ތައުލީމީ މަންހަޖު މުރާޖާކުރާ ގޮތާއި މެދު ޓީޗަރުންގެ އެސޯސިއޭޝަންއިން ކަންބޮޑުވުން ފާާޅުކޮށްފި އެވެ.
ކަރިކިއުލަމް މުރާޖާ ކުރުމަށް އެހީތެރިވުމުގެ ގޮތުން ކެމްބްރިޖްގެ ކޮންސަލްޓަންޓުންގެ ޓީމުގެ ބައެއް ބޭފުޅުން މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ޓީޗާސް އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ގައުމީ މަންހަޖު މުރާޖާކުރާއިރު ޓީޗަރުންނާ މަޝްވަރާކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް އެޑިއުކޭޝަނުން އެކަން ކޮށްފައި ނުވާ ކަމަށެވެ. އަދި މަންހަޖުގައި ހުރި މައްސަލަތައް އެންމެ ބޮޑަށް އެނގޭނީ ޓީޗަރުންނަށް ކަމަށާއި، ޓީޗަރުންގެ ބައިވެރިވުމާއި ނުލައި މަންހަޖު މުރާޖާކުރުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އޮފިޝަލް ވިދާޅުވީ މަންހަޖު މުރާޖާކުރަން މި އުޅެނީ ކުރިއަށްވުރެ އެ މަންހަޖު ރަނގަޅުކުރަން ކަމަށާ އެ މަންހަޖުން ރަނގަޅު ބަދަލެއް ފެންނާނީ ޓީޗަރުންގެ ބައިވެރިވުމާއެކީ ކަމަށެވެ. އަދި މައްސަލަތައް ބޮޑަށް އެނގޭނީ ޓީޗަރުންނަށް ކަމަށާ އެހެން ނޫނީ ޖީލެއް ހަލާކުވެގެން ދާނީ ކަމުގައެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ، ކެމްބްރިޖްގެ ކޮންސަލްޓަންޓުން ކަރިކިއުލަމް ރިވިއު ކުރުމަށް ފަހު ރިޕޯޓެއް ހުށަހަޅުއްވާނެ ކަމަށާއި، މަންހަޖު މުރާޖާ ކުރުމުގެ މަރުހަލާގައި ފަހުން ޓީޗަރުންގެ ހިޔާލު ހޯދާނެ ކަމަށެވެ.