ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަނީ.

PjA9jDFcIYwVLRsm3vuA-876x584.jpg
ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލު ޖޭއެސްސީން ނިންމައިފިއެވެ.
އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފްގެ މައްސަލާގައި ޖޭއެސްސީން ބުނީ، ދަރަވަންދޫ ކޯޓަށް ހުށަހެޅުނު، އެކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފް ތަނާޒުލް ވާންޖެހޭ ކަމެއްގައި، އެކަމުން ތަނާޒުލް ނުވެ، ކުރިއަށް ގެންދިޔަކަމުގެ މައްސަލައެއް ހުށަހެޅިފައިވާތީ، އެމައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމެޓީއެއް ޖޭއެސްސީން އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

މެޖިސްޓްރޭޓް އަހުމަދު ލަތީފުގެ މައްސަލަ އާއެކު އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތަށް ނަސޭހަތް ދިނުމަށްވެސް ޖޭއެެސްސީން ވަނީ ނިންމަވާފައެވެ. މުއާވިޔާތަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ، އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅި ފަރާތަކާ، އެ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް ބައްދަލުކޮށް ހަދާފައިވުމާއި، އަދި ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ވައިބަރ މެދުވެރިކޮށް ވާހަކަދެކެވިފައިވާ ކަމަށާއި ކޯޓަށް މައްސަލަ ބަލައިގަތުމާއި މައްސަލަ ކުރިއަށް ގެންދިއުމުގައި، މައްސަލަ ހުށަހެޅި ފަރާތަށް މުއާވިޔަތުގެ ފަރާތުން މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާކަން އެ ކޮމިޝަނުން ހިންގި ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ނިންމުމުގައި ވެއެވެ.

ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހާއެކު ޖޭއެސްސީން ކުރަމުން އަންނައިރު މިއީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެެވެ.

މި ސަރުކާރު ވެރިކަމަށް އައީ ފަނޑިޔާރުގެތައް އިސްލާހުކުރާނެ ކަމުގެ ވައުދާ އެކުގައެވެ. އަދި އެމްޑީޕީގެ އެޖެންޑާ-19 ގައި ވެސް އެންމެ އިސްކަން ދީފައިވާ އެއްކަމަކީ އިންސާފު ގާއިމްކުރުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top