ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިޔުޓީ ކުޑަކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެރި 68 މެންބަރުންގެ އިންތިފާޤުންނެވެ. އެއާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް އެވެ.
މެންބަރު ވަނީ މިހާރު 8 ރުފިޔާ އަށް ހުރި ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރުމަށް ހުށަހަޅައިފައެވެ. އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކޮށް، ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން، ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށް ޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހަދައި، އެފަދަ ހުރިހާ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، ސިއްހީ ގޮތުން ފައިދާހުރި މިފަދަ އުފެއްދުންތަކަށް އާންމުންނަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަށްވެސް އިސްލާޙްގައި ވެއެވެ.
މި އިސްލާޙާމެދު ބަހުސް ކުރުމަށްފަހު ހޯމަ ދުވަހު އޮތް މުޅި މަޖިލީހުގެ ކޮމިޓީގައި ބައިވެރިވި ވަޑައިގެންނެވި 69 މެންބަރުންގެ ތާއިދާއެކު ކޮމިޓީން ވަނީ ބިލު ފާސްކޮށްފައެވެ.







