ބ.ދަކަންދޫ ކުއްޔަށް ދޭން ނުފެންނަ ކަމަށް އަތޮޅު ކައުންސިލުން ފާސްކޮށްފި

ިޖިނ.jpg

ބ. ދަކަންދޫ---- ފޮޓޯ: ޔުނިވާސިޓީ އޮފް އެކްސެޓާ

ބ.އަތޮޅުގައި ކުއްޔަށް ނުވަތަ ވަރުވާ އަށް ނުދީ ހަމައެކަނި އޮތް ރަށް، ބ.ދަކަންދޫ، އެއްވެސް ބަޔަކަށް ކުއްޔަށް ދޭން ނުފެންނަ ކަމަށް ބ.އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ބ. އަތޮޅު ކައުންސިލުން މިގޮތަށް ނިންމާފައި ވަނީ ވަރުވާއަށް ނުވަތަ ކުއްޔަށް ދޭން ބޭނުންވެގެން ފިޝަރީޒް މިނިސްޓްރީން އެދުމުން ނެވެ.

މި ރަށް ބަޔަކަށް ދިނުމާ މެދު އަތޮޅު ކައުންސިލުގެ މަޝްވަރާ ހޯދުމަކީ މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެގޮތުން, އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރަން ވާނީ ނުވަތަ ތަރައްގީކުރަން ވާނީ ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަންވާނީ އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށް ފަހުގައި ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީން ފޮނުވި ސިޓީއާ މެދު ގޮތެއް ނިންމަން އިއްޔެ އަތޮޅު ކައުންސިލުން ބޭއްވި ޖަލްސާގައި އެކަން ހުށަހެޅުމުން، އެ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްވީ އެ ރަށް ކުއްޔަށް ދޭން ނުފެންނަ ކަމަށް މިނިސްޓްރީގައި ދަންނަވާށެވެ.

ކައުންސިލުގެ މި ނިންމުމާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބަޔާން ކޮށްފައިވަނީ ދަކަންދޫއަކީ މިހާރު ބ.އަތޮޅުގައި އެއްވެސް ފަރާތަކަށް ހަވާލުނުކުރެވި އޮތް ފަޅުރަށް ކަމުން، އަތޮޅު ކައުންސިލް ނޫން އެހެން އެއްވެސް ފަރާތަކާ އެ ރަށް ހަވާލުކޮށްފިނަމަ އެ އަތޮޅު ރައްޔިތުން ޕިކްނިކް ދިއުން ފަދަ ބޭނުންތަކުން މަހުރޫމު ވާނެތީ އެވެ.

މީގެ ކުރިންވެސް ބ.އަތޮޅު ކައުންސިލުން ވަނީ ބ.އަތޮޅުގެ ފަޅުރަށްތަކުން އަތޮޅުގެ ރައްޔިތުންނަށް މަންފާ ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ދަކަންދޫ މައްސަލައިގައި އަތޮޅު ކައުންސިލުން ބުނީ މިހެން ހުންނަ ރަށްތަކުން މާލީ މަންފާއެއް ނުލިބޭ ތަނުގައި އެ ރަށްރަށުގައި ކުއްޔަށް ދޫކުރި ބޭނުން ފިޔަވާ އެހެން ކަންކަން ކުރަމުންދާ ކަމަށާއި މިއީ ގާނޫނާ ހިލާފު ކަމަކަށްވީ ނަމަވެސް، އެކަންކަން ހުއްޓުވަން ފިޝަރީޒް މިނިސްޓްރީ ނުކުޅެދިފައިވާ ކަމަށް  ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މިގޮތަށް ގާނޫނާ ހިލާފަށް ބޭނުންކުރަމުންދާ ރަށްރަށުގެ އެއްބަސްވުންތައް ބާތިލުކޮށް އެ ރަށްތައް އަތޮޅު ކައުންސިލާ ހަވާލުކުރަން އެދިފައިވެ އެވެ.

ބ.އަތޮޅުގައި ޖުމްލަ 82 ރަށް އޮންނަ އިރު މީހުން ދިރުއުޅެނީ އެންމެ 13 ރަށުގަ އެވެ. ބާކީ ހުރި ރަށްތަކުގެ ތެރެއިން ތިމާވެށީގެ ގޮތުން ހާއްސަވާތީ ހިމާޔަތްކޮށްފައިވާ 10 ރަށަކާއި ރަށު ކައުންސިލްތަކާ ހަވާލުކޮށްފައިވާ މަދު ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއް ކަހަލަ ގޮތަކަށް ބޭނުންކުރަނީ ޓޫރިޒަމާއި ދަނޑުވެރިކަން ފަދަ ސިނާއީ ބޭނުންތަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top