ރާއްޖެ އިން ބޭރަށް ދާ ކޮންމެ މީހަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާދަމާ އިން ފެށިގެން އިތުރަށް 500 ޑޮލަރު ވިއްކަން ނިންމައިފި އެވެ..
ރާއްޖެ އިން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ވިއްކަން ބީއެމްއެލް އިން ނިންމާފައި މިވަނީ އެމްއެމްއޭ އިން އިތުރަށް ބޭންކްތަކަށް ޑޮލަރު ވިއްކަން ނިންމުމާ ގުޅިގެންނެވެ.
މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ބޭންކުގެ މާކެޓިން ޑިރެކްޓަރު، ރިފްއަތު މުހައްމަދު ވިދާޅުވީ ފަސޭހަކަމާ އެކު އާއްމުންނަށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބީއެމްއެލްގެ މެއިން ބްރާންޗުގެ ތިންވަނަ ބުރިން ޑޮލަރު ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެހެންނަމަވެސް ރަށްރަށުގެ ބްރާންޗްތަކުން މިގޮތަށް ޑޮލަރު ވިއްކާނެކަމެއް ވިދާޅެއްނުވެއެވެ.
ކޮންމެ މީހަކަށް ވެސް ވިއްކަނީ 500 ޑޮލަރު ކަމަށާއި އަދި ބޭރަށް ދާ ފަރާތްތަކަށް 500 ޑޮލަރު ވިއްކި ނަމަވެސް އެހެން ބޭނުންތަކަށް ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރު ވިއްކަމުން ގެންދާނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. އެގޮތުން ޓިއުޝަން ފީ އާއި ބޭސް ފަރުވާ އަށް އަދި ވިޔަފާރީގެ ބޭނުންތަކަށް ވެސް ޑޮލަރު ވިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮލަރު ގަންނަން ދާއިރު ކޮންމެ މީހަކު ވެސް އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އިތުރުން ރާއްޖެ އިން ބޭރަށް ދިއުމަށް ނަގާފައިވާ ޓިކެޓު ގެންދަން ވާނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
މިހާތަނަށް ބީއެމްއެލް އިން އާންމުކޮށް ކޮންމެ މީހަކަށް ވިއްކަމުން އައީ ކޮންމެ ދުވަހަކު ވެސް 200 ޑޮލަރެވެ.