ބިދޭސީ ޓީޗަރުންނަށް ދޭ މުސާރައާއި އިނާޔަތް ދޭނަމަ ދިވެހިން ލިބޭނެ: އެމްޕީ އަލީ

1527059883.jpg

ބ.ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން

ބިދޭސީ ޓީޗަރުންނަށް ދޭގޮތަށް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ގުރުއާނާއި އަރަބި ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ގެންނަންޖެހުނީ ދިވެހި ޓީޗަރުން ނުލިބިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވުމާއި ގުޅިގެން މިއަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ނުގެނެސް ދިވެހި ޓީޗަރުން ލިބުމުގެ މައްސަލައަށް ދުވަހަކުވެސް ހައްލު ނުލިބޭނެ ކަމަށެވެ.

ގުރުއާނާއި އަރަބި ބަސް ކިޔަވައިދިނުމަށް ޖުމުލަ 10 މުދައްރިސުން އިންޑިއާގެ ކެރެލާއިން ވަނީ ރާއްޖެ ގެނެސްފައެވެ. އެ މުދައްރިސުން ރާއްޖޭގެ 9 ސްކޫލްއެއްގައި ކިޔަވައިދެމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ގޮތަށް ނިންމަވާފައިވާ އިރު ދިވެހި ގައުމީ މުގައްރަރާ އެއްގޮތަށް އަރަބި ‏ކިޔަވައިދޭ ފޮތްބައި އޮތީ އަރަބި ބަހާއި ދިވެހިބަހުން ނެވެ. އެހެންކަމުން އެމުދައްރިސުން އެ ފޮތްތަކުން ކިޔަވައިދޭނީ ކިހިނެއްތޯ އަހައި ސޯޝަލް މީޑިއާގައި އަންނަނީ ގިނަ ބަޔަކު ސުވާލު އުފައްދަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަބްދުލް މަތީން ވިދާޅުވީ ދިވެހިން ލިޔެފައި އޮތް އަރަބި ފޮތް ކިޔަވައިދޭން އިންޑިޔާ ޓީޗަރުން ގެނައި އިރު އެޓީޗަރުން ކިޔަވައިދޭނީ ކޮންބަހަކުންތޯ އިމްތިހާނު ހަދާނީ ކޮންބަހަކުންތޯ އައްސަވައި ސުވާލު ކުރައްވާފައެވެ.

“‏ކިޔަވައިދޭ ފޮތް މި އޮތީ ދިވެހިބަހުން. ޓީޗަރުން މި ގެނައީ އިންޑިޔާއިން. ދެން ކިޔަވައިދޭނީ ކޮން ބަހަކުން؟ ކުދިން قران ގެ އެސްއެސްސީ އާ އެހެން އިމްތިހާންތައް ހަދާނީ ކޮން ބަހަކުން؟ ކުރަން ތި އުޅެނީ ކޮންކަމެއް ކަން ރައްޔިތުންނަށް ސާފުވާން ޖެހޭ.” ރައީސް އޮފީހާއި އެޑިއުކޭޝަން މިނިސްޓަރު، އާއިޝަތު އަލީ ޓެގް ކުރައްވައި މަތީން ވިދާޅުވިއެވެ.

އެޑިއުކޭޝަނުން ބުނީ މުދައްރިސުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ބިދޭސީ ޓީޗަރުންނަށް ދީފައި ވިޔަސް އެމަގާމްތަކަށް ރާއްޖޭގައި މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް ފަށާފައިވާތީ ދިވެހި މުދައްރިސެއް ލިބިއްޖެނަމަ އެ މަގާމްތަކަށް ދިވެހިން ނަގާނެކަމަށެވެ.

ޓީޗަރުންނަށް ދޭންޖެހޭ އުޖޫރައާއި ޢިނާޔަތްތައް އެންމެ ފުރިހަމައަށް ނުދެވޭކަމަށް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީވެސް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. އަދި ޓީޗަރުންކުރާ ބުރަ މަސައްކަތުގެ އަގު އަދާ ނުކުރެވޭނެކަމަށާއި އެހެންނަމަވެސް ޓީޗަރުންގެ ޙާލަތު ރަނގަޅުކުރުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޭރު ވަނީ ވިދާޅުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top