ބެންގަލޫރު އެފްސީ ރާއްޖެއިން ފޮނުވާލަން ނިންމައިފި!

img_lg_202105070714251620396865.1938-p6vtmzzu624yelv72fas5l1hx9me18u5j49rsn12fo.jpg

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފު ވެފައިވާތީ ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ބުރުގެ ޕްލޭއޮފް މެޗުގައި ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅެން ރާއްޖެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީ، ރާއްޖެއިން ފޮނުވާލަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައެވެ. މަޚްލޫފު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެޓީމުން ހިލާފުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖެ ދޫކޮށް އެޓީމު ވަގުތުން ފުރަން ޖެހޭ ކަމަށެވެ.

މަޚްލޫފް ވިދާޅުވީ، އީގަލްސްއާއި ބެންގަލޫރު އެފްސީގެ މެޗް ރާއްޖޭގައި ނުކުޅެވޭނެކަން އެފްއޭއެމަށް މިހާރު އަންގާފައިވާ ކަމަށާއި، އަދި އެޓީމު ރާއްޖެއިން ވީއެންމެ އަވަހަކަށް ފުރުމުގެ އިންތިޒާމް ހަމަޖެއްސުމަށްވެސް އެންގެވި ކަމަށެވެ. އަދި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ފަސް ކުރުމަށް އޭއެފްސީއާ މަޝްވަރާ ކުރަށްވާނެ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

ހާއްސަ ހުއްދައިގެ ދަށުން ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެޓީމުގެ ކުޅުންތެރިންނަށް ހޮޓަލުން ބޭރަށް ނިކުތުން މަނާކޮށްފައި ވަނިކޮން ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނިކުމެ މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭ މަންޒަރު ފެނިގެން އާންމުންވަނީ ސަކުވާކޮށްފަ އެވެ.

ރާއްޖޭގައި ހޯސްޓް ކުރާ އޭއެފްސީ ގުރޫޕު ޑީގެ މެޗުތަކުގެ އިތުރުން ކޮލިފިކޭޝަން މެޗަށްވެސް ސަރުކާރާއި އެޗްޕީއޭއިން ހާއްސަ ހުއްދައެއް ދިނުމުން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭއެފްސީން ލަފާދީފައިވަނީ ބަބުލް ސިސްޓަމަށް ޓީމުތައް އެކަހެރިކޮށް، ޓީމުތަކަށް ހިދުމަތް ދޭ ފަރާތްތައްވެސް އެކަހެރި ކޮށްގެން މެޗުތައް ކަނޑައެޅިފައިވާ ތާރީހުގައި ކުރިއަށް ގެންދިއުމަށް ކަމަށް މަޚްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top