
ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖްގައި ގޮއިދޫއާ، އޭދަފުށީ ބައްދަލުކުރި މެޗެއްގެ ތެރެއިން. އަތޮޅު މުބާރާތްތަކެއް ބޭއްވުމަށް އެފްއޭއެމުން ދަނީ ވިސްނަމުން / ފޮޓޯ: އީޓީ
އާ ބަދަލުތަކަކާއި އެކު މިއަހަރު އަތޮޅު ފުޓްބޯޅަ މުބާރާތުގެ ނަމުގައި މުބާރާތެއް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފިއެވެ.
އެގޮތުން މި މުބާރާތް ބޭއްވުމަށް އަތޮޅުތެރޭގައި ފުޓްބޯޅަ ތަރައްގީ ކުރުމަށާއި މި މުބާރާތް އަލުން ފެށުމާއި ބެހޭ ގޮތުން އަތޮޅު ކައުންސިލްތަކާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެއެވެ.
އަތޮޅު ކައުންސިލްތަކާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން އޮންނާނީ މިމަހުގެ ބާރަ ވާ ބުރާސްފަތި ދުވަހު ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު މިހާރު ވަނީ ހުރިހާ އަތޮޅު ކައުންސިލްތަކަށް ފޮނުވާފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ހުރިހާ އަތޮޅެއްގެ އަތޮޅުކައުންސިލް ތަކުން ބައިވެރި ވުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު އެދެމެކެވެ.
“އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ކަމެއް އަތޮޅުތެރޭގައި ފުޓްބޯޅަ ތަރައްގީ ކުރުމަކީ. މި ބައްދަލުވުމުގެ ބޭނުމަކީ އަތޮޅު ކައުންސިލްތަކުގެ ޚިޔާލާއި މަޝްވަރާ ވީ އެއްމެ ފުޅާދާއިރާއެއްގައި ހިމަނައިގެން އެފްއޭއެމާއި އަތޮޅު ކައުންސިލްތަކާއި ގުޅިގެން މި މުބާރާތް ކުރިޔަށް ގެންދެވިދާނެ ގޮތަކާއި ބެހޭގޮތުން މަޝްވަރާކުރުން” ޑިރެކްޓަރ އެޓޯލްސް ފުޓްބޯލް އަހުމަދު މުޖުތަބާ (ފެސްކޯ) ވިދާޅުވިއެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އަލުން އަތޮޅު ތެރެއަށް އަމާޒުކޮށްގެން އެފްއޭއެމުން ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މީގެކުރިން އަތޮޅުތަކަށް އަމާޒުކޮށްގެން އެފްއޭއެމުން ބޭއްވި ޒޯން ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގެ ފުޓުބޯޅަ މައިދާނުގައި މަޝްހޫރު އެތަށް ކުޅުންތެރިންތަކެއް އުފަންވި މުބާރާތެކެވެ.
މި މުބާރާތް ފެށުން ވެގެންދާނީ އަނެއްކާވެސް ހުނަރުވެރި އާ ކުޅުންތެރިންތަކެއް އުފެދިގެންދާނެ މުބާރާތަކަށެވެ.