އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ހަތްވަނަ އިސްލާހު ގެނައުމުގެ ބިލު، މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ވަނީ ގާނޫނުއަސާސީގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ގާނޫނަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވެސް އިސްލާހު ގެނެސްފައެވެ.
މިއަދު ރައީސް އޮފީހުން ބުނީ، ގާނޫނު އަސާސީއަށް ގެނައި ހަތްވަނަ އިސްލާހާ އެކު ލާމަރުކަޒީ ނިޒާމު ހިންގުމުގެ ގޮތުން، އެ ނިޒާމުގެ ބައެއްގެ ގޮތުގައި އަތޮޅު ކައުންސިލުތައް އުފެއްދުމަށް ގާނޫނުއަސާސީން ލާޒިމުކުރާކުރުން ވަނީ އުވާލާފައި ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅޭ ކަންކަން ތަންފީޒުވާނީ މި ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައެވެ. އަދި، އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ފެށެންދެން މިހާރު އޮތް އަތޮޅު ކައުންސިލްތައް ދެމިއޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަތޮޅު ކައުންސިލަކީ ބޭކާރު ކަމެއް ކަމަށް ބުނެ އެ އުވާލުމުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކި ޕްލެޓްފޯމްތަކުގައި ދައްކަވާފައިވެ އެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމުން ހަދަރުތައް ކުދަވެ، ކައުންސިލްތައް އިތުރަށް ބާރުވެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.






