110 ބައިވެރިންނާއެކު އޭދަފުށީގައި”ނަމާދު ވޯކްޝޮޕް“އެއް ފަށައިފި

viber_image_2020-12-09_06-10-33.jpg

އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން އޭދަފުށީގައި ކުރިއަށް ގެންދާ ''ނަމާދު ވޯކްޝޮޕް" ފެށުމުގެ ރަސްމިއްޔާތު

110 ބައިވެރިންނާއެކު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން އޭދަފުށީގައި “ނަމާދު ވޯކްޝޯޕް”އެއް ފަށައިފިއެވެ.

މި ވޯކްޝޮޕް އިފްތިތާހު ކުރުމަށް އިއްޔެހަވީރު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އޭދަފުއްޓަށާއި ބ.އަތޮޅަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އޭދަފުށީ އޯކިޑްވިލާ އަބްދުއްރައްޒާގް މުހައްމަދެވެ.

ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރައްޒާގް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ބޮޑެތިވަމުން އަންނަ ދަރިންނަށް ދީނުގައިވާ ގޮތަށް ނަމާދު ކުރަން ދަސްކޮށްދިނުމަކީ ކޮންމެވެސް ބަޔަކު އިސްނަގައިގެން ކުރަންޖެހިފައިވާ ކަމެއްކަމަށެވެ. އެކަމަށް އިސްނެގީތީވެ ޒުވާނުންގެ ޖަމިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

“އަދި މިކަމަށްޓަކާ ރަށުގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އިޚްލާސްތެރި ތަރުހީބުން ދައްކައިދެނީ އޭދަފުށީ ރައްޔިތުންގެ ހިތުގައި ދީނަށް އޮތް ލޯބީގެ މަތިވެރިކަމާ ދަރިން ހެޔޮމަގަށް ތަރުބިއްޔަތު ކުރުމަށް ފެންބޮވައިގެންވާ މިންވަރު” އަބްދުއްރައްޒާގު ވިދާޅުވި އެވެ.

ޒުވާނުންގެ ޖަމިއްޔާއިން ވޯކްޝޯޕާބެހޭ މައުލޫމާތުދެމުން ހާމަކުރި ގޮތުގައި 8 އަހަރާ 14 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި ވޯކްޝޯޕްގެ ބޭނުމަކީ ދީނުގައި އަންގަވާފައިވާ ގޮތަށް އެއްވެސް ޝައްކެއްނެތި ރީތިކޮށް ނަމާދުކުރަން ދަސްކޮށްދޭ ޖީލެއް އުފެއްދުމެވެ.

“އަޅުގަނޑުމެންގެ ޅަދަރިންނަށް މިހާރު ފެންނަމުން ދަނީ އެކި މީހުން އެކިގޮތްގޮތަށް ނަމާދުގެ ހަރަކާތްތައް ގެންގުޅޭތަން. މި ތަފާތުގެ ސަބަބުން ބޮޑެތިވަމުންދާ ކުދިންނަށް ރަނގަޅު ގޮތްވެސް އޮންނަނީ މުޅިން އޮޅިފައި. އެހެންވީމާ އަޅުގަނޑުމެންގެ ބޭނުމަކީ ވުޟޫކުރަން ފެށުމާހަމައިން ނަމާދުކޮށް ނިމެންދެން ކުރަން ޖެހޭ ހަރަކާތްތަކާ ދުއާތަކާ ޒިކުރުތައް އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އަމަލީ ގޮތުން ދަސްކޮށްދިނުން. “ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ރިޒާ ކިޔައިދެއްވިއެވެ.

މި ވާކްޝޮޕްގައި މައުލޫމާތު ދެއްވަނީ އައްޝައިޚް އަބްދުލް މަޖީދު މުހައްމަދެވެ. އެގޮތުން ވޯކްޝޮޕްގެ އަމަލީ ބައި މިއަދުވަނީ އޭދަފުށީ މަސްޖިދު މުއީދުއްދީންގައި ކުރިއަށް ގެންދަން ފަށާފަ އެވެ.

މި ވޯކްޝޮޕް ނިމޭނީ މި މަހުގެ 17ވަނަ ދުވަހު ކަމަށް އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top