“މެހްމާނީ ހިޔާ” ގެ ނަމުގައި ދަރަވަންދޫގައި ފެރީ ޓާމިނަލެއް ހުޅުވައިފިއެވެ.
ދަތުރުވެރިންނަށް ޚާއްސަކޮށްގެން ދަރަވަންދޫ ކައުންސިލްގެ ފަރާތުން އިމާރާތްކޮށްފައިވާ މި ފެރީޓާމިނަލް އިފްތިތާހް ކޮށްދެއްވީީ ބ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލް އެވެ.
ދަރަވަންދޫ ކައުންސިލުން ބުނިގޮތުގައި މިފަދަ އިމާރާތެއް ހުރުމުގެ ބޭނުމަކީ ދަރަވަންދޫއަކީ އެކިއެކި ބޭނުންތަކުގައި ގިނަ ބަޔަކު ޒިޔާރަތް ކުރާ ރަށަކަށް ވާތީ މިކަހަލަ ތަނެއްގެ ބޭނުން ބޮޑުކަމަށް ކައުންސިލަށް ފެނުމާއެކުގައެވެ. އަދި ދަރަވަންދޫއަކީ އަބަދުވެސް ރަށަށް އަރާ މެހްމާނުންނަށް މެހްމާންދާރީ އަދާކުރާ ރައްޔިތެއް ދިރި އުޅޭ ރަށަކަށް ވާތީވެސް މެއެވެ.
މި އިމާރާތަކީ ދަރަވަންދޫ ކައުންސިލްގެ ބަޖެޓުން 4 ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ އިމާރާތެއް ކަމާއި މިތަން ފަރުމާކޮށްފައިވާނީ ދަތުރުވެރިންގެ ބޭނުންތަކަށް އިސްކަންދީގެން ކަމުގައި ވިދާޅުވަމުން މި ތަނުގައި ކެފޭއަކާއި ދެޖިންސަށް ވަކިން ފާޚާނާވެސް ހުންނާނެކަމަށް ކައުންސިލުން ވިދާޅުވިއެވެ.