އަންނަ އަހަރު ކުރީކޮޅު ގޯތި ދޫކުރެވޭވަރުވާނެ – ތުޅާދޫ ކައުންސިލް

DJI_0269.jpg

ބ. ތުޅާދޫ .

ބ. ތުޅާދޫ ހިއްކިބިމުން ގޯއްޗަށް އެދި ފޯމް ހުށައެޅި ފޯމްތައް އިވެލުއޭޓްކޮށް ނިމިފައިވާކަމަށާ، އަންނައަހަރު ކުރީކޮޅު ގޯތިދޫކުރެވޭވަރު ވާނެކަމަށް ތުޅާދޫ ކައުންސިލުން ބުނެފިއެވެ.

މިދިޔަ މޭމަހު ތުޅާދޫ ހިއްކިބިމުން އާއްމުންނަށް ދޫކުރުމަށް އިއުލާންކޮށްފައިވަނީ 88 ގޯއްޗާއި، 50 ހައުސިންގް ޔުނިޓެވެ. މީގެ ތެރެއިން 5 ހައުސިންގް ޔުނިޓް ދޫކުރާނީ ރަށުން ބޭރުން ހިޖުރަކުރާ އާއިލާ ތަކަށެވެ.

ތުޅާދޫ ކައުންސިލުގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވީ ގޯއްޗަށް އެދި ޖުމްލަ ހަސަތޭކައަށްވުރެ ގިނަ ފޯމް ހުށައެޅިކަމަށާ، ހުރިހާ ފޯމެއް ޗެކްކޮށް ޕޮއިންޓް ދީ ނިމި ވަގުތީ ލިސްޓް ފައިނަލް ކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ޝަކުވާ ހުށައެޅުމަށްޓަކައި އަންނަ މަހުތެރޭގައި ވަގުތީ ލިސްޓް އިއުލާނު ކުރެވޭވަރު ވާނޭ ކަމަށެވެ.

“ވަރަށް ބުރަކޮށް ކޮމެޓީން ކުރި މަސައްކަތް މިހާރު މިއޮތީ ނިމިފައި. ވަގުތީ ލިސްޓް އަންނަ މަހުގެ ތެރޭގައި އިއުލާންކޮށް ޝަކުވާއަށް ފުރުސަތު ހުޅުވާލެވޭނެކަމަށް މިބަލަނީ” މިދިޔަ 3 ދައުރުގައިވެސް ތުޅާދޫ ކައުންސިލްގެ މެންބަރުކަން އަދާކުރަމުން އަންނަ އެމްޑީޕީ މެންބަރު ރަޝީދު ވިދާޅުވިއެވެ.

ތުޅާދޫން ގޯތި ދޫކުރުމުގެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހައުސިންގް މިނިސްޓަރާ އެކު މިދިޔަ ހަފްތާގައި ތުޅާދޫ ކައުންސިލުން ވަނީ ބައްދަލުވުމެއްވެސް ބާއްވާފައެވެ. ރަޝީދު ވިދާޅުވީ ކަންކަން ކުރިޔަށް ގެންދަނީ މިނިސްޓްރީގެ ލަފައާއި އިރުޝާދާ އެކު ކަމަށެވެ.

“ޝަކުވާއަށް ހުޅުވާލީމާ އެނގޭނީ ދެއްތޯ ދެން ކުރިޔަށްދާނެ ގޮތެއް. ގިނަ ޝަކުވާތަކެއް ލިބިއްޖެނަމަ އެކަންކަން ބަލަން ވަގުތު ބޭނުން ވާނެ. އެހެންނަމަވެސް އަޅުގަނޑު އުއްމީދުކުރަން އަންނަ އަހަރުގެ ކުރީކޮޅު ގޯތިދޫކުރަން ފެށޭނެކަމަށް. ” 2011 ވަނައަހަރު ކައުންސިލަރަކަށް ވެވަޑައިގަތުމުގެ ކުރިންވެސް އެއިދާރާގައި ގިނަދުވަސްތަކެއްގައި މަސައްކަތް ކުރެއްވި ރަޝީދު ވިދާޅުވިއެވެ.

ތިން ހާހެއްހާ މީހުންގެ އާބާދީއެއް އޮތް ތުޅާދޫގައި ދިރިއުޅުމަށްޓަކައި މިވަގުތު 536 ގޯތި ދޫކޮށްފައިވެއެވެ. އެރަށުން އެންމެފަހުން ގޯތި ދޫކުރީ 1999ވަނަ އަހަރުއެވެ.

ތުޅާދޫން 88 ގޯއްޗާއި 50 ހައުސިންގް ޔުނިޓް ދޫކުރުމުގެ އިދާރީ މަސައްކަތް ނިމުމަކާ ހިސާބަށް ގޮސްފައިވާއިރު، އަތޮޅުގެ ވެރިރަށް އޭދަފުށިންވެސް 158 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ. ނަމަވެސް އިދާރީ ގޮތުން އޭދަފުށީ ކައުންސިލަށް ތައްޔާރު ނުވެވޭތީ، ގޯއްޗަށްއެދި ހުޅުވާލެވޭނެ ވަކިދުވަހެއް އަދި ނޭނގެއެވެ. މި ދެރަށުން ވަރަށް އަވަހަށް ގޯތިދޫކުރައްވާނެން ރައީސް ސޯލިހް އިއުލާނު ކުރެއްވީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top