ފެހެންދޫ ދަރިވަރުން ގޮއިދުއަށް އެކަނި ދާންޖެހޭތީ ބެލެނިވެރިންގެ ކަންބޮޑުވުން

b_cMiTOyd6Y5gNTJaWg5w3hdPkn-800x534-800x534.jpg

ފެހެންދޫ ސްކޫލަށް ހަދިޔާ ކުރެއްވި ފެރީ--ވަންފޮޓޯ/ މުހައްމަދު ހައްޔާން

ފެހެންދޫ ސްކޫލްގެ ދަރިވަރުން ބެލެނިވެރިއަކާ ނުލައި އެކަނި ގޮއިދުއަށް ދަތުރު ކުރަން ޖެހޭތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށް ފެހެންދޫ ކައުންސިލުން ބުނެފި އެވެ.

ފެހެންދޫގެ އާބާދީ މަދުވެފައި ސްކޫލްގެ ދަރިވަރުންގެ އަދަދަކީ އެންމެ 26 ކުދިން ކަމަށް ވާތީ އެކުދިން ކިޔަވަން ދަނީ ފެހެންދޫއާއި އެއް ފަޅުގައި ޖެހިގެން އޮންނަ ގޮއިދޫ ސްކޫލަށެވެ. އެ ދަތުރު ކުރުމުގައި އަހަރުތަކެއް ވަންދެން ދިމާވި ބޮޑެތި ގޮންޖެހުންތަކަކަށް ފަހު މިހާރު އެދަރިވަރުން ސްކޫލަށް ދިއުމަށް ސަރުކާރުން ވަނީ ސްޕީޑް ލޯންޗެއް ހޯދައިދީފަ އެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް ޖާދުﷲ އަލީ ވިދާޅުވީ އެރަށުގެ ދަރިވަރުންނަށް ސަރުކާރުން ސްޕީޑް ލޯންޗެއް ހަމަޖައްސައިދީފައި އޮތް ނަމަވެސް ހަަރަދު ކުޑަކުރަން ކަމަށް ބުނެ ލޯންޗުގައި ގޮއިދޫ އަށް ދެވެނީ ދަރިވަރުންނަށް އެކަނި ކަމަށެވެ.

”ބެލެނިވެރިން މިއަދު ވެސް އެކަމުގެ ޝަކުވާ ހިފައިގެން އައި. ތުއްތު ކުދިން އެކަނި ކަނޑު ހުރަސް ކުރަން ބެލެނިވެރިން ބޭނުމެއް ނުވޭ “ޖާދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެރީއަކީ ގޮއިދޫ ސްކޫލާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ހިންގާ އެއްޗެއް ކަމަށާއި ކައުންސިލާ ގުޅުންހުރި ކަމެއް ނޫން ކަމުން ހައްލެއް ހޯދަން މަސައްކަތް ކުރާނެ ގޮތެއް ވެސް ނެތް ކަމަށެވެ.

“އެއްވެސް ޕޭރެންޓަކު ބޭނުމެއް ނުވާނެ އެމީހުންގެ ތުއްތުތުއްތު ކުދިން އެކަނި ކަނޑުމައްޗަށް ފޮނުވާކަށް. ސަރުކާރުން ހަރަދު ކުޑަކުރަން ކުދިން އެކަނި ގެންދަނީ. ޕޭރެންޓުން ގެސްގޮސްފިއްޔާ އެމީހުން އަނބުރާ ގެންނަންވެސް ޖެހޭނެއެއްނު. ދެންމެ ވެސް އަޅުގަނޑު ޕޭރެންޓުންނާ ބައްދަލުކޮށްފިން. އަޅުގަނޑުމެންގެ އަތްދަށުގައި އޮތް ކަމެއް ނޫންވީމަ ހެދޭނެ ގޮތެއް ވެސް ނެތް. އެއްވެސް ކަމެއްގައި އަޅުގަނޑުމެންނަކާ މަޝްވަރާއެއްވެސް ނުކުރާނެ،” އަވަސް އާ ވާހަކަ ދައްކަވަމުން ޖާދުﷲ ވިދާޅުވި އެވެ.

ޖާދުﷲ ވިދާޅުވީ ދަރިވަރުން ދަތުރެއް ކޮށްފައި ގޮސް ކިޔަވަން ޖެހުމަކީ ހަރުދަނާ ގޮތެއް ނޫން ކަމަށާއި ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ލިބޭނީ ފެހެންދޫގައި ސުކޫލެއް އަޅައިގެން ކަމަށެވެ. ފެހެންދޫގައި ސްކޫލެއް ހިންގަން ކައުންސިލުން ވަރަށް ބޭނުން ކަމަށާއި އެކަން ސަރުކާރަށް ވެސް ވާނީ ހުށައަޅާފައިކަމަށް އޭނާ ވިދާޅުވިއެވެ.

އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކިޔަވައިދިނުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ބ.ފެހެންދޫ ސްކޫލް ސެޓެލައިޓް ސްކޫލަކަށް ބަދަލު ކުރަން ނިންމި ކަމަށް މިދިޔަ މަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަ ކޮށްފަ އެވެ.

އެގޮތުން ފެހެންދޫ ސްކޫލްގެ ދެ ކްލާސް ރޫމާއި އޮފީސް އިމާރާތް އަޕްގްރޭޑް ކުރަން މިހާރުވަނީ ކޭޑީ އެންޓަޕްރައިސަސް އާ ހަވާލުކޮށްފަ އެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާ ގޮތަށެވެ.

ސެޓަލައިޓް ސްކޫލް ޕްރޮޖެކްޓަކީ މި ސަރުކާރުން އަލަށް ފަށާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ވ.ރަކީދު އާއި އެ އަތޮޅު ތިނަދޫގައި ވެސް “ސެޓްލައިޓް ސްކޫލް” ގާއިމްކުރަން ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top