ބ.އަތޮޅު ހޮސްޕިޓަލަށާއި އަތޮޅުގެ ދެންއޮތް 12 ރަށަށް ސޮނެވާފުށި ރިސޯޓުން ސިއްހީ ސާމާނު ހަދިޔާ ކޮށްފިއެވެ.
މިއަދު ހަވީރު 3 ޖެހިއިރު ބ.އަތޮޅު ހޮސްޕިޓަލުގައި ވާޗުއަލްކޮށް އޮތް މި ރަސްމިއްޔާތުގައި ސޮނެވާފުށީގެ ފަރާތުން މި ތަކެތި ހަވާލު ކުރެއްވީ ސޮނެވާކުންފުނީގެ ސީއީއޯ ސޯނޫ ސިވްދަސާނީ އެވެ. މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
މި ރަސްމިއްޔާތުގައި ސޯނޫ ވިދާޅުވީ ސޮނެވާ ކުންފުނިން ވިޔަފާރި ހިންގާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއްކަމުގައެވެ. އަދި ބ.އަތޮޅު ހޮސްޕިޓަލަށާއި އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް އެހީތެރިވުމަކީ އެގޮތުން ކުރެވޭ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
ސޮނެވާއިން ހަދިޔާ ކުރި ސިއްހީ އާލާތްތަކުގެ ތެރޭގައި ވިއްސާކޮޓަރި ތަކަށާއި ޑްރެސިން ކޮޓަރިތަކަށް ބޭނުންވާ އާލާތްތަކުގެ އިތުރުން ކޮންސަލްޓޭޝަން ކޮޓަރިތަކަށް ބޭނުންވާ ސާމާނާއި ވޯޑުތަކަށް ބޭނުންވާ ސާމާނު ހިމެނެ އެވެ. ސޮނެވާއިން ބުނީ މިއާލާތްތަކުގެ އަގު 27،000 ޑޮލަރަށް ވުރެ ދަށްނުވާނެ ކަމުގައެވެ.
ރަސްމިއްޔާތަށްފަހު މިތަކެއްޗާއެކު ސޮނެވާފުށިން ދެ ބޭފުޅަކު ވަޑައިގެން މިހާރުވަނީ އަތޮޅު ހޮސްޕިޓަލާ ހަވާލު ކުރައްވާފައިކަމަށް އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ބ.އަތޮޅުގެ ތިމާވެއްޓަށާ ސިިއްހީ ރޮނގުން ސޮނެވާފުށީގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަ ކޮށް ހެލްތު މިނިސްޓަރުވަނީ ވަރަށްބޮޑަށް ޝުކުރުއަދާކޮށްފައެވެ.