ދައުވާތައް ބޭރުކޮށްލުމުން އަދީބު މިނިވަންވެއްޖެ!

viber_image_2019-07-06_16-58-02.jpg

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި ދެކޮޅަށް ދައުލަތުން ކުރާ ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ މިނިވަން ވެއްޖެއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެންވެ އެ ދައުވާތައް ބާތިލްކުރީ ކަމަށް ވެސް ގާޒީ އިސްމާއިލް ވިދާޅުވިއެވެ.

ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސްް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. ދައުލަތުން ބުނެފައި ވަނީ އެއްބަސްވުން ހަދަން ހުށަހެޅުއްވީ އަދީބު ކަމަށެވެ. ނަމަވެސް، މި ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ، އެއްބަސްވުން ހަދަން ހުށަހެޅުއްވީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރެއްވީ ބޭސްފަރުވާއަށް ބޭނުންވެ އެހެން ގޮތެއް ނެތިގެން ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީއަކަށް ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ބޭސްފަރުވާ ލިބޭނީ ވަކި ކުށްތަކަކަށް އިއުތިރާފްވުމުން ކަމަށް ޝަރުތުކޮށް، އެއްބަސްވުން ހެދުމުގެ ބާރެއް ދައުލަަތަށް ނޯންނާނެ ކަމަށާއި އެއީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައާއި ކުރީގެ ރައީސް ޔާމިން އަވަހާރަކޮށްލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި މީގެ ކުރިން އަދީބުގެ މައްޗަށް ތަފާތު އެކި ދައުވާތައްކޮށްފައިވާއިރު އޭނާގެ މައްޗަށް އެކި ކުށްތައް ސާބިތުވެ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. އޭގެ ފަހުން މަތީ މަރުހަލާގެ ކޯޓުތަކުން އެ ހުކުމްތައް ބާތިލްކުރިއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން އެއް ހުކުމް ބާތިލް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާގޮތް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނިކޮށް އަދި ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އަދީބު ވަނީ ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން ދާން މަސައްކަތްކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top