އޭދަފުށީގައި ސޯލާ ހަކަތަ ރައްކާކުރާ ނިޒާމް ގާއިމު ކުރަނީ

viber_image_2023-08-17_11-57-52-789.jpg

އޭދަފުށީގައި، ސޯލާ ހަކަތައަށް ޚާއްސަ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރަން 23.9 މިލިއަން ޑޮލަރު (368 މިލިއަން ރުފިޔާ) އަށް ޗައިނާ ކުންފުންޏާކާ ހަވާލު ކޮށްފި އެވެ.

އޭދަފުށި ހިމެނޭގޮތަށް ރާއްޖޭގެ 24 ރަށެއްގައި މި ސިސްޓަމް ގާއިމްކުރުމުގެ މަޝްރޫއު ހަވާލުކުރައްވާފައިވަނީ ޗައިނާގެ ނޭޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަނާއި ގުއަޑިއަން ނަންޖިންގް އޮޓޮމޭޝަން ކޯ ލިމިޓެޑް އަދިސީނޯ ސޯލަރ ހައިބްރިޑް ޓެކްނޮލޮޖޯ ކޯ ލިމިޓެޑް ހިމެނޭގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކާއެވެ.

މި ޕްރޮޖެކްޓް ހަވާލު ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރު ވަންގް ޕެއިޓާއޮއެވެ.

މި ސިސްޓަމް ގާއިމްކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހުވެސް ވަނީ ބީލަމަށް ލައިފަ އެވެ. އޭރު އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވަނީ އެ ޕްރޮޖެކްޓަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމަށް ބީލަން މަރުހަލާއެއް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، އެދެވޭ ނަތީޖާއެއް ލިބިފައިނުވާތީވެ، މިއީ އެ ޕްރީކޮލިފިކޭޝަން ކެންސަލްކޮށް އަލުން ބީލަން ހުޅުވާލީ ކަމަށެވެ.

އޭދަފުއްތާއި އެކު އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރަން ހަމަޖައްސާފައިވަނީ އައްޑޫގެ ހަ ރަށާއި ފުވައްމުލަކު، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ގއ. ވިލިނގިލީ، ށ. ފުނަދޫގެ އިތުރުން ލ. އަތޮޅުގެ 10 ރަށުގަ އެވެ.

”އެރައިސް“ މަޝްރޫޢުގެ ދަށުން 40 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެ ކަމަށާއި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ 30 ޕަސެންޓަށް ވުރެ މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

2021ވަނަ އަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫއުން 40 މެގޮވޮޓް އަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް ވަނީ ރާވާފައެވެ. އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވާފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top