ކޮވިޑާ ދެކޮޅަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިން، ކޮވިޝީލްޑްގެ ދެވަނަ ޑޯޒުން ފުރަތަމަ ޑޯޒްގައި ދިމާވާ ފަދަ ސައިޑް އިފެކްޓްސް ވަރަށް ނުފެންނަ ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހުމުން ހުން އައުމާއި މޭނުބައިކުރުމާއި ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސުން ފަދަ މައްސަލަތައް އެތައް ބަޔަކަށް ކުރިމަތިވެފައިވާއިރު ދެވަނަ ޑޯޒު ޖެހުމުން ވެސް އެފަދަ ސައިޑް އިފެކްޓް ތަކެއް އަންނާނެތޯ ބައެއް މީހުން ސުވާލުކުރެ އެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ ފުރަތަމަ ޑޯޒްގައި ފެންނަ ވަރަށް ދެވަނަ ޑޯޒް ޖެހުމުން ސައިޑް އިފެކްޓްސް ކުޑަ ކަމަށެވެ.
ކޮވިޝީލްޑްގެ ސައިޑް އިފެކްޓްސް ތެރޭގައި އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި ތަދުވެ، ރަތްވެ ހިރުވާ، ނޫފައި ގަތުމާއި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި މެއި ނުބައިކުރުމާއި ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން ފަދަ އުނދަގޫތައް ހިމެނެ އެވެ. އެ މައްސަލަތައް ދެ ތިން ދުވަހަށް ދެމިގެންދެ އެވެ.
ކޮންމެ ވެކްސިނެއްގައި ވެސް އަދި އާންމުކޮށް ބޭނުންކުރާ ބޭސްތަކުގައި ވެސް އެކި ސައިޑް އިފެކްޓްސް ހުރެ އެވެ.
ކޮވިޝީލްޑްގެ ދެ ޑޯޒް ހަމަކުރުމުން ކޮވިޑް ބަލިން ރައްކާތެރިވުމުގެ ހިމާޔަތް 90 ޕަސެންޓަށް ގެންގޮސް ދިނުމާއެކު ބަލި ޖެހުނަސް ސީރިއަސް ހާލަތަކަށް ދިއުމުން ދުރުކޮށްދޭ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.