ރާއްޖޭގައި ވޯޓުލާ މީހުންގެ 18 އިންސައްތަ، ރިޝްވަތުގެ މުއާމަލާތް ހިންގާ

D2Vlf-rVAAA6d46.jpg

ރާއްޖޭގައި ވޯޓުލާ މީހުންގެ 18 އިންސަ މީހުން ރިޝްވަތުގެ މުއާމަލާތް ހިންގާ ކަމަށް ޓްރާންސްޕޭރަންޓް މޯލްޑިވްސް އިން ކުރި ދިރާސާއަކުން ބުނެފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަރްޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަނުގެ ދުވަހުގެ މުނާސަބަތުގައި އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ ދެއްވި ޚިތާބުގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން ލިބުނު އެންމެ މުހިންމު އެއް ފިލާވަޅަކީ ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއްނެތި ރައްޔިތުންގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަން ފަސްނުޖެހޭނެކަން ކަމަށެވެ.

“މިފަދަ ހާލަތެއްގެ ނަޖާއިޒު ފައިދާ ނަގައި، ނުޙައްޤު މުއްސަނދިކަމެއް ހޯދުންކަމަށް ދެކޭނަމަ، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެކަން އެފަރާތްތަކުންވެސް ހަނދާންކުރަންޖެއެވެ. އޭސީސީގެ އަމާޒަކީ، ރައްޔިތުންގެ ފައިސާއިން ނަޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު މަޤާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުމެވެ” ޝިއުނާ ވިދާޅުވިއެވެ.

ދާދިފަހުން ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އާންމުކުރި ދިރާސާއެއްގައި ދައްކާގޮތުން، އޭޝީއާގެ ގައުމުތަކުގައި ކޮންމެ 7 މީހަކުން އެކަކީ ވޯޓު ދިނުމުގައި ރިޝްވަތުގެ މުއާމަލާތް ހިންގާފައިވާ މީހެއް ކަމަށާއި، ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ތެރެއިން 18 ޕަސެންޓް މީހުންނަކީ ރިޝްވަތުގެ މުޢާމަލާތް ހިންގާ މީހުންކަމަށް ބުނެފައިވާކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަންދޫބުން އައްޔަންކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ބޭނުމަކީ، ވޯޓު ވިއްކުމަށް ދެވޭ ލައިސެންސެއް ނޫން ކަމަށާއި އެއީ، ތިމާވެސް ހިމެނޭގޮތަށް ދެންތިބި ހުރިހާ ރައްޔިތުންގެ މުސްތަޤުބަލާމެދު ގޮތެއް ނިންމުމަށް ނަޒާހަތްތެރިކަމާއެކު ވޯޓު ދިނުމަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.

އަދި ވޯޓު ހޯދުމަށް ރައްޔިތުންގެ ކުރިމައްޗަށް އަރާ މީހުންނަކީ، ވިޔަފާރި އުސޫލުން ވޯޓު ހޯދާ މީހަކަށްވާނަމަ، އެކަމަށް ފާޅުގައި ދެކޮޅު ހަދަންޖެހޭ ކަމަށާއި އެގޮތަށް ޢަމަލުނުކުރެވޭނަމަ، އިންތިޚާބު ކުރެވޭ މީހަކީ، މަދު ބައެއްގެ ބާރުވެރިކަމުގައި އެބަޔަކު ބޭނުންވާގޮތަކަށް އެބައެއްގެ ނުވަތަ އަމިއްލަ މަސްލަޙަތުގައި ވާހަކަ ދައްކާ ކަންކަން ނިންމާ މީހަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top