ފުނަދޫ ޒުވާނުންގެ މަރުކަޒު ޔޫތު މިނިސްޓްރީގެ ދަށަށް!

IMG-9d1733b1cfa5a55226ab37cf9ed8c50a-V-1140x570.jpg

ށ. ފުނަދޫ ކައުންސިލުން ހިންގަމުން އައި އެ ރަށުގެ ޒުވާނުންގެ މަރުކަޒު ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

ފުނަދޫ ކައުންސިލަށް އެކަން އަންގާފައިވަނީ އިއްޔެ ރަސްމީ ގަޑި ނިމުނު ފަހުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ސޮއިކުރައްވާ ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅަށް އެޑްރެސް ކުރައްވާ ފޮނުއްވާފައިވާ ސިޓީއެއްގަ އެވެ.

އެ ސިޓީ އެއްގައި ބުނެފައިވަނީ ފުނަދޫ ޒުވާނުންގެ މަރުކަޒާއި ގުޅިގެން ގިނަ ފަރާތްތަކެއްގެ ޝަކުވާތައް ޔޫތު މިނިސްޓްރީ އަށް ލިބެމުން އަންނަ ކަމުގައެވެ.

އަދި އެ މަރުކަޒުގެ ބައެއް އިންފްރާސްޓްރަކްޗަރަށް މިނިސްޓްރީގެ ހުއްދަނެތި ބަދަލުތަކެއް ގެނެސްފައިވާ ކަން ފާހަގަކޮށްފައި ވެއެވެ.

“ވުމާއެކު، ކުރިއަށް އޮތް ތަނުގައި ޒުވާނުންގެ މަރުކަޒުގެ އެންމެހާ ކަމެއް ހިންގަމުން ގެންދާނީ މި މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އަދި އިޖުތިމާއީ މަރުކަޒު ހިންގުމުގައި އިތުރަށް ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.” މިނިސްޓަރު މަހްލޫފްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ބައެއް މީޑިއާތަކަށް މައުލުމާތު ހިއްސާކުރައްވަމުން ވިދާޅުވީ ލާމަރުކަޒީ ގާނޫނާއި ދެ ފަރާތުން މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ސޮއިކޮށްފައިވާ އެމްއޯޔޫ ގައިވާ ގޮތުން މިނިސްޓްރީން ބޭނުން ވިޔަސް ފުނަދޫގައި ހުރި ޒުވާނުންގެ މަރުކަޒު، ކައުންސިލުން ވަކިކޮށް މިނިސްޓްރީގެ ތަނަކަށް ނުހެދޭނެ ކަމަށެވެ.

“އެއީ ޔޫތު މިނިސްޓްރީގެ އިމާރާތެއް ނޫން. އަނެއްކާ ލާމަރުކަޒީ ގާނޫނު ބުނާ ގޮތުންވެސް އިޖުތިމާއީ މަރުކަޒު ތަކަކީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ އަދި ކައުންސިލްތަކުން ހިންގާ ތަންތަން. މިނިސްޓްރީން އެ ބޭނުންވާ ގޮތަށް އަޅުގަނޑުމެން އެތަން ދޫކޮށްލައިގެން ނުތިބޭނެ. ފުނަދޫ ޒުވާނުންނަށް ޓަކައި އަޅުގަނޑުމެން އެމަސައްކަތުގައި ދެމިތިބޭނަން،” އޭނާ ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ ތަނުގެ އިންފްރާސްޓްރަކްޗާ އަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް އެޅުވިއިރު އެ ތަނަކީ އެ ކައުންސިލުން ހަވާލުވުމުގެ ކުރިން ޔޫތު މިނިސްޓްރީން މިދިޔަ ދެ އަހަރެއްހާ ދުވަހު އެތަނަށް ސިޔާސީ ބޭފުޅަކު އައްޔަންކޮށްގެން ވީރާނާކޮށްލާފައި ހުރި ތަނެއް ކަމަށެވެ. ފުނަދޫ ކައުންސިލުން އެ މަރުކަޒާ ހަވާލުވެ މުޅި ތަން ރީތިކުރުމާއި ހަލާކުވެފައި ހުރި ތަކެތި މަރާމާތުކޮށް އެތަނުގައި ދަނބަރަށްވެ ވީރާނާވެފައި ހުރި ފެންސެއް ނަގައި ޒުވާނުންނަށް ހޭންޑްބޯލް ކުޅެވޭ ގޮތް ހަދައިދިނީ ކައުންސިލުން ކަމަށްވެސް ވިދާޅުވި އެވެ.

ކައުންސިލްގެ ގާނޫނީ ޓީމާ މަޝްވަރާކުރެއްވުށްފަހު މިނިސްޓަރު މަހްލޫފްގެ ސިޓީ އަށް ޖަވާބު ދެއްވާނެ ކަމަށާއި ފުނަދޫ ކައުންސިލާއި ޒުވާނުންގެ ހައްގުގައި މައްސަލަ ކޯޓަށް ހުށަހަޅަންޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމުގައިވެސް އަހްމަދު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top