ބޭންކް އޮފް މޯލްޑިވްސްއިން ފީގެގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމަށްފަހު، މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ އިން ބޮޑު ފައިދާއެއް އިންވެސްޓްކުރާ ފަރާތްތަކަށް ދޭން ނިންމައިފިއެވެ.
ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ލިބިގަތުމާއިއެކު، އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއިއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ ތެރެއިން ވަނީ ތަޢާރަފުކޮށްފައެވެ.
މިގޮތުން އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، %25 އާއި ހަމަޔަށް ފައިދާލިބޭނެ ފުރުސަތު މިވަނީ ފަހިކޮށްދެވިފައެވެ.
މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަރ އީ-ކޮމާސް) އިތުރުވެގެން ދިޔުން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ރާއްޖެ އިން ބޭރުގެ މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ ޢަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެ އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށެވެ. އަދި މި ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު ދެ ގުނައަށް ވުރެ ވެސް ބޮޑުވެފައިވާ ކަމަށާއި ކޮންމެ މަހަކު ދެ ލައްކަ ފަންސާސް ހާހާއި ތިން ލައްކައާ ދެމެދުގެ ޢަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެ އިން ބޭރުގެ މުޢާމަލާތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން މިވަނީ ގާތްގަޑަކަށް 1.6 ބިލިއަން ޑޮލަރު ޢާންމު ފަރުދުންގެ ބޭނުން ތަކަށާއި ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފައި ކަމަށެވެ. މީގެ ތެރެއިން ގާތްގަޑަކަށް %60 ވިއްކިފައިވަނީ ކާޑުގެ މުޢާމަލާތްތަކަށް ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ހަފްލާގެ ބައިވެރިންނަށް އެފް.އެކްސް އިންވެސްޓްމަންޓް ޚިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ވަނީ ދައްކާފައެވެ. އެއަށްފަހު، ސީއީއޯ ވަނީ ހާޒިރުވެތިބި ފަރާތްތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބުދެއްވައި، މި ޚިދުމަތުގެ މުހިންމުކަމާއި ބޭންކުގެ ބޭރު ފައިސާގެ ސްޓްރެޓެޖީއާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވާފައެވެ.





