މިފްކޯ އިން މަސް ގަންނަ އަގު ދަށްކޮށްފި

45411334_10156181844518075_2424679269620776960_n.jpg

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ކިލޯއަކުން ދެ ރުފިޔާ މިއަދު ދަށް ކޮށްފި އެވެ.

މިއީ މި މަހުގެ 20 ވަނަ ދުވަހު މިފްކޯއިން  މަސް ގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ދޫކޮށްލުމަށް ފަހު  ސަރުކާރުން މަސް ގަންނަ އަގަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. މީގެކުރިން މިފްކޯއިން އައިސް އަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާ ކަންނެލި ގަންނަމުން ދިޔައީ ކިލޯއެއް 20 ރުފިޔާއަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް ގަންނަމުން ގެންދިޔައީ 18 ރުފިޔާ އަށެވެ.

މިއަދު އަގަށް ގެނައި ބަދަލާއި ގުޅިގެން މިފްކޯގެ ސައިޓް ތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ 18 ރުފިޔާއަށް ކަމަށާއި، އައިސް ނާޅާ މަސް ގަންނަނީ 16 ރުފިޔާއަށް ކަމަށް މިފްކޯ އިން ބުނެ އެވެ. މީގެއިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި 10 ރުފިޔާއަށް މިފްކޯ އިން ގަންނައިރު 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނި ނުކޮށް ގަންނަނީ 8 ރުފިޔާއަށެވެ.

މިފްކޯ އިން ބުނީ މަސް ގަންނަ އަގު ކަނޑައަޅާފައި ވަނީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަދަލު އަންނައިރަށް މިފްކޯ އިން ވެސް މަސް ގަންނަ އަގު ބަދަލުކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މިއާއެކު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅާފައެވެ. މިގޮތުން  1.5 ކިލޯ އަށްވުރެ ބަރު މަހާއި ކަންނެލި ކިލޯއެއް ގަނެވޭނެ އެންމެ ދަށް އަގަކީ 13 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 1.5 ކިލޯއަށްވުރެ ދަށް މަހާއި ކަންނެލި ކިލޯއެއްގެ އެންމެ ދަށްކޮށް ގެނެވޭނެ އަގަކަށް ހަމަޖައްސާފައިވަނީ 5.15 ރުފިޔާ އަށެވެ.

މިސަރުކާރު ވެރިކަމަށް އައީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދޭނެ ކަމުގެ ވައުދާ އެކުގަ އެވެ. . ނަމަވެސް ވެރިކަމަށް ދެއަހަރު ވީއިރުވެސް އެބުނާ ހަމައަގަކީ ކޮބައިކަމެއް ރައްޔިތުންނަށް އެނގިފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top