މަސްވެރިންގެ ދުވަހާ ދިމާކޮށް ނައިފަރު އަންހެނުން މަހަށް!

naifaru-fish-12-e1607527911593.jpg

ނައިފަރު އަންހެނުންގެ މަސްދަތުރުގެ ތެރެއިން... -ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މަސްވެރިކަމަށް ލޯބި ކުރާ ރައްޔިތުން ތަފާތު ޕްރޮގްރާމްތައް ހިންގަމުން ދާއިރު މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެންމެ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ޅ.ނައިފަރު ކަނބަލުން މަހަށް ދިއުމވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތުތަކަށް ބަލާއިރު މާދަމާ ފާހަގަކުރާ ރާއްޖޭގެ މަސްވެރިންގެ ދުވަހާ ދިމާކޮށް، “ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު”ގެ ފަރާތުން އިންތިޒާމްކުރި މި ދަތުރުގައި މިއަދު ހަވީރު ހަތަރެއް ޖެހިއިރު ނައިފަރުގެ 80 ކަނބަލުން 6 ދޯނީގައި ވަނީ މަހަށް ފުރާފައެވެ. އެ ދޯނިފަހަރު މަސް ބާނައިގެން އެނބުރި އަންނާނީ މާދަމާ ހަވީރެވެ.

“ދޯނިފަހަރުގެ ފަޅުވެރިން ނުހިމަނާ ޖުމްލަ 80 އަންހެނުން މަހަށް ގޮސްވީ. އުމުރުން 18 އަހަރުން ފެށިގެން 60 އަހަރާ ދެމެދުގެ އަންހެނުން ހިމެނޭނެ. މަހަށް ގޮސް، މަސްވެރިން ކުރާ ހުރިހާ މަރުހަލާއެއްގެ ތަޖުރިބާ އެ މީހުން ކުރާނެ. މިރޭ އެންމެ ފުރަތަމަ އެން ހިފާނީ. އެން ހިފައިގެން ފަތިހު ކަނޑަށް ނުކުންނާނީ.” ނައިފަރު ފިޝަމަންސް އެސޯސިއޭޝަންގެ ރައީސް ފަރުހާދު މުހައްމަދު ”ރަސް އޮންލައިން “ނޫހަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

ފަރުހާދު ވިދާޅުވީ ދޯނިފަހަރު ދުއްވުމާ ގުޅޭ ކަންކަން ފިޔަވައި އެހެން ހުރިހައި ކަމެއްގައި އިސްކޮށް ހަރަކާތްތެރިވާނީ އަންހެނުން ކަމަށެވެ.

ރާއްޖޭގެ އުތުރުގައި މަސްވެރިކަމަށް އެންމެ މަޝްހޫރު ރަށް ކަމުގައިވާ ނައިފަރުގައި އާންމުކޮށް ހުޅުވާލައިގެން މީހުން ބައިވެރިކުރި މި މަސްދަތުރުގައި އެންމެ ބޮޑު މަސް ބޭނި ދޯންޏެއް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

“ފެލިވަރު މަސް ފެކްޓަރީގެ ހާލަތު މިވަގުތު ހުރި ގޮތުން އެންމެ ގިނަ މަސް ބާނާ ބަޔަކު ހޮވަން، މަސް ކިރަން އުނދަގޫތަކެއް ހުރީމާ އަޅުގަނޑުމެން ހޮވަން ހަމަޖެއްސީ އެންމެ ބޮޑު ކަނޑުމަސް ބާނާ އެއްވަނަ، ދެވަނަ އަދި ތިން ވަނަ ދޯނި އެކަނި،” ފަރުހާދު ވިދާޅުވިއެވެ. “މިއީ ކަނޑުމަސް ދަތުރެއް. ފަރުމަހެއް ނޫން.”

މި މަސްދަތުރަށް ނައިފަރު ކައުންސިލާއި މިފްކޯ އާއި އެމް.އެން.ޑީ.އެފާއި ނައިފަރުގެ ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަން ލިބޭ ކަމުގައި ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top