ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރު ނިންމުމަށް، ސަގާފީ ބޮޑު ޖާފަތެއް

large_176716178531vwXi.jpg

ރޭ ބޭއްވި ޖާފަތަށް ދެ މީހަކު ޖާފަތެއް ގެންނަނީ: --- ސަން ފޮޓޯ

ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރަމުން އައި މި އަހަރު ނިންމާލުމުގެ ގޮތުން ބ. ދަރަވަންދޫގައި “މަގޭ ދަރަވަންދޫ ބޮޑު ޖާފަތް” ގެ ނަމުގައި ސަގާފީ ބޮޑު ޖާފަތެއް ރޭ ބާއްވައިފިއެވެ.

ޖުމުލަ 28 ކެއިން ބައިވެރިކުރި، މި ޖާފަތުގައި ދޮޅުހާހެއްހައި މީހުން ބައިވެރިވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދަރަވަންދޫ ސްކޫލްގައި ބޭއްވި މި ކެއިންތައް ގެނައީ ވެސް ތަފާތު ގޮތަކަށެވެ. އެގޮތުން ބައެއް ކެއިންތައް ގެނައީ ތަންޑިޔާ ލައިގެންނެވެ.

މި ހަރަކާތް ބާއްވާފައިވަނީ ކުރިން ދިވެހީންގެ ތެރޭގައި ހަދައި އުޅުނު މާލޫދު ހަރުގެއެއް ހަދައި، އެ ތަނުގައެވެ. އެ ތަން ވެސް ވަށައިގެން ފޮތި ޖަހައި، ވަރަށް ރަނގަޅަށް ހުރީ ޒީނަތްތެރިކޮށްފައެވެ.

މި ޖާފަތް ތަފާތުވާ އަނެއް ކަމަކީ، ހަރު ގޭގައި ދެމި ފޮތިގަނޑަކީ، މީގެ 100 އަހަރު ކުރިން 1347 އަހަރު ރަޖަބު މަހު، ދަރަވަންދޫގެ ރަށްޔިތުން އުފެއްދި އެއްޗެކަށްވާތީއެވެ. އެ ފޮތިގަނޑު، މީގެ 21 އަހަރު ކުރިން އެއް ފަހަރު ބޭނުންކުރިއެވެ. އެއަށް ފަހުގައި، ފޮތިގަނޑު އޮތީ ރައްކާކޮށްފައެވެ.

އަތުން، ތިނޯހުން ފަހާފައި އޮތް އެ ފޮތިގަނޑު ރޭ ބޭނުންކުރި، އެ ފޮތިގަނޑަކީ ދަރަވަންދޫގެ 12 މީހަކު އުފެއްދި އެއްޗެއްކަން ލިޔުންތަކުން އެނގެއެވެ. މިގޮތުން، 21 އަހަރު ފަހުން ބޭނުންކުރި ނަމަވެސް، ރައްކާކޮށްފައި އޮތްލެއް ފުރިހަމަ ކަމުން ފޮތިގަނޑު އޮތީ ރީތިކޮށެވެ. އެ ފޮތިގަނޑު ތަރިކައެއްގެ ގޮތުގައި ރައްކާތެރިކުރުމަށް ދަރަވަންދޫއިން ކުރާ މަސައްކަތް ހާމަކޮށްދެއެވެ.

އޭގެއިތުރަށް، އެކި ކުލަތަކުގެ ރީތި ފަރުމާތަކުގެ ފޮތިތަކުން އެތަން ވަށައިގެން ހުރިއިރު، މި ޖާފަތުގައި އެންމެން ވެސް ބައިވެރިވީ، ދިވެހި ހެދުމުގައެވެ. އަދި، އިށީނދެ ތިބީ، ކުނާތަކާއި ވިޔެފައި ހުރި ފަންގަނޑުތައް ފަތުރައިގެނެވެ.

މި ޖާފަތް އޮތް ހަރުގެ ރޭ އެއްކޮށްހެން އޮތީ ފުރިފައެވެ. ސްކޫލުގެ ގޯތިތެރޭގައި ވެސް މީހުން އުޅުނުއިރު، އެ ތަނަށް އެއްވާ މީހުންނަށް ކާންދިނުމަށް ދަރަވަންދޫގެ ރެސްޓޯރަންޓުތަކާއި ހޮޓާތަކުން ކާއެއްޗެހި އަތުރާފައި ހުއްޓެވެ.

އެއާއެކު، މި ފަދަ ޖާފަތެއް ބޭއްވުމުން ދަރަވަންދޫ ރައްޔިތުންގެ މޫނު މަތިން ރޭ ފެނުނީ އުފާވެރިކަމާއި ހިނިތުންވުމެވެ. އަދި، ހުރިހާ އެންމެން އެއްވެ، ކައިލަން ލިބުމުން އުފާވާ ކަމަށް އެރަށު ރައްޔިތުން ވަނީ ބުނެފައެވެ.

މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އެ ހަފުލާގައި މިނިސްޓަރުވަނީ ދަރަވަންދޫގެ ރައްޔިތުންގެ އެއްބައިވަންތަކަމާ އެކުވެރިކަން ފާހަގަކުރައްވައި އެ ފަދަ ޖާފަތެއް ބޭއްވުމުގެ މުހިންމުކަމާއި ހަރުގޭގެ ވަށައިގެން ބޭނުންކުރި ފޮތިގަނޑު ރައްކާތެރިކުރުމަށް ދަރަވަންދޫއިން ކުރާ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ދާއިމީކޮށް، އެ ފޮތިގަނޑު ނަގާނަމަ، އިތުރު ގެއްލުމެއް ލިބިދާނެތީ، ފޮތިގަނޑު ހިމާޔަތްކުރުމަށް މިނިސްޓަރު އިރުޝާދު ދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top