ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓު ކަށަވަރު ނުވާކަމަށް ބުނެ 18 ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މިކަން ހާމަކޮށް އީސީ އިން ބުނީ ކަށަވަރު ނުވާ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށް މިއަދު 1:30ގައި ބައެއް ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނަން ފަށާނެ ކަމަށެވެ. އެކަން ކުރިއަށް ދާނީ ގުޅުން ހުރި ކެންޑިޑޭޓުންގެ ހާޒިރުގައި އިންތިހާބާ ބެހޭ މަރުކަޒުގެ ރިރެޖިސްޓްރީ ހޯލުގައި ކަމަށް އީސީއިން ބުންޏެވެ.
“މިއީ ވަގުތީ ނަތީޖާ ކަށަވަރު ކުރުމަށް ގުނާ ފޮށިތަކެއް.” އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ނިމިދިޔަ އިންތިހާބުގައި 3934 ކެންޑިޑޭޓުން ވާދަކުރި އެވެ. އޭގެތެރެއިން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ސިޔާސީ ޕާޓީއެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. އިންތިހާބު ތަކުގައި އަބަދު ވެސް މާލެއިން މެޖޯރިޓީ ނަގާ އެމްޑީޕީ މިފަހަރު ވަނީ މާލެއިން ބަލިވެފަ އެވެ. މާލޭގެ މޭޔަރަކަށް އިންތިހާބު ވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އެވެ.
މާލޭގެ ބައެއް ދާއިރާތައް ކުޑަ ތަފާތަކުން ޕީޕީއެމް ކުރީގައި އުޅޭތީ ވޯޓު ކަރުދާސް އަލުން ގުނައި ދިނުމަށް އެމްޑީޕީއިން އެދޭނެ ކަމަށް އެޕާޓީ އިން ވަނީ ބުނެފައެވެ.