ކުޑަކުދިންނަށް ސްމާޓް ފޯނު ދިނުން – ޑްރަގް ދިނުމެކޭ އެއްފަދަ!

giving-your-child-a-smartphone-is-like-giving-them-drugs-says-top-addiction-expert-650x494.jpg

ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް، ޚާއްސަކޮށް ކުޑަކުދިންގެ އަތަށް ސްމާޓްފޯނު ދިނުމަކީ އެކުދިންނަށް ޑްރަގް ދިނުމާ އެއްފަދަ ކަމެކެވެ. ކުޑަކުދިން ސްމާޓްފޯނު ބޭނުންކުރާ މިންވަރު ކުރިއަރައިގެން ގޮސްފައިވާ މިންވަރު ދެނެގަތުމަށްފަހު ޔޫކޭގެ އެޑިކްޝަން ތެރަޕިސްޓެއް ވަނީ މިކަން ބަޔާންކޮށްދީފައެވެ.

“އެތައް މިލިޔަން ބަޔަކު އެމީހުންގެ މުޅި ދުވަސް ހޭދަކުރަނީ އެމީހުން ގަޔާވާފަދަ ކޮންމެވެސް އެއްޗެއް ހޯދުމުގެ ބޭނުމުގައި ފޭސްބުކް ނުވަތަ އިންސްޓަގްރާމް ފަދަ މަޝްހޫރު ސޯޝަލް މީޑިއާތަކުގެ ނިއުސްފީޑުތައް ހޭވުމުގައެވެ. މިއީ ކޮންމެ ދުވަހެއްގެ އާދަ އަކަށް ވީއިރު، މާ ގިނައިން ސްމާޓްފޯނު ބޭނުން ކުރުމަކީ ޑްރަގާއި އަލްކޮހޯލް އަށް ދެވިހިފުމާ އެއްފަދަ ކަމެކެވެ. މިހެން ދަންނަވަން މި ޖެހެނީ، އެއަށް ދެވިހިފައިފިނަމަ އެކަމުން ސަލާމަތް ވުމަކީ ޑްރަގް ބޭނުން ކުރުމުން ސަލާމަތްވުންހާ އުނދަގޫ ކަމަކަށް ވާތީއެވެ.” އޭނާ ބުނެފައިވެ އެވެ.

މިއީ މަޖަލަކަށް ކުރެވޭ ކަމެއް ކަމުގައި ދުއްކަމަށް ވިޔަސް، ދެވިހިފާ ކަމެކެވެ.

ކޮރެއާގެ ކްވެންގްވޫން ޔުނިވާސިޓީގެ ޕްރޮފެސަރ ޖެނިފަރ އައިމް ވަނީ ސްމާރޓްފޯނުގެ އަވައިގައި ކުދިން ޖެހުމާ ގުޅޭގޮތުން އުމުރުން 12 އަހަރުގެ 2000 ކުދިން ބައިވެރި ކޮށްގެން ދިރާސާއެއް ހަދައިފައެވެ.  ދިރާސާ އަށްފަހު އޭނާ ހާމަ ކުރި ގޮތުގައި ސްމާޓްފޯނުގެ އަވައިގައި ޖެހުމުން ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނޭދެވޭ އަސަރުކުރެއެވެ. އަދި އޭގެ ސަބަބުން ކުދިންގެ ތައުލީމީ ފެންވަރަށްވެސް ބަދަލު އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

50 އިންސައްތަ ކުޑަކުދިން ގަވައިދު ފޯނު ބޭނުންކުރޭ

ތަފާސް ހިސާބުތައް ދައްކާގޮތުން، ދުނިޔޭގެ 50 އިންސައްތައަށް ވުރެ ގިނަ ކުޑަކުދިން ސްމާޓްފޯނުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެނގި ތިބެ އޭގެ އަވައިގައި ޖެހިފައި އެބަ ތިއްބެވެ. އަދި 84 އިންސައްތަ ކުދިން ބުނާގޮތުގައި ސްމާޓް ފޯނާ ނުލާ އެކުދިންނަށް އެންމެ ދުވަހެއްވެސް ހޭދައެއް ނުކުރެވެއެވެ. މީގެ އަވައިގައި ޖެހިއްޖެނަމަ ޑިޕްރެޝަން، އެންޒައިޓީ، ކަނދުރާ އާއި އަތުގެ ކުޑަހުޅުގައި ރިއްސުން، އަދި ނިދުމުގެ އުނދަގޫތަކާ ކުރިމަތި ވެދާނެއެވެ.

ސްމާރޓްފޯނުގެ އަވައިގައި ޖެހުމުގެ އަލާމާތްތައް

ކުއްޖަކު ފޯނަށް ދެވިހިފާފައިވާކަން އެނގޭނީ ކިހިނަކުންހެއްޔެވެ؟ ޖަވާބު މިއޮތީއެވެ. އެފަދަ ކުދިން އެއްވެސް ކަމަކާނުލައި އިރުއިރުކޮޅަށް ފޯނު ނަގައި ބަލާ ހަދާނެއެވެ. އަދި އެކުދިންނަށް ފޯނާ ނުލައި ވަގުތުކޮޅެއް ހޭދަކުރަން ވަރަށް އުނދަގޫވާނެއެވެ. އަދި އެނގޭހެއްޔެ؟ ބައެއް ކުދިން ގަދަ ނިދީގައި އޮވެފައިވެސް ދަންވަރަށް ހޭލައި ފޯނާ ކުޅެއެވެ. މިކަމުގެ ހިތި ނަތީޖާއަކީ ކުރިންވެސް ބުނެވުނުފަދައިން އެކުދިންގެ ތައުލީމީ ފެންވަރު ދަށްވުމެވެ.

ކުދިންނަށް ހިތްވަރުދެނީ ބެލެނިވެރިން

ޕެޑިއަޓްރިކްސް ޗައިލްޑް ހެލްތް ޖާނަލްގައި ވާގޮތުން، ބެލެނިވެރިންނަކީ ކުދިންނަށް ހުރި އެންމެ ބޮޑު ނަމޫނާއެވެ. އެހެންކަމުން، އެ ކުދިން ފޯނާއި ދުރުކުރުމަށް، އެކުދިންގެ ކުރިމަތީގައި ބެލެނިވެރިން ފޯނު ބޭނުންކުރުން މަދުކުރެވިދާނެއެވެ. އެގޮތުން ދަރިންނަށް ތިމާ އަބަދު ފޯނު ބޭނުންކުރާ މަންޒަރު ނުފެނި ތިމާގެ ފަރާތުން މިސާލު ދައްކައިގެން އެކުދިންވެސް ހަމައަކަށް އެޅޭނެއެވެ. އަދި ކެއުމުގެ ވަގުތުގައިވެސް ފޯނު ބޭނުންކުރުން ހުއްޓާލަންޖެހެއެވެ.

ސްމާރޓްފޯނާއި ޓެބްލެޓުން އުމުރުން 2 އަހަރުގެ ކުދިންގެ ސިކުނޑިއަށް އަސަރުކުރޭ

ސެން ޑިއެގޯ ސްޓޭޓް ޔުނިވާސިޓީގެ ޕްރޮފެސަރުން ކަމަށްވާ ޖީން ޓްވެންޖް އާއި ކީތު ކެމްބެލް ވަނީ ޔޫއެސްގެ 2 އަހަރާއި 17 އަހަރާ ދެމެދުގެ 40000 ކުދިންގެ ފަރާތުން މައުލޫމާތު ތަކެއް އެއްކޮށް ދިރާސާއެއް ހަދައިފައެވެ. އޭގެ ނަތީޖާ ދައްކާގޮތުގައި، ކުދިން ސޯޝަލް މީޑިއާއާއި ވީޑިއޯ ބެލުމުގައި ގިނަވަގުތު ހޭދަކުރުމުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރެއެވެ.

އޭގެތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަކީ ދެ ގަޑިއިރަށްވުރެ ގިނައިން ފޯނު ބޭނުންކުރާ ކުދިން ކަމަށްވުމުން، އެކުދިން މާބޮޑަށް ރުޅިގަދަވެ ހަމައަކަށް އެޅެން އުނދަގޫވެއެވެ. ވީއިރު، އުމުރުން 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުޑަކުދިން ސްމާޓްފޯނު ބޭނުންކުރުމަކީ އެއްގޮތަކަށްވެސް ރައްކާތެރި ކަމެއް ނޫނެވެ.

ކުދިންގެ މިޒާޖަށް ސްކްރީންގެ އަސަރުކުރޭ

ސްކްރީންގެ ސަބަބުން ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ މިޒާޖަށް ނޭދެވޭ އަސަރުކުރެއެވެ. ދުވާލަކު 4 ގަޑިއިރުވަންދެން ފޯނުގެ ސްކްރީންއަށް ބަލަހައްޓައިގެން ތިބުމުން ފުރާވަރު އުމުރުގެ ކުދިން މާބޮޑަށް ކަންކަމާ ދެބަސްވެ ކަންބޮޑުވުމާއި، ކަންކަމުގައި އިސްނަގައި އުޅެން ދަތިވާނެއެވެ. އަދި އެކަކު އަނެކަކާ ގުޅިގެން އުޅެންވެސް އެކުދިންނަށް އުނދަގޫވާނެއެވެ.

ސްކްރީންއަށް ބަލާ ވަގުތު މަދުކުރުން

ކުޑަކުދިން ސްމާޓްފޯން ބޭނުންކުރުމުން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު އެއްކަމަކީ، އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިން އެއް ގަޑިއިރަށްވުރެ ގިނައިން ފޯނު ބޭނުން ނުކުރުމެވެ. އަދި ސްކޫލު ކުދިންނާއި ފުރާވަރު އުމުރުގެ ކުދިންވެސް ދެ ގަޑިއިރަށްވުރެ އިތުރު ނުވާނެހެން ފޯނު ބޭނުންކުރެވިދާނެއެވެ.

ސްމާޓްފޯނުން ލިބޭ ފައިދާއަށް ވުރެ ގެއްލުން ގިނަކަމަށްވިޔަސް، މިކަން ގަބޫލު ނުކުރާ ބެލެނިވެރިން އުޅޭކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ސްމާޓްފޯނު މެދުވެރިކޮށް ރައްޓެހިންނާއި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހި ކުރެވުނުނަމަވެސް، އޭގެ ބޭނުން ކުރަންވާ ވަރަށް ވުރެ އިތުރަށް ކުރުމަކީ ކުއްޖާ ޑިޕްރެސްވެ، ހާސްވެ، އަދި ކަންބޮޑުވާން ދިމާވާ ކަމެކެވެ.

މިކަމުގެ އެއް ހައްލަކީ ބެލެނިވެރިން ފޯނުގެ ސްކްރީނަށް ބެލުން މަދުކޮށް ކުދިންނަށް ނަމޫނާއަކަށް ވުމެވެ. އޭރުން ތިމާގެ ދަރިންވެސް ބެލެނިވެރިން ނަމޫނާއަކަށް ބަލައި ފޯނު ބޭނުންކުރުން މަދުކުރާނެއެވެ. ވަރަށް ފަސޭހަ ނޫންތޯއެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top