ހޫނުގަދަ ދުވަސްކޮޅަކަށްފަހު ކެރީގެ އަސަރުތައް ދައްކަން ފަށައިފި

DSCN9143.jpg

އޭދަފުށި

ރޭ އޭދަފުށީގެ އެންމެންވެސް ހިކުރީ ވާރޭ ވެހޭނެ ކަމަށެވެ. އޮއްސުނު އިރާއެކު ވިދަން ފެށިއެވެ. އިރުކޮޅަކުން ކަޅުވިލާތަކުން އުދަރެސް ބައްދާލިއެވެ. އެހެންވެ ހޫނު މޫސުމުގެ ދުވަސްތައް ކުރިއަށް އޮތް ނަމަވެސް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ވާރޭ ވެހި ޖައްވު ފިނި ވާނެކަމަށް ހީކުރިއެވެ. އެހެންނަމަވެސް ވާރޭނުވެހި ދިޔައީއެވެ.

އެހެންވިޔަސް ހޫނު މޫސުން ނިމުމަކަށް އަންނަން އުޅޭ ކަމުގެ އިޝާރާތެއް މިއަދު މޫސުލާބެހޭ ގައުމީ އިދާރާ އިން ވަނީ ކޮށްފައެވެ.

އެ އިދާރާގެ އޮފިޝަލަކު، ބައެއް މީޑިއާތަކަށް މޫސުމާބެހޭ މައުލޫމާތު ދެމުން ބުނީ ހޫނު ގަދަ ދުވަސްތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ރަނގަޅުވާން ފަށާނެ ކަމަށް، ލަފާކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި މާޗު މަހަކީ ފަހަކަށް އައިސް މުޅި ދުނިޔެއަށްވެސް ކުރިމަތިވި ދެ ވަނައަށް އެންމެ ހޫނު ގަދަވި މަސް ކަމުގައެވެ. އަދި މިހިނގާ އެޕްރީލް މަހު ރާއްޖެއަށް ހޫނު ގަދަވީ މިދިޔަ މާރިޗުމަހު އެހާ ހޫނު ވުމުންކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކެރީގެ އަސަރުކުރަން ވަނީ ފަށައިފާ ކަމަށާ ހޫނުމިން ދަށްވާން ފަށާނެ ކަމަށެވެ.

“ރާއްޖޭގެ އެކި ހިސާބުތަކަށް މަޑުމަޑުން ވިއްސާރަކުރަން ފަށައިފި. ދެކުނުގެ ހިސާބުތަކަށް މިރޭ ވިއްސާރަވާނެ ކަމަށް ދައްކަނީ. ރޭގައި ވެސް ގާފަރު ހިސާބަށް ކެރީގެ އަސަރުކޮށްފައިވޭ،” އޮފިޝަލް ވިދާޅުވި އެވެ.

މިހާރު ހިނގަމުން މި ދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަަކަތް، އައްސިދަ އެވެ. އައްސިދަ ނަކަތް ދެމިގެންދާނީ އޭޕްރީލް 9 އިން 21 އަށެވެ. އައްސިދަ ނަކަތުގައި އާންމުކޮށް ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހެ އެވެ.

މާރިޗު އާއި އެޕްރީލް މަހުގެ ހޫނު ގަދަ ދުވަސްތަކަށް ފަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހެން ފަށަނީ އެޕްރީލް މަހުގެފަހުކޮޅުއެވެ.

ފާއިތުވި މަހެއްހައި ދުވަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވި އެއް ދުވަސްތަކެވެ. މީގެ ކުރިން މެޓުން ބުނެފައިވަނީ ހޫނު ގަދަ ދުވަސްވަރު ހޫނުމިން 33 ޑިގްރީ އަށް އަރާ ކަމަށެވެ.

ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ މެންދުރު ނަމާދަށްފަހު އިސްތިސްގާ ނަމާދު ކުރަން ވަނީ ނިންމައިފައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top