އަންނަ ހަފްތާގައި ޓެލިކްލާސްތައް އަލުން ފަށަނީ .

b_DzqbiHlHxuuNxGSxrvnzZfO6n.jpg

ޓީވީ މެދުވެރިކޮށް ގެނެސްދިން ޓެލިކިލާސް ޕްރޮގްރާމެއް ބަލަނީ --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަޑާލާފައިވާތާ 2 މަސްދުވަސް ފާއިތުވެފައިވާ އިރު އަންނަ ހަފްތާގައި ޓެލިކްލާސްތައް އަލުން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓިވީ މެދުވެރިކޮށް އަންނަ ހަފްތަގެ ހޯމަދުވަހު ފައުންޑޭޝަން ލެވަލްއިން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔެވުން ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށާ، ފިލާވަޅުތައް ދެއްކުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްގެ ޗެނަލްތަކުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ މީގެކުރިން ޓެލިކިލާސް ކުރިއަށް ގެންދިޔަގޮތާ މިފަހަރު ތަފާތުވާނެކަމަށެވެ.  މިގޮތުން މިފަހަރުގެ ކްލާސްތައް ރާއްޖޭގެ އެކި ކަންކޮޅުތައް ހިމެނޭގޮތަށް ގިނަ ސްކޫލްތަކުގެ މުދައްރިސުން ބައިވެރިވެ ފިލާވަޅުތައް ނަގައިދެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުދައްރިސުން ފިލާވަޅުތައް ތައްޔާރު ކުރާނީ އެ މުދައްރިސެއްގެ ގޭގައި ނުވަތަ ސްކޫލްއަށް ގޮސްގެންކަމަށާ އެއަށްފަހު އެ ފިލާވަޅުތައް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވުމުން މިނިސްޓްރީގެ ޓީމާއި ޕީއެސްއެމް ގުޅިގެން އެފިލާވަޅުތައް ޓީވީން ދައްކަން ފަށާނެކަމަށްވެސް އިހްސާން ވިދާޅުވިއެވެ.

ބައެއް ސްކޫލުތަކުން މިހާރު ވެސް ދަރިވަރުންނަށް ފިލާވަޅުތައް ހަވާލުކުރަމުން އަންނަކަމަށާ، ޓެލި ކިލާހުގެ ފިލާވަޅުތައްވެސް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ “ފިލާ” ޕޯޓަލްއިން ފަހުން ބަލާލެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެކަޑަމިކް ކަލަންޑަރާ އެއްގޮތަށް ގޫގުލް ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދިނުން ކުރިއަށް ގެންދާއިރު، ޓެލިކިލާހަކީ އެކަމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ އެއްޗެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

އޭގެ އިތުރުން ނިއު ނޯމަލްއަށް ސްކޫލްތައް ތައްޔާރުކުރުމުގެ މަސައްކަތަށް ދިރާސާތަކާއި ރޭވުންތައް ރާވަމުން އަންނަ ކަމަށާއި އެގޮތުން ތަފާތު ސިނާރިއޯތަކަށް ތައްޔާރުވުމަށް އެޑިއުކޭޝަން ދާއިރާގެ ކޮވިޑް ރެސްޕޮންސް ޕްލޭނެއް ތައްޔާރުކުރަމުން އަންނަ ކަމަށްވެސް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އަދި އެ ޕްލޭން ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ނިމޭނެ ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ސްކޫލުތައް ބަންދުކުރުމުން ކުދަދުވަސް ކޮޅަކު ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިނެވެ. ނަމަވެސް މާލެއިން ކޯވިޑް-19ގެ ބަލި މީހަކު ފެނި މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިނުން ވެސް މެދުކަނޑާލިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top