގަނޑު އެދެން،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ފާހަގަ ކުރެއްވި ގޮތުގައި އެއިން ކޮންމެ ފިހާރަކައަކުން ކޮންމެ އަހަރަކުހެން ގާތްގަނޑަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބެއެވެ. އެ ފައިސާ އަތޮޅު ކައުންސިލްތަކަށް ލިބޭނަމަ، އެ އަތޮޅުގެ ތަރައްގީއަށް ހޭދަ ކުރާނެ ރަނގަޅު އާމްދަނީއެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރީން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ހަތަރު އަހަރު ދުވަހު މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ދިނުން ހުއްޓާލާފައެވެ. ފަހުން އަނެއްކާ ވެސް އެ ފައިސާ އަތޮޅުތަކަށް ދޫކުރަން ފަށާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top