މިހާރު ގަލޮޅު ދަނޑުގައި ކުޅެމުންދާ ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ގަދަފަދަ މާލެއާއި ބައްދަލުކޮށް މާލޭގެ މައްޗަށް 2-0 އިން ކުރި ހޯދައި އޭދަފުށިން ފެންވަރު ދައްކައިދީފިއެވެ.
ރޭގެ މެޗުން މާލޭގެ މައްޗަށް އޭދަފުށި ކުރި ހޯދީ ރީތި ކުޅުމެއް ކުޅެގެންނެވެ. އޭދަފުށިން ލީޑް ނެގީ ފުރަތަމަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ޑިފެންޑަރު އަހްމަދު އައިހަމްއެވެ. ދެވަނަ ލަނޑު ދެވަނަ ހާފުގައި ބޮޑު އޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަސްވެސް ހޮވުނު މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.
މިމެޗުގެ ދެވަނަ ހާފުގައި މާލެއިން އޭދަފުށި ހުއްޓުވަން ގިނަ ފައުލު ތަކެއް ކުރިއެވެ. ހާއްސަކޮށް މާލޭގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) އަށެވެ.
މާލެއިން ކުރަމުންދިޔަ ފައުލްތަކަށް ރެފްރީ ކާޑް ނުދެއްކުމާއި ބައެއް ފައުލްތައް ލައިންސްމަނުން ދޫކޮށްލުމުުން އޭދަފުށީ ކުޅުންތެރިންނާއި ސަޕޯޓަރުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ.
މިމޮޅާއެކު ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރު އޭދަފުށިން މި ނިންމާލީ ކުޅުނު ތިން މެޗުންވެސް މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ގޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖް ކުރިއަށް ދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ތިން ޓީމަށް، ދެވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ.