ދަނޑުވެރިންނަށް ހަމައަގު ހޯދައިދިނުމަށް އެސްޓީއޯ އެގްރިސެންޓަރު ހުޅުވައިފި

b_6wozxiszLJ9pANnk5ly9tavc5.jpg

އެގްރިސެންޓަރު-- ވަން ފޮޓޯ: އައުޒަމް

ރާއްޖޭގެ ދަނޑުވެރިން ހައްދާ ދަނޑުވެރިކަމުގެ ބާވަތަކަށް ހަމައަގު ހޯދައިދިނުމުގެ ގޮތުން އެސްޓީއޯ އިން އެސްޓީއޯ އެގްރިސެންޓަރު ހުޅުވައިފި އެވެ. މި ސެންޓަރު ހުޅުވާފައިވަނީ މާލޭގައި، ހަވީރީ ހިނގުމާއި ފާރު ކެނޑި ހިނގުން ގުޅޭ ކަންމަތީގައެވެ.

އެގްރިސެންޓަރު ހުޅުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެގްރިސެންޓަރު ހުޅުވުމާއެކު ދަނޑުވެރިން ހައްދާ ގޮވާމުގެ ބާވަތްތަކަށް ހަމަ އަގު ހޯދައިދީ، ބާޒާރުގައި އެތަކެތީގެ އަގު އުފުލުނަ ނުދީ އަގު ހިފެހެއްޓޭނެ ކަމަށެވެ.

އެގޮތުން ބާޒާރުގައި މޭވާއާއި ތަރުކާރީ ކިތަންމެ އަގުބޮޑުކޮށް ވިއްކަމުންދިޔަ ނަމަވެސް، އޭގެ ނަފާ މިހާރު ލިބެނީ ދަނޑުވެރިންނަށް ނޫން ކަމަށް އަމްރު ވިދާޅުވި އެވެ. އަދި ދަނޑުވެރިޔާއާއި ބާޒާރުގައި އެންމެ ފަހުން ތަކެތި ވިއްކުމާއި ދެމެދުގައި ހުންނަ ފަށަލަތައް އެގްރިސެންޓަރު އައުމުން ނައްތާލެވޭނެ ކަމަށް އަމްރު ވިދާޅުވި އެވެ.

“އަޅުގަނޑުމެން ތަކެތި ގަންނާނެ އެންމެ ދަށް އަގު، އެގްރިސެންޓަރުގެ ވެބްސައިޓުގައި މިހާރު ވާނީ ޝާއިއުކޮށްފައި. އޭރުން ދެކަމެއް އެބަ ހާސިލުވޭ. އެއްކަމަކީ ދަނޑުވެރިންނަށް ރަނގަޅު އަގެއް ލިބުން. އަނެއް ކަމަކީ ބާޒާރުގައި އަގުތައް ހިފެހެއްޓިގެން ދިއުން.” އަމްރު ވިދާޅުވި އެވެ.

އެގްރިސެންޓަރުގައި ވަނީ މިހާރުވެސް 200 ދަނޑުވެރިން ރަޖިސްޓަރީ ވެފައެވެ. އަމްރު ވިދާޅުވީ، އެގްރިސެންޓަރުގެ ޕްރޮސެސް ރާވާފައި އޮންނަ ގޮތަކީ، ރަޖިސްޓްރީކުރަން ހުޅުވާލައިގެން ރަޖިސްޓްރީ ކުރާ ދަނޑުވެރިން ހައްދާ ތަކެތި ފޮނުމުގެ ކުރިން ކޮން ބާވަތެއް ކަމާއި ފޮނުވާ އަދަދު އެންގުން ކަމަށާއި ސެންޓަރަށް ތަކެތި ލިބުމުން އެތަކެތި ވިކޭނެ އަގު ދަނޑުވެރިންނަށް އަންގާނެ ކަމަށެވެ. އަދި ވަގުތުން ބޭންކް ޓްރާންސްފާއިން ދަނޑުވެރިޔާއަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ، ދަނޑުވެރިން ހައްދާ ގޮވާން ގަތުމަށްފަހު އެގްރިސެންޓަރުން އެތަކެތި ރިސޯޓުތަކަށް ހޯލްސޭލްކުރަން ރާވާފައިވާ ކަމަށެވެ.

އެސްޓީއޯގެ އެގްރިސެންޓަރުން ދަނޑުވެރިން ހައްދާ ތަކެތި މިއަދުން ފެށިގެން ގަންނަން ފަށާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top