ފާގަ – ރުޅިގަދަ މީހުން ކޮންޓްރޯލްކުރާ އެއްޗެއް

White-Bitter-Melon-Overripe1.jpg

މާ އަވަހަށް މީހަކު ހަމައިން ނައްޓާ ‘ބުން’ ވާނަމަ އެމީހަކަށް ފާގަދިޔަ ދިނުމަށް ނުވަތަ ފާގަ ކިލޯއެއް ގަނެ ދިނުމަށް ލަފާދިނުން އެއީ އަހަރުމެން ދިވެހިން ޢާންމުކޮށް ކުރާކަމެކެވެ. ގިނަ ފަހަރަށް މިފަދަ ލަފައެއް ދެވެނީ މަލާމަތް ކޮށް ލުމުގެ ނިޔަތުގައި ނުވަތަ ޖެއްސުން ކޮށްލުމުގެ ނިޔަތުގައެވެ. އެއްވެސް ޙާލަތެއްގައި ފާގައިން ރުޅިގަދަ މީހުންގެ ރުޅި މަޑުވާން ޖެހޭ ސަބަބު އެނގިގެނެއް ނޫނެވެ.

މިހާ ހިސާބުން ހިތުގައި އުފެދޭ ސުވާލަކީ ‘ރުޅިގަދަމީހުން ރުޅިމަޑު ކުރުން’ މިއީ ފާގައިގެ ޙަޤީޤީ ފައިދާ ބާވައެވެ؟ ނޫން ނަމަ ފާގައިގެ އެއްވެސް ފައިދާއެއް ވޭބާވައެވެ؟ ފާގައިން ފައިދާތަކެއް ވާނަމަ އެއީ ކޮން ކަންތައްތަކެއް ބާވައެވެ؟

ހޯދުން ތަކުން ދައްކާ ގޮތުގައި ފާގައަކީ އޭގެ ސަބަބުން ސިއްޙީ އެތައް ފައިދާތަކެއް ލިއްބައިދޭ ތަރުކާރީ އެކެވެ. ފާގައިން ލިބިދޭ ފައިދާތަކަށް ތަފްސީލީ ނަޒަރަކުން ބަލައިލަމާ ހިނގާށެވެ.

އިންޑިޔާގެ ކެރެލާގައި ފާގައާއި ފާގަފަތް ޔޫނާނީ ނުވަތަ އަޔުރުވެދިކު ބޭސްވެރިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރެއެވެ. މިގޮތުން ފާގައިގެ ދިޔަ ނުވަތަ ފާގަ ފަތުގެ ދިޔަ މޭގެ އެކި އެކި ބަލިތަކަށާ ހަކުރުބަލީގެ ކާމިޔާބު ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވެމުން ދެއެވެ. މީގެ އިތުރުން ފާގަދިޔައިން ލޭ ތާޒާކޮށްދޭތީ ހަމުގެ ބަލިތަކަށް ވަރަށް މުހިންމު ފަރުވާއެކަމުގައި ވެސް ފާގަ ހިމެނިފައިވެއެވެ.

ޔޫނާނީ ބޭސްވަރިކަމުގެ ޙަކީމުން ބުނާ ގޮތުގައި ފާގައަކީ ބަނޑު ހިކުމަށް އޮތް މުޖައްރިބު ފަރުވާ އެކެވެ. އަދި ފާގަ ބޭނުން ކުރާނަމަ ހަށިގަނޑުގެ ދިފާޢީބާރު ވަރުގަދަ ކޮށްދެއެވެ.

މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާ އެކު ފާގަ ދިޔަތައްޓެއް ބޯން އާދަކޮށްފިނަމަ، އެމީހެއްގެ ހަންގަނޑު އޮމާން ކޮށްދީ ސިއްޙީ ގޮތުން ދުޅަހެޔޮމީހަކަށް އެމީހާ ވެދެއެވެ.

އިންސާނާގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ފާގައިން ދަށްކޮށްދޭތީ ފާގަދިޔަ އެއީ ހަކުރުބައްޔަށް އެންމެފަސޭހައިން ލިބޭނެ އެންމެ މުޖައްރިބު ފަރުވާ ކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ.

ވިޓަމިން ސީ، ދަގަނޑުގެބައި، ޒިންކް، ޕޮޓޭސިޔަމް، ކެލްސިޔަމް އަދި ގިނަ މިންވަރަކަށް ފައިބަރ ފާގައިގައި އެކުލެވިފައި ވެއެވެ. މީގެ އިތުރުން، އުރަމަތީގެ ކެންސަރުން ސަލާމަތްވުމަށްވެސް ފާގައިން ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.

އެހެންނަމަވެސް ތަފާތު ސަބަބުތަކަކަށްޓަކާ މާބަނޑުމީހުން ފާގަ ބޭނުން ނުކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.

ފާގައިގެ ސަބަބުން މަތީގައި ބަޔާން ކުރެވިފައިވާ ގިނަގުނަ ފައިދާތައް ލިބިދޭކަން އެނގޭހިނދު ރުޅިގަދަ މީހަކުވެސް ފާގަދިޔަ ބުއިމުން ރުޅިމަޑުވާނެކަން ޔަޤީނެވެ. ފަހަރުގައި މިއީ މަތީގައި ދެންނެވިފައިވާ މުހާވަރާ ދިވެހިބަހުގައި ބޭނުންކުރުމުގެ އަސްލު ކަމުގައިވެސް ވެދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top