އަންނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑް ދޭން ފެށޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން އަދި ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅު ވީކޮވިޑް ވެކްސިން ހޯދުމަށް އުފައްދާފައިވާ ގްރޫޕް “ކޮވެކްސް” މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ހޯދަން ހުށަހެޅި ލިޔުން މިއަދު ބަލައިގަނެފައިވާ ކަމަށެވެ.
ރާއްޖެ އަށް ގެންނަން ނިންމާފައިވަނީ ކޮން ވައްތަރެއްގެ ވެކްސިނެއްކަން އަދި ނިންމާފައި ނުވާ ކަމަށާއި ވީހާ އަވަހަކަށް ވެކްސިން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އަދި އުއްމީދަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ޖަހަން ފެށުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެގޮތުން ކޮވިޑް ވެކްސިން ދިނުމުގައި ފުރަތމަ އިސްކަން ދޭނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާ 80 އަހަރުން މަތީގެ މީހުން ނަށް ކަމަށް ވެކްސިން ޖަހައިގެން ކުރިމަތިވާ އަސަރުތައް ދިރާސާކޮށް ބަލާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.
ދެން ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ކަމަށް 50 އަހަރުން ދަށުގެ މީހުންގެ ތެރެއިން ކޮވިޑް ބަލި ޖެހިގެން ބޮޑުވަރު ވެދާނެ ފަދަ މީހުންނަށް ވެކްސިން ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް ވެކްސިން ރާއްޖޭގައި ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމަށްވާއިރު، ކޮވިޑާއި ދެކޮޅަށް އުފެއްދި ވެކްސިންތައް ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ.
ރާއްޖެއިން މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލީގައި 47 މީހަކު ވަނީ ނިޔާވެފައެވެ.