އިސްތިއުފާދޭކަށް ނުޖެހޭ، ކައުންސިލް ކަމުނުދަނީ – ކޯޗް ބައްޓޭ

14369948_1126650620750483_4866607762076285925_n.jpg

އޭދަފުށީ ފުޓްބޯޅަ ޓީމްގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ). ޓީމް ވަރުގަދަ ކުރެވޭނީ ކައުންސިލުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ބުނި / ފޮޓޯ: ފޭސްބުކް

މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ނުގޮސް އޭދަފުށީ ޓީމް ކެޓިނަމަވެސް ކޯޗް އިސްތިއުފާދޭން ނުޖެހޭ ކަމަށާ، އެކަމުގެ ޒިންމާ ކައުންސިލުން ނަގަންޖެހޭކަމަށް އޭދަފުށީ ފުޓްބޯޅަ ޓީމްގެ ކޯޗު މުހައްމަދު ޒާހިދު ބައްޓޭ ބުނެފިއެވެ.

ފައިނަލް ބުރުގެ މެޗްތައް ނިންމައި އޭދަފުއްޓަށް އައުމަށްފަހު އޭދަފުށީ ވޮއިސް އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ބައްޓޭބުނީ ހުރިހާވެސް މައްސަލައެއް އުފެދެނީ ދުރާލައި ޓީމް ތައްޔާރުނުވެވިގެން ކަމަށާ، މިކަން ނުކުރެވެނީ ކައުންސިލުގެ އެއްބާރުލުން ނެތިގެން ކަމަށެވެ. އޭނާ ބުނީ މުބާރާތް ފެށެން ވަގުތު ކުޑަތަންވީމައި، ކޯޗަކަށްވެސް ކުޅުންތެރިންނަކަށްވެސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެކަމަށެވެ.

“އަތޮޅު މުބާރާތުގައި ދަރަވަންދޫއާ ކުޅުނީވެސް އެއްވެސް ޕްރެކްޓިސްއެއް ނެތި، ޒޯން ޗެންޕިއަންކަންވެސް ލިބުނީ ހަގީގަތުގައި ޓީމް އެއްކޮށް އެއްވެސް ޕްރެކްޓިސް އެއް ނުކޮށް. އެކަންކަން ކުރެވޭނީ ކައުންސިލުން ދުރާލައި، ޓީމަށް މެނޭޖްމަންޓެއް އެކުލަވާލައި ތައްޔާރުވެގެން. އެކަން ނުކޮށްވެސް މިހިސާބަށް އާދެވުނީމާ ޝުކުރުވެރިވާންޖެހޭނީ. ކޯޗް އިސްތިއުފާ ދޭކަށް ނޫންޖެހޭނީ” މިނިވަން ޗެންޕިއަންޝިޕް ގައި އޭދަފުށީ މިދިޔަ 3 އަހަރު ވާދަކުރި އިރުވެސް ކޯޗަކަށްހުރި ބައްޓޭ ބުންޏެވެ.

ބައްޓޭ ބުނީ އޭދަފުށީ ޓީމްގެ ކުޅުންތެރިންނަކީ ރިސޯޓްތަކާ، ރަށުން ބޭރުގައި ވަޒީފާ އަދާ ކުރާ ކުޅުންތެރިންކަމަށާ، ޓީމް އެކުލަވާލުމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި ފައިނަލް ރައުންޑަށް ދާއިރު ޓީމް ވަރުގަދަކުރުމަށް ބިދޭސީ 3 ކުޅުންތެރިން ހޯދަން ކައުންސިލްގައި އެދުނުކަމަށެވެ. ނަމަވެސް މިކަންކަން ހައްލުކުރުމަށް ކައުންސިލުން މާބޮޑު އަޅާލުމެއް ނުދޭކަމަށާ، ކުރީގެ ކައުންސިލްވެސް އަދި މިހާރުގެ ކައުންސިލްވެސް މިކަމާ އުޅެންވާވަރަށް އުޅެފައިނުވާ ކަމަށެވެ.

“ކުޅުންތެރިން ހަމަމިވަނީ ސީދާ މެޗަށް. ފައިނަލް ރައުންޑް ނިންމާފައި މިއައީ އަސްލުވެސް މިބުނީ ހުރިހާ ކުޅުންތެރިން އެއްކޮށް ނޯންނާނެ ހަމައެންމެ ޕްރެކްޓިސްއެއްވެސް އެއްކޮށްފައެއް. އަހަރެން އެދުނިން ރަނގަޅު ޑިފެންޑަރަކާ، ގޯލް ކީޕަރަކާ، ފޯވާޑެއް ރާއްޖެއިން ބޭރުން ހޯދަން. އެކަމާވެސް ކައުންސިލުން އަޅާނުލި. ޓީމް ވަރުގަދަ ނުކޮށް އޭދަފުއްޓޭ ކިޔާފަ އަބަދަކު މޮޅެއްނުވާނެ. އެކަން އެގޮތަށް ވާކަށްވެސް ނުޖެހޭ”

އޭނާ ބުނީ އޭދަފުށީ ޓީމް ވަރުގަދަ ޓީމެއްގެ ގޮތުގައި މުބާރާތްތަކުގައި ވާދަކުރުމަށް ވަރަށް ގިނަ ކަންކަން ރަނގަޅު ވާންޖެހޭ ކަމަށާ، ކައުންސިލުން މިކަމަށް ވިސްނައި ހައްލު ހޯދާދޭން ޖެހޭކަމަށެވެ. އަދި ފުޓްބޯޅަ ކުޅެވޭނީ އެކަށީގެންވާ ވަރަށް ފައިސާ ހަރަދުކޮށްގެން ކަންވެސް ބައްޓޭ ފާހަގަކުރިއެވެ.

“މިފަހަރު މުބާރާތްތަށް ދިޔަ ގިނަ ޓީމްތަކުން ކުޅުންތެރިންނަށް މުސާރަދިން، ތިންމަސް ހަތަރުމަސް މިކަމުގައި އުޅޭއިރު ކޯޗުވެސް މިއުޅެންޖެހެނީ އަމިއްލަ ޓްރޭނިންގް ޝޫޒްގައ، ކުޅުންތެރިންވެސް އަމިއްލަ ތަކެތީގަ. އެހެންވީމަ، މިކަހަލަ ކިތަންމެކަމެއް ރަނގަޅުކޮށްގެން އޭދަފުށީ ޓީމް ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނާނީ”

އޭދަފުށީ ޓީމްގެ ކަންކަން އިސްލާހް ކުރެވޭނީ ކައުންސިލުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެންކަމަށް ކޯޗް ބައްޓޭ ބުނިއިރު، އޭދަފުށީ ޓީމްގެ ދޯދިޔާކަންތައްތަކަށް އޭދަފުށީގެ ފުޓްބޯޅަ ލެޖެންޑް މުހައްމަދު ޖަމީލް ޖަންބޭވެސް މިދިޔަ ހޮނިހިރު ދުވަހު ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އޭނާވެސް ގިނަ ހަމަލާތައް ފޮނުވާލީ އޭދަފުށީ ކައުންސިލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top