ސީގިއަރއިން ބައިލައްކައަށް ހަންޓޭ ސްޕޮންސާކޮށްފި

21731250_839866259520964_3373840866762231767_n.jpg

ސީގިއަރއިން ހަންޓޭއަށް ކައިޓް ސާފް ކިޓް އިއްޔެ ހަވާލުކުރަނީ. ސީގިއަރއިން އެއްއަހަރު ދުވަހަށް ހަންޓޭވަނީ ސްޕޮންސާކޮށްފައި / ފޮޓޯ: ގޮއިދޫ ވޯޓަރ ސްޕޯޓްސް

ކައިޓް ސާފްކުރުމުގެ ދާއިރާގައި ދާދިފަހުން ފިޔަޖަހަންފެށި ބ. ގޮއިދޫ އުމުރުން 14 އަހަރުގެ ހަސަން މާހިރު (ހަންޓޭ) އެއްއަހަރު ދުވަހުގެ މުއްދަތައް ސީގިއަރ މޯލްޑިވްސްއިން ސްޕޮންސާ ކޮށްފިއެވެ.

މޫދުކުޅިވަރަށް ބޭނުންކުރާ ސާމާނާއި، އެހެނިހެން ބައެއް ތަކެތި ވިއްކާ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ސީގިއަރއިން ހައްޓޭއާއެކު އެއްއަހަރުގެ ސްޕޮންސާ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެކުންފުނީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހަންޓޭގެ މެނޭޖަރ އަދި ގޮއިދޫގެ ކައިޓްސާފަރެއްކަމަށްވާ، ހަސަން ނިޒާމް އީވީއަށް ބުނީ މިއެއްބަސްވުމުގެ ދަށުން އެއްއަހަރު ދުވަހުގެ މުއްދަތަށް ހަންޓޭ ކައިޓް ސާފްކުރުމާ، މޫދުކުޅިވަރުތަކަށް ބޭނުންވާ ސާމާނު ސީގިއަރއިން ދޭނެކަމަށެވެ. އަދި އެއްބަސްވެފައިވާ ގޮތުން ބައިލައްކައެއްހާ ރުފިޔާގެ އަގުހުރި ތަކެތި ހަންޓޭއަށް ލިބޭނެކަމަށްވެސް އޭނާ ބުންޏެވެ.

“މިފަހަރު ހަވާލުކުރި ތަކެތީގެ އަގުވެސް ވިއްސަކަށް ހާސްރުފިޔާވަރުވާނެ. އަދި އިތުރު ކިޓެއް ލިބޭނެ ވަރަށް އަވަހަށް. އަހަރުދުވަސްތެރޭގައި ފަންސާހަކަށް ހާސްރުފިޔާގެ ތަކެތި ލިބޭނެ މިއެއްބަސްވުމުގައިވާގޮތުން” ހަންޓޭއަށް ކައިޓް ސާފްކުރުމުގެ ހުނަރު ދަސްކޮށްދިނުމުގައި އިސްދައުރެއްވެސް އަދާކުރި ހަސަން ބުންޏެވެ.

އިއްޔެގެ ރަސްމިއްޔާތަށްފަހު ސީގިއަރ އިން ހަންޓޭއަށްވަނީ ކައިޓް ކިޓެއް ހަވާލުވެސް ކޮށްފައެވެ. މިރަސްމިއްޔާތުގައި ސީގިއަރގެ ޖެނަރަލް މެނޭޖަރ ހުސައިން އަބްދުﷲ ވިދާޅުވީ ހަންޓޭ ސްޕޮންސާކުރަން ނިންމީ އޭނާގެ ހުނަރު ތަރައްޤީކުރުމަށް ހުރި ޝައުގުވެރިކަމުގެ ސަބަބުންކަމަށާ، ހަންޓޭއަށް އެހީތެރިވާން ސީގިއަރއިން ތައްޔާރަށް އޮތްކަމަށެވެ.

ސީގިއަރއިން އެއްއަހަރު ދުވަހަށް ހަންޓޭ ސްޕޮންސާކުރިއިރު މިއަހަރުގެ މެދުތެރޭގައި އޭނާވަނީ ރެޑްބުލްގެ ސްޕޮންސާއެއްގެ ދަށުން ސްރީލަންކާގައި އޮތް ކައިޓް ސާފިންގް ޓުއަރއެއްގައި ބައިވެރިވެ، ދުނިޔޭގެ ޗެންޕިއަންގެ ސަމާލުކަންވެސް ހޯދާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top