ކުނިކޮށި ކުނިވެ، އޭދަފުއްޓަށް މެހީގެ ”ތޫފާނެއް”

ކުނި.jpg

އޭދަފުށީ ކުނި ކޮށި

އޭދަފުށި ކުނިކޮށީގެ ހާލަތު ގޯސްވެ ރަށުތެރޭގައި އާދަޔާ ހިލާފަށް މެހި ގިނަވުމުން އަނެއްކާވެސް އާންމުންނަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.

މިދިޔަ ރަމަޟާންމަހުގެ ތެރޭގައިވެސް ކުނިކޮށީގެ ހާލަތު ގޯސްވުމާ ގުޅިގެން އޭދަފުށީގައި މިމައްސަލަ ފެންމަތިވިއެވެ. އޭދަފުށީ ކައުންސިލުން ބުނީ އާދަޔާ ހިލާފަށް މެހި އިތުރުވާން ދިމާވީ ދާދި ފަހުން ކުރި ވިއްސާރައިގެ ތެރޭގައި ކުނިކޮށްޓަށް ޖަމާވި ކާބޯތަކެތި ނައްތާލުމުގައި ދަތިތަކަކާ ދިމާވުމުން ކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ މިމައްސަލަ ކުރިމަތިވާން ދިމާވާ މައިގަނޑު މައްސަލައަކީ ކުނިއުކުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ގަވާއިދާ ހިލާފަށް ޑަސްބިން ކުނި ، ކުނިކޮށްޓަށް އަޅަމުންދާތީއެވެ.

“ރޯދަމަހުވެސް ހަމަ މިމައްސަލަ އިނގޭތޯ މިދިމާވީ. ހަގީގަތުގައި މިވާގޮތަކީ ރަޖިސްޓްރީ ނުކުރާ މީހުން ކުނި މިއުކަނީ ރޭގަނޑުގެ ވަގުތުތަކާ، ފަތިސް ދަންމަތި ވަގުތުތަކުގައި. ކުނިއަޅާ ސަރަހައްދަށް ގިނަ އަދަދަކަށް ބަދިގޭގައި އުފެދޭ ޑަސްބިން ކުނި އަޅާފައި ހުރުމުގެ ސަބަބުން ވިއްސާރައިގެ ތެރޭގައި އެތަކެތި ނައްތާލަން ދަތިވީ. މިކަން ހައްލުކުރެވޭނީ އާންމުންވެސް ވަރަށް ބޮޑަށް މިކަމާ ސަމާލުކަންދީގެން. ކައުންސިލަށް އެއްބާރުލުން ދީގެން. އަޅުގަނޑުމެން މިހާރު އެކުނިތައް ނައްތާލަމުން މިދަނީ” ތޮލާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިމައްސަލަ ކުރިމަތިވުމާއެކު ބ. އަތޮޅު ހޮސްޕިޓަލްގެ ކަމާބެހޭ ފަރާތްތަކާ ކައުންސިލް ގުޅިގެން ސިއްހީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާބެހޭގޮތުން މަޝްވަރާ ކުރަމުންދާކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭގޮތަކަށް އާންމުންނާއި، ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ކުނީގެ މައްސަލައަކީ އޭދަފުށީގެ ކުނި އުކުމުގެ މަޝްރޫއާވެސް ގުޅިލާމެހިފައިވާ، ވަރަށް ދަތި މައްސަލައަކަށް ވެފައިވާކަމަށެވެ. އަދި ކުނި އުކުމުގެ މަޝްރޫއު ރިވިއުކޮށް ނިމުމާއެކު، މިފަދަ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ފެންނާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މެހި އާދަޔާ ހިލާފަށް ގިނަވި ނަމަވެސް އާދަޔާ ހިލާފް ސިއްހީ މައްސަލައެއް އަދި ފާހަގަނުކުރެވޭކަމަށެވެ. އެހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓް ހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ ކުނިކޮށީގެ މިމައްސަލަ ހައްލުކުރުމަށް ކައުންސިލާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށާ، މައްސަލަ އިތުރަށް ގޯސްވުމުގެ ފުރުސަތު ނުދެއްވާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top