ބޮޑު ދެ ޕާޓީގެ ބޮޑު ދެ ޖަލްސާ މިރޭ. އިއްތިފާގެއް؟

Untitled-1.png

ރާއްޖޭގެ އެންމެ ބޮޑު ދެޕާޓީން ބާއްވާ ބޮޑު ދެ ޖަލްސާ މިރޭ އެއް ގަޑިއެއްގައި މާލޭގައި އޮންނާނެ އެވެ.

އަންނަ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމުގެ ގޮތުން ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ”ހަވާލޭ ވަތަން ”ގެ ނަމުގައި ބާއްވާ ޖަލްސާ އާއި އެމްޑީޕީގެ ގައުމީ ކޮންގްރެސް ޖަލްސާ މި ރޭ އޮތީ މާލޭގައި އެއްގަޑިއެއް ގައެވެ.

މި ދެ ޖަލްސާއަށް ވެސް ދައުވަތު ދީފައިވަނީ ރޭގަނޑު 8:30 އަށެވެ. މިއީ މި އަހަރު މިހާތަނަށް ބާއްވާ ސިޔާސީ އެންމެ މުހިންމު އެންމެ ބޮޑު ދެ ޖަލްސާއަށް ވެގެން ދާނެ އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ ކޯލިޝަނުން މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ޖަލްސާއަށް ޓިކެޓް ޖަލްސާ ހަދަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެ ޖަލްސާގައި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވުން އޮންނާނެ އެވެ. އަދި އެމަނިކުފާނު ޖަލްސާގެ ބައިވެރީންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާނެ އެވެ.

”ހަވާލޭ ވަތަން“ ޖަލްސާއަށް ތައްޔާރުވުމުގެ މަަަސައްކަތްތައް ބުދަ ދުވަހު ވަނީ ފަށާފަ އެވެ. ޖަލްސާ ބާއްވާ އަލިމަސް ކާނިވާ ސަރަހައްދު މިހާރުވަނީ ފިޔާތޮށި ދިދަތަކުން ޒީނަތްތެރިކޮށް ހުރިހާ ތައްޔާރީ ތަކެއް ނިންމާފަ އެވެ.

އެމްޑީޕީގެ ގައުމީ ކޮންގްރެސް އޮތީ މާފަންނު ސޯޝަލް ސެންޓަރުގަ އެވެ. އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް އެ ޕާޓީން ވެސް ދަނީ ވަމުންނެވެ.

ބައެއް މަސްދަރު ތަކުން ހާމަކުރާ ގޮތުގައި މި ޖަލްސާގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ އެވެ. އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް އާއި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވާހަކަފުޅު ދައްކަވާނެ އެވެ.

”ހަވާލޭ ވަތަން“ ޖަލްސާއަށް ގިނަ ބަޔަކު ވަނީ މާލެ އަރާފައެވެ. އިއްޔެ ވެސް ރާއްޖޭގެ އުތުރާއި ދެކުނުން އަދި މެދު ރާއްޖެ ތެރެއިން ގިނަ ބަޔަކު މާލެ އެރިއެވެ. މިއަދު މާލެ ސަރަހައްދުގެ ރަށްރަށުންނާއި ކައިރި އަތޮޅުތަކުން ވެސް މީހުން އަރާނެ އެވެ. މާލެ އަތޮޅުގެ ބައެއް ރަށްރަށަކީ ޕީޕީއެމްގެ ބޮޑު ތާއީދެއް އޮތް ރަށްރަށަށް ވާތީ ވަރަށް ގިނަ ޖަލްސާތަކަށް އެ ރަށްރަށުން މީހުން އާދެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top