ދުވާފަރު ހުރިހާ ކައުންސިލަރުން ސަސްޕެންޑް

large_155889776460fQgn-1.jpg

ރ. ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފިއެވެ.

ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑުކުރަން ނިންމީ އިއްޔެ ބޭއްވި އެލްޖީއޭގެ ޖަލްސާގައެވެ. އެ ކައުންސިލް ހިންގުން މިހާރު ހަވާލުކޮށްފައިވަނީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު އާއެވެ.

ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި އެއްވެސް ގޮތަކަށް ކައުންސިލް ތަމްސީލުކުރުން ވަނީ މަނާކޮށްފައެވެ.

ދުވާފަރު ކައުންސިލްގައި މިހާރު ތިއްބަވަނީ ހަ ކައުންސިލަރުންނެވެ. އެ ކައުންސިލްގެ މެންބަރު އަހްމަދު ސަމޫހު ވަނީ އިސްތިއުފާދެއްވާފައެވެ. އޭނާގެ ބަދަލުގައި ކައުންސިލަރަކު އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަން އޮންނާނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ދުވާފަރު ކައުންސިލަށް ތުހުމަތުވާ ވައްކަމުގެ މައްސަލަ ހާމަވީ އެލްޖީއޭއިން އެކުލަވައިލި ހާއްސަ ރިޕޯޓަކުންނެވެ. އެ ރިޕޯޓުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައެވެ. އެގޮތުން އެ ރިޕޯޓުގައި ޖުމުލަ 34 މައްސަލައެއް ފާހަގަކޮށްފައިވެެއެވެ.

އެ ރިޕޯޓުގައި ވަނީ ލާމަރުކަޒީ ގާނޫނާއި، އެގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާކަމަށެވެ.

އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top