މުހައްމަދު ސަމީރު: އޭދަފުއްޓަށް އާ ކަންތައްތަކެއް ތައާރަފް ކޮށްދެއްވި ޝަޚްސިއްޔަތެއް.

DSCN9239.jpg

އޭދަފުށީ ގުލްއަލާމާގޭ މުހައްމަދު ސަމީރު-57އ. . އީވީ ފޮޓޯ

(ގައްޔޫމް+ނަސީރު)

މިއީ އޭދަފުށީ ގުލްއަލާމާގޭ މުހައްމަދު ސަމީރުގެ ވާހަކައެވެ. ވާހަކަ ތަފާތު ވެގެންދަނީ އޭނާއަކީ އޭދަފުށީގައި އެންމެ ފުރަތަމަ ކިޔާފައި ގިނަ ކަންތައްތަކެއް ތައާރަފް ކުރި މީހަކަށް ވާތީއެވެ. އެހެން ގޮތަކަށް ބުނާނަމަ ޒަމާނާ އެއް ހަމައަށް އޭދަފުށި ފައި ހަމަކުރުމަށް ފަރުދީ ގޮތުން ސަމީރު ވަނީ އެހެން މީހުންނަށް ފާހަގަ ކުރެވިފައިނެތް ގިނަ ކަންތައް ތަކެއް އޭދަފުއްޓަށް ކޮށްދީފައެވެ. އެއީ އޭނާ ހަދާފައިވާ ރެކޯޑްތަކެއްގެ ގޮތުގައި ތާރީޚުގައި ލިޔެވެން ޖެހޭނެ އާ ކަންތައް ތަކެކެވެ. އަހަންނާއެކު އެވާހަކަތަކާ ހަމައަށްޖެހިލަމާ ހިނގާށެވެ.

ފުރަތަމަ ކަމަކީ ސަރުކާރުގެ މަތީ މަގާމް ދޫކޮށްލާފައި ރަށަށް އައުމެވެ.

ފުރަތަމަ ކަމަކީ މާލޭގައި އޭނާ އަދާކުރަމުން އައި ސަރުކާރުގެ މަތީ މަގާމް ދޫކޮށްލާފައި އެނބުރި ރަށަށް އައުމެވެ. ސަރުކާރުގެ އިސް މަގާމެއްގައި ހުރެ ރަށަށް އައީ އެއަށްވުރެ ރަނގަޅު ގޮތެއް ހޯދުމަށެވެ.

1978ވަނަ އަހަރު ރަށުން ކިޔަވައިގެން މާލެގޮސް ސަނަދު ނަގައިގެން ވަޒީފާ ހޯދަން ބުރަ މަސައްކަތެއް ނުކޮށް ލިބުނު ފުރަތަމަ ވަޒީފާއަކީ މިނިސްޓްރީއޮފް އިންފޮމޭޝަންގެ އެއް ނަންބަރު ކާތިބު ކަމެވެ. އެއޮފީހުގެ ސެކްރެޓަރީ ކަމުގެ މަގާމާ ހަމައަށް ދާޚިލު ވުން ވެސް އަވަހެވެ. އެންމެ ދޮޅު އަހަރު ދުވަހުގެ ތެރޭގައެވެ. އޭރުގެ ސެކްރެޓަރީ ކަމަކީ މިހާރަށް ބަލާނަމަ ޑިރެކްޓަރ ކަމެވެ.

5އަހަރަށްފަހު 1983ގައި ސަމީރު ރަށަށް އެނބުރި އައީ އެންމެންގެ ލަފައާއި ދެކޮޅަށެވެ. އޮފީހުގެ ވެރިންނާއި އާއިލާ އާއި އެކުވެރިންނާ ވެސް ދެކޮޅަށެވެ. އެކަމަކު އެކަކު އޭނާގެ މި ނިންމުމަށް މަރުހަބާ ކިއެވެ. އޭނާ ގަބޫލުކުރީ މި ލަފާދާރުގެ ބަހެވެ.

“އެއީ އަހަރެމެން އެންމެން ބޮޑުބޭބެ ކިޔާ މަރުހޫމް އަބްދުލް ހަލީމް. އޭނާ ބުނުއްވި ސަމީރަކީ ކިޔަވައިގެން ހުރި މީހެކޭ. ކިޔަވައިގެން ހުރި މީހެއް ވިއްޔާ ކޮންމެ ތަނަކު އުޅުނަސް އެމީހަކު ބާކީނުވާނެ އޭ. ތިޔައީ ރަނގަޅު ނިންމުމެކޭ. އެކަން މިއަދުވެސް ހަނދާން ކުރަން.” އަބްދުލްހަލީމުގެ ހަނދާން އާކުރަމުން ސަމީރު ބުންޏެވެ.

އެވާހަކައަކީ ސަމީރުގެ ދިރިއުޅުން ބަދަލު ކޮށްލި ބޮޑު ވާހަކަ އެވެ. އަދި އެއީ ނޭވާލެވޭ ކޮންމެ ހިނދަކުވެސް ހަނދާން ނެތިގެން ނުދާނެ މިއަދާ ހަމައަށްވެސް ދިރިއުޅުމަށް މަގު ދައްކައިދިން އަގުބޮޑު ބަސްކޮޅަށް ވަނީ ވެފައެވެ. އޭނާ ކުރިއަށް ދިޔައީ އެ ވާހަކަކޮޅުން ހިތްވަރު ލިބިގެންނެވެ. އޭނާއަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުއާ ކުރަމުންނެވެ.

ރަށަށް އައިއިރު އޭދަފުށީގެ އުތުރު ފަރާތުގައި ޖެހިގެން އޮތް ކުންފުނަދޫ ނުވަތަ މިހާރުގެ ސޮނެވާފުށި އޮތީ ރިސޯޓެއްގެ ކުލަ ހުވަފެނުގަ އެވެ. އެކަމަކު އެރަށުން ވަޒީފާއެއް ހޯދީ ދާއިމީ ކަމަކަށް ބަލައިގެން ނޫނެވެ. އާކަމެއް ފެށުމުގެ ގޮތުން ފައިސާ އަކީ އެކަމުގެ މުހިއްމު ގުނަވަނަކަށް ވާތީއެވެ. ދެ އަހަރެއްހާ ދުވަސް އުޅެފައި އެވަޒީފާ ދޫކޮށްލީ އެހެންވެގެންނެވެ.

އާ ކަމަކަށް ބަލައިގެން އޭނާ ފެށީ ވިޔަފާރި އެކެވެ. ތަފާތު ގޮތަކަށެވެ. އޭދަފުށީގައި ވިޔަފާރި ކުރާ މަދު ފިހާރައެއް ހުއްޓަސް ވިއްކަން ހުންނަނީ އާއްމު ދިރިއުޅުމަށް ބޭނުންވާނެ އަސާސީ ތަކެއްޗެވެ. އޭނާ ބަދަލުކޮށްލީ އެނޫން ތަފާތު ވައްތަރުތައް ލިބެން ހުންނަ ފިހާރައަކަށެވެ. ރީތިވާ އެއްޗިއްސާ ލަގްޒަރީ ސާމާނުވެސް ހިމަނައިގެންނެވެ. އެގޮތުން އޭނާ އުފަންކުރި ”އަރަނި ” މިހާރު އުމުރުން 35 އަހަރުވެފައިވާއިރު މިއަދުވެސް ދައްކަމުން އެގެންދަނީ އެތަފާތެވެ. އެތައް ގޮތަކަށް ބަދަލުވެ ތަފާތު އެތައް ވައްތަރެއްގެ ވިޔަފާރިއަކަށް ފުރޮޅެމުން ގޮސް މިއަދުވެސް އެތަނުން ވިއްކަމުން ގެންދަނީ އާ ބާވަތްތަކެކެވެ. އެކިވައްތަރުގެ ނަޓްސް އާއި އެކި ބާވަތްތަކުގެ ކަދުރަށް ޚާއްސަކޮށްގެން ވިއްކާ ފިހާރައެއްގެ ގޮތުގައެވެ. އެހެންނަމަވެސް ”އަރަނި ”އަރަނީގެ ގޮތުގައި އިޝްތިހާރުވެފައިވާ މުދާތައް ހަރުގަނޑުމަތިން ނަގައި އެތަކެތީގެ މަތިން ހަނދާން ނައްތާލާފައެއް ނޫނެވެ.

ސަމީރުގެ ތަފާތަކީ އޭނާ ތައާރަފް ކުރާ އާ ވިޔަފާރި ތަރައްގީކުރުމާއެކު އަނެއްކާވެސް އާކަމެއް ފެށުމެވެ. ޝަރުތަކީ އެއީ ރައްޔިތުންނަށް ބޭނުން ބޮޑު ވިޔަފާރިއަކަށް ވުމެވެ.

އޭދަފުށީގެ އެންމެ ފުރަތަމަ ފޮޓޯ ގްރާފަރަކީ ސަމީރެވެ.

ސަމީރުގެ ކެމެރާގެ ފޯކަސް، އޭދަފުއްޓަށް ސީދާ އަމާޒު ކުރުމުގެ ކުރިން އެހެން ފޮޓޯގްރާފަރަކު މި އޭދަފުށިގައި އުޅެފައިވާކަން ކަށަވަރު ކުރެވިފައެއް ނެތެވެ. މިކަމާބެހޭ ގޮތުން ވާހަކަ ދައްކަމުން ސަމީރު ބުންޏެވެ.

“ފޮޓޯ ނެގުމުގެ ޚިޔާލު އައީވެސް އާ ކަމެއް ފެށުމުގެ ގޮތުން. އެކަމަކީ ރަށުގެ މީހުން ބަލައިގަންނަ ކަމަކަށް ވާނެކަމަށް ބަލާފައި. އެއީ 80ގެ އަހަރުތަކުގެ ފަހުކޮޅު. ވިޔަފާރީގެ އުސޫލަށް މުޅިން ނުފެތުނަސް ގެއްލުމެއް ނުވާނެކަމަށް ފެނިގެން ފެށީ.”

ސަމީރުގެ ކެމެރާ، ރެސްޓު މޯޑުގައި ގޭގައި ބާއްވަން މާގިނަ ވަގުތު ތަކެއް ނުލިބެއެވެ. ކުދިންގެ އުފަން ދުވަހުގެ ޕާޓީތަކާ ވެޑިންގ ޕާޓީތަކާ ވަކިވަކި ކުދިންނަށް ރަށުގައި ތިބެގެން ފޮޓޯ ނަގަން ލިބުމުގެ ފުރުސަތު ފަހިވެގެން ދިއުމާއެކު އެ އުފަލުގެ ބާރު ބޮޑުކުރަމުން އައީ ސަމީރުގެ ކެމެރާއަށެވެ. އަދި ކޮބާ ހެއްޔެވެ. އެކިއެކި ޖޯޑުތަކާއި ބިޖޯޑުތައް ސިއްރު ސިއްރުން ކެޕްޗަރ ކޮށްލަން ބޭނުންވިޔަސް އެކުދިންގެ ހަނދާނަށް ފުރަތަމަ އަންނާނީ ސަމީރުއެވެ. އެހެންވުމުން އެންމެ ކެމެރާއަކުން ނުފުދި އިތުރު ކެމެރާ ހޯދަން ޖެހުނީއެވެ.

“ފުރަތަމަ ގެންގުޅުނީ އާދައިގެ ކެމެރާއެއް. އެއީ މިހާރު މިގެންގުޅޭ ކަހަލަ ޑިޖިޓަލް އޮޓޮމެޓިކް ކެމެރާއެއް ނޫން. ދެން ހަތަރު ފަސް ފިލްމުވަރު ހުސްކޮށްލާފައި މާލެގޮސް ފިލްމުތައް ޕްރިންޓް ކޮށްގެން ގެންނަނީ. އެކަމަކު ފަހުން ޑިމާންޑް ބޮޑުވެ ތިން ހަތަރު ކެމެރާވެސް ގެންގުޅެން ޖެހުނު.” ސަމީރު ކިޔައިދިނެވެ.

20 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އޭދަފުށީގައި ހުރި ހަމައެކަނި ފޮޓޯގްރާފަރަކީ ސަމީރުއެވެ. އެހާދުވަސް ވީއިރު އޭދަފުށީގައި އެންމެ ތަޖުރިބާ ހުރި މޮޅު ފޮޓޯގްރާފަރުގެ ނަންވެސް ސަމީރުއަށް އޮތީ މިލްކު ވެފައެވެ. އެހެންނަމަވެސް ޒަމާނަށް އައި ތަރައްގީގެ ބޮޑެތި ބަދަލުތަކާއެކު ޑިޖިޓަލް ދުނިޔެއަކަށް ބަދަލުވެ ފޮޓޯނެގޭ ފޯނާއި އައިޕެޑްފަދަ ތަކެތީގެ ބާރު ގަދަކުރުމުން ސަމީރުގެ ކެމެރާތައް މަތާރަންފިލާގައި ބާއްވަން ޖެހުނީއެވެ. އެކަމަކު އޭދަފުށީގެ އެންމެ ފުރަތަމަ ފޮޓޯ ގްރާފަރުގެ ރީތި ނަމާއެކު ތާރީޚު ތެރެއަށް ދޫކޮށްފައެވެ.

އެންމެ ފުރަތަމަ އޭދަފުށީގައި އެޖެންސީ ޕޯސްޓް އޮފީހެއް ހިންގެވީ ސަމީރުއެވެ. 1986 ވަނަ އަހަރު އޭނާ މިކަން ކުރެއްވީ ފިހާރަވެސް ހިންގަމުން ފޮޓޯގްރާފަރެއްގެ މަސައްކަތްވެސް ކުރައްވަމުންނެވެ.

“އެއީ އިއްތިފާގެއް. ޕޯސްޓް އޮފީހުން އޭދަފުށީގައި އެޖެންސީ ޕޯސްޓު އޮފީހެއް ހިންގުމަށް ބޭނުންވެފައި ހުރި ވަގުތެއްގައި އެއޮފީހާ ގުޅުން ހުރި ރައްޓެއްސަކު ދިމާވެގެން އޭނާ ހުށައެޅިކަމެއް. އާކަމަކަށް ވެފައި ރަށުގެ ތަރައްގީއަށް އެޅޭ ފިޔަވަޅަކަށް ވާތީ އޭނާއާ ގުޅިގެން ފެށީ.” މަސައްކަތް ފަށަން ދިވާވި ގޮތް ސަމީރު ކިޔައިދެއްވިއެވެ.

މި މަސައްކަތް ވިއްސަކަށް އަހަރު ކާމިޔާބު ކަމާއެކު ކުރެއްވުމަށްފަހު އެޖެންސީ ޕޯސްޓް އޮފީސް ބަންދު ކުރަން ޖެހުނީ އޭދަފުށީގައި ރަސްމީ ޕޯސްޓު އޮފީހެއް ހިންގަން ފެށުމުންނެވެ.

އޭދަފުއްޓަށް އަލަށް ވޭނެއް ގެނެސް ދުއްވަންފެށީ ސަމީރުއެވެ.

އެމަސައްކަތް ފެށުނު ގޮތް ސަމީރު ކިޔައިދެއްވިއެވެ.

”ވިޔަފާރިއަށް މާލެއިން ގެންނަ މުދަލާއި އެއްތަނުން އަނެއް ތަނަށް ގެންދަންޖެހޭ ބަރު ތަކެތި އުފުލަން މިޖެހެނީ ކޮނޑު މަތީގައި. އެގޮތަށް ބުރަ މަސައްކަތް ކުރުމަކީ ކުޑައިރު ވެސް ނުކުރާ ކަމަކަށް ވާތީ ފުރަތަމަ ހިތަށް އެރީ ވީލް ބަރޯއެއް ގެންނަން. އޭރު ބަރޯއަކީވެސް ރަޖިސްޓްރީ ކުރަންޖެހޭ އެއްޗެއް. އެހެންވިޔަސް ބަރޯއެއް އޭދަފުއްޓަށް ފުރަތަމަ ގެނައީ އަޅުގަނޑު. ބައި ޓަނު ހަމަނުވާ އުނޅަދެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްގެން ފީދައްކައިގެން.” ސަމީރު ތަފްސީލު ކޮށްދެއްވި އެވެ.

މި އިންވެސްޓްމަންޓުން ވެސް ސަމީރުއަށް އިތުރު ކުރިއެރުމެއް ލިބިގެން ދިޔައެވެ. އަމިއްލަ މުދާ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ލުއި ފަސޭހަ އާއެކު މީތި ތައާރަފްވެ ކުއްޔަށް ހޯދަން އަންނަ މީހުންވެސް އިތުރު ވިއެވެ. ހަމަ އެއާއެކު ރަށަށް މަޑުމަޑުން ބަރޯތައް އިތުރުވާން ފެށިއެވެ. އެހެންވީމާ ދެން ޖެހުނީ ބަރޯ އަށްވުރެ ބޮޑު އުޅަނދެއް ހޯދާށެވެ.

“ޑަމްޕަރެއް ގެނެވޭތޯ ބެލީ. އެކަމަކު އެކަން ނުވީ. ދެން ގެނައީ ސެކަންޑް ހޭންޑް ވޭނެއް. 1995ގަ.” އޭދަފުއްޓަށް އެންމެ ފުރަތަމަ އިންޖީނުލީ އެއްގަމު އުޅަނދެއް ގެނައި ގޮތް ސަމީރު ކިޔައިދެއްވިއެވެ.

މީގައި ފާހަގަ ކުރެވޭ އެހެން ކަމެއްވެސް އެބައޮތެވެ. އޭނާ ގެނައީ ބޭނުން ކޮށްފައި އޮތް ނުވަތަ ސެކަންޑް ހޭންޑް ވޭނެކެވެ. އެކޮންޑިޝަންގައި އޮތް އެއްޗެއް ނަމަ އޭތި މަރާމާތު ކުރަން ޖެހުން އޮންނާނީ ވަރަށް ކައިރީގައެވެ. އެކަން ދަންނަ މީހަކު ނެތެވެ. ދެން ރެންޗު ފޮށި ހިފައިގެން ނުކުންނަން ޖެހުނީ އޭނާ އަށެވެ. މުޅިން އަލަށެވެ. އެކަމަކު ނުވާނެއޭ ކިޔާފައި މަސައްކަތެއް ނުކޮށް އުއްމީދު ކަނޑާލުމަކީ އޭނާ ދަންނަ ކަމެއް ނޫނެވެ. އެއްވެސް ކަމެއްގައި އެހެން މީހެއްގެ އެހީތެރިކަން ހޯދާނީ އެކަން ކުރަން އުޅެ، ނުވެގެންނެވެ.

މިއީ މަދު މީހެއްގެ ނޫނީ ހުންނަ ސިފައެއް ނޫނެވެ. ކޮންމެ ކަމެއް ކުރަން ޖެހުނަސް އެހެން މީހުންގެ އެހީއަށް އެދުމަކީ އަހަރެމެންގެ ކިބައިގާ ހުންނަ ރަނގަޅު ކުރަން ޖެހޭ ސިފައެކެވެ.

ސަމީރު ރެންޗު ފޮށީ ހިފައިގެން ނުކުމެ ފުރަތަމަ ފިލާވަޅު ނެގީ މާލެއާ ގުޅައިގެން މާލޭގައި ހުންނަ އޭނާގެ ޅިޔަނުގެ ގާތުންނެވެ. އެއީ މޮޅު މެކޭނިކެކެވެ. އެހިސާބުން އެއޮތީ ފެށިފައެވެ.

ވޭން ގެ ބޭނުން ކުރީ އޯލް އިން ވަން އެއްގެ ގޮތުގައެވެ. އޭދަފުށީގައި މި ވޭން ނޫނީ ދުއްވާ އެއްޗެއް ނެތުމާވެސް އެކުގައެވެ. އެމްބިއުލާންސަކީވެސް ޓެކްސީއަކި ވެސް އެއީއެވެ. ގޭގެ ރާނަން ވެއްޔާއިގަލާއި ސިމެންތި އާއި ލަކުޑި އުފުލަނީވެސް އޭގައެވެ.

އެކަމަކު ދެން ދިމާވީ ބޮޑު ގޮން ޖެހުމަކާއެވެ. ވޭންގެ ފުރޮޅު ބަދަލު ކުރަން ޖެހިއްޖެ ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ނޫނީ އެތެރެހަން ފަޅައިގެން ހިނގައްޖެނަމަ ހަން ބެއްދުން ނުވަތަ ބަދަލު ކުރެވޭނެ ގޮތެއްވެސް އޮންނަން ޖެހޭނެ އެވެ. މެކޭނިކަލް ގަރާޖެއް އުފަންވި ސަބަބަކީ މިއީއެވެ.

އޭދަފުށީގައި ފުރަތަމަ ގަރާޖެއްގެ ޚިދުމަތްދޭން ފެށީ ސަމީރުއެވެ.

ސަމީރުގެ އާއިލީ ގޭގެ ދެކުނުފަރާތުގައި އޮތް ކުޑަކުޑަ ހުސްތަންކޮޅުގައި ހުޅުވި ގަރާޖަކީ އޭދަފުށީގައި ހުޅުވުނު ފުރަތަމަ ގަރާޖެވެ.

ގަރާޖެއްގެ ޚިދުމަތް ދިނުމަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކީ މިކަހަލަ މަސައްކަތުގެ ޓްރޭނިންގެ ލިބިފައިވާ މީހަކު ރަށުން ނުލިބުމެވެ. ސީދާ ޅިޔަނާ ގުޅައިގެން ފޯނުން ވާހަކަ ދައްކާލައިގެން އޮޅުން ފިލާވަރަށް ވުރެ ބޮޑުކަންތައްތަކަކަށް ވުމާއެކު ދެން އޮތް ހަމަެކަނި މަގަކީ މާލެ ގޮސްގެން މިކަން ދަސްކުރުމެވެ. އެހެންނަމަވެސް ހާލަތު ހުރި ގޮތުން މާލޭއަށް އެދުވަސް ވަރު ދެވެން ނެތީއެވެ. އެހެންނަމަވެސް ހީނުކުރާ ފަދަ ގޮތަކަށް  އެކަންވެސް ރަށުން ދަސްކުރެވޭނެ މަގު ތަނަވަސް ވިއެވެ.

އެދުވަސް ވަރަކީ ސަރުކާރުން އޭދަފުށީގެ އުތުރު ފަރާތު ފަޅު ކޮންނަމުން ދިޔަ ދުވަސްވަރެވެ. އެކަމަށް ގެންގުޅުނު ޑަމްޕަރާ ހައިމާކްފަދަ ވެހިކަލްތަކަށް ވައިޖަހާ ގޮތާ ފުރޮޅު ނައްޓާ ގޮތާ އެކިއެކި ޕާޓްސް ބަދަލު ކުރާ ގޮތްތަކަށް ދާންދެން އެމީހުން ގާތުން އަހައި ދަސްކުރީއެވެ.

އެގަރާޖް ތަރައްގީ ވަމުން އައިސް މިއަދު އެތަން އެހެރީ ގަރާޖެއްގެ ޚިދުމަތް ފަސޭހައިން ދެވޭ ގޮތަށް ޑިޒައިން ކޮށްގެން އޭނާގެ ގާބިލް ދަރިފުޅު ހިންގަމުން އަންނަ މަޝްހޫރު އާފްރޯގެ ނަންބޯޑުގައެވެ. ސަރުކާރު ގަބޫލުކުރާ ފެންވަރަށް އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް ހެދޭ ގަރާޖަކަށް އޭދަފުށީގައި ހުރި ހަމައެކަނި ގަރާޖަކީ އެއީއެވެ.

އޭދަފުށީގައި އެންމެ ފުރަތަމަ ގަޑިއަށް ބެޓެރީ ލައްވައިދިނުމުގެ ޚިދުމަތްދޭން ފެށީ ސަމީރުއެވެ.

ރައްޔިތުންނަށް ބޭނުން ބޮޑުކަމަކަށް ފެނިގެން ދެން ސަމީރު ފެށި މަސައްކަތަކީ އިލެކްތްރޯނިކް އާލާތަތަކަށާއި ގަޑިއަށް ބެޓެރީ ލައްވައިދިނުމުގެޚިދުމަތެވެ. މި ޚިދުމަތް ދެމުން ގެންދާތާވެސް މިހާރު 20 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

“އަތުގައި އަޅާފައި އޮންނަ ގަޑި ބެޓެރީ ޑައުން ވެގެން ހުއްޓުނީމާ ދެން މި ދާން ޖެހެނި މާލެއަށް އެގަޑިއަށް ބެޓެރީ ލައްވަން،. ނޫނީ މީހަކާ ހަވާލު ކުރަން ޖެހެނީ. އަޅުގަނޑު ބެލީ އެކަން ކުރެވެން އޮތީ ކިހިނެއްތޯ. ދެން މާލެއިން ރީފްސައިޑުން ބެޓެރީ އާ އެހެން ތަކެތި ގަނެގެން ގެނަސް މަސައްކަތް ފެށީ.”

ގަޑިއަށް ބެޓެރީ ލެއްވުމާއި ކަމަރު ބަދަލު ކުރުމުގެ ޚިދުމަތް ތަކާއެކު ގިނަ ބާވަތްތަކުގެ ބެޓެރީ އޭދަފުށީގައި ލިބޭ ހަމައެކަނި ފިހާރައަކީ ސަމީރުގެ ”އަރަނި” ފިހާރަ އެވެ.

އަދި އެއް ވާހަކަ އެވެ. އޭނާއަކީ މޮޅު ފެހުން ތެރިއެކެވެ. އޭނާ ބޭނުންވާ ގޮތަށް ގަމީސް ނުފެހޭތީވެ ފަހަން ވެސް ދަސްކުރީއެވެ. އެންމެ ފުރަތަމަ ގަމީހެއް އެންމެ ދެ ރުފިޔާ އަށެވެ. އެއީ މީގެ 30 އަހަރު ކުރިއެވެ. ނަމަވެސް އޭރުވެސް އޮންނަނީ ލިބޭ އޯޑަރަށް ބުނާ ވަގުތަށް ނުފެހިފައެވެ. ކުރުކޮށް ބުނާ ކަމަށް ވަންޏާ ހަމަ ރަނގަޅު ފަހާ މީހަކަށް ވެފައެވެ.

މިއަދަށް ބަލާއިރު ފަހައިގެން ގަމީސް ލައި އުޅޭ މީހުން ބޮޑުތަނުން މަދުވުމުން ފަހާފޮށި ކައިރީގަ އިންނަން ޖެހޭ ވަގުތު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެކަމަކު އޭނާގެ އުމުރުން 57 އަހަރު ފާއިތުވެގެން ދާއިރު އަދިވެސް ސަމީރު ގިނައިން ލައި އުޅެނީ އަމިއްލަ އަތުން ފަހާ ގަމީހާއި ފަޓްލޫނެވެ.

ސަމީރުގެ ދިރިއުޅުމަށް ވިސްނާއިރު އޭދަފުއްޓަށް އާކަންތައް ތަކެއް ތައާރަފް ކޮށްދެވިއްޖެ ކަމުގެ ހިތްހަމަޖެހުން އެބައޮތެވެ. ދިރިއުޅުންވެސް ވަރަށް އުފާވެރިކަމަށް ބުންޏެވެ. ހަމައެއާއެކު ސަރުކާރުގެ މަތީ މަގާމެއް ދޫކޮށްލާފައި މާލެއިން ރަށަށް ބަދަލުވުމަކީ ހަޔާތުގައި އެޅޭނެ އެންމެ ކަތި ފިޔަވަޅޭ ބުނި މީހުންނަށް އޭނާގެ ދިރިއުޅުމުން މިހިސާބަސް އައި ގިތް އެއީ އެކަމަށް އެކަށީގެންވާ ޖަވާބެވެ. ކިޔެވުމުގެ މާނައަކީ ނުވަތަ ކިޔަވައި މޮޅުވާން ޖެހެނީ ޓައީ އަޅައިގެން އޮފީހެއްގެ މަތީ މަގާމެއް ހޯދުން ނޫންކަން ސަމީރުގެ ދިރިއުޅުމުން ކިޔައިދީފިއެވެ.

ސަމީރު ގަބޫލު ކުރަނީ އާއިލާއެއްގެ ޒިންމާދާރު ވެރިއެއްގެ މަގާމުގައި ހުރެގެން ދިރިއުޅުމުގައި ކުރިމަތިލި ހުރިހާ ބައިވެރިވި ހުރިހާ އިމްތިހާނަކުން މޮޅުވެފައިވަނީ އުމުރުން 18 އަހަރު ގައި ލިބުނު އަގުބޮޑު ވަޒީފާ ދޫކޮށްލަން ޖެހުނު ސަބަބެވެ. ތަފްސީލަށް ނުގޮސް ދުލުން ބޭރުކޮށްލީ މައުނަވީ ބަސްކޮޅެކެވެ.

“ބިރުވެރިކަމުގައި ހުރެ ލިބޭ މީރު ހަލުވާ ކޮޅަކަށްވުރެ މިނިވަން ކަމުގައި ލިބޭ ހިކި ރޮށި ކޮޅުވެސް މާމީރު. ހަމަ އެމީރުކަން މިހާރު އޮތީ.” އޭނާގެ ރަސްމީ ލުއިލުއި ހިނިތުން ވުމުގައި ހުރެގެން މި ބަސްކޮޅު ބުނެލިއެވެ.

މި އިލްމީ ބަސްކޮޅު ސަމީރުގެ ދުލުން ތަކުރާރު ކުރަމުން ދިޔައިރު އޭނާ އިނީ އެންމެ ތުއްތު ދުވަސްވަރު ފިޔަވަޅުގަނޑު ޖަހަން ފެށީއްސުރެ މިއަދާ ހަމައަށް ވެސް އޭނާއާ ވަކިވުމެއް ނެތް، މުޅިއުމުރު އެއާއެކު ހޭދަކުރި ގޭގެ ދެކުނު ފަރާތުގައި އެލުވާފައިހުރި އުދޯލާގައި ހެއްލާލަ ހެއްލާލައެވެ.

 

 

 

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top