ތުހުމަތުތައް ސާފުކޮށްދޭން އަލީ ހުސޭން އަމިއްލައަށް ފުލުސް އޮފީހަށް!

large_150688209934p6eX.jpg

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މެންބަރުންގެ ލިސްޓުގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސޭން ހިމެނޭތީ ފައިސާ ލިބުނު ގޮތް ކިޔައިދެއްވުމަށް އަލީ ހުސައިން އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފުލުހަށް ހާޒިރުވެ އެފައިސާ ލިބުނު ގޮތުގެ ތަފްސީލް ވަނީ ކިޔައިދެއްވާފަ އެވެ.

އޮންލައިން ނޫސް “ސަން”އަށް މިއަދު އަލީ ވިދާޅުވީ، އޭނާއަށް އަދީބު ދިން ފައިސާ އަކީ ހަލާލު މަސައްކަތުން ހޯދާފައިވާ ފައިސާ ކަމަށާ އަދި އޭނާގެ ނަން ލިސްޓުގައި އޮވެގެން ނުވާނެ ކަމަށެވެ.

“އެއީ އަޅުގަނޑު ހަމަ ސީދާ ގާނޫނީ ލެޖިޓިމޭޓް ހުއްދަ މަސައްކަތްތަކެއް ކޮށްގެން ހޯދާފައި ހުރި ފައިސާ. އަސްލު އަޅުގަނޑުގެ ނަމެއް [ލިސްޓަށް] އައިސްގެންވެސް ނުވާނެ،” އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސޭނަކީ ގާނޫނީ ވަކީލެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އިންތިޚާބު ވުމުގެ ކުރިން، އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެނާ ވަނީ ގާނޫނީ މަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން އަދީބަށް އެކި އެކި ގާނޫނީ މަސައްކަތް ކޮށްދީފައިވާނެ ކަމަށެވެ.އެގޮތުން 18 ވަނަ މަޖިލީހުގެ ކެމްޕޭން ދުވަސްވަރު ބޯމަތިވި އިރު، އޭނާ ކުރެއްވި މަސައްކަތްތަކަށް ދޭން ޖޭހޭ ފައިސާ އަދީބު ހުރީ ނުދައްކާ ކަމަށާ އެ ފައިސާ އަދީބު އަތުން ހޯދަން އެދުމުން ދެ ޕޭމަންޓަކުން ގާތްގަނޑަކަށް 500،000 ރުފިޔާ އޭނާއަށް ދީފައިވާ ކަމަށެވެ.  މީގެ އިތުރުން އަދިވެސް އަދީބު އޭނާއަށް ދޭން ޖެހޭ ފައިސާ ހުރި ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ވިދާޅުވީ އޭނާގެ ނަން ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓަށް އަރާ ނަމަ، އަދީބަށް އެހެނިހެން ސައްހަ މަސައްކަތްކޮށްދިން މީހުންގެ ނަންވެސް ލިސްޓަށް އަރަން ޖެހޭނެ އެވެ.

“އަޅުގަނޑުގެ ނަން އަންނަންޏާ އަދީބު މި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު ގާނޫނީ ވަކީލުކަން ކުރި މީހުންނަށް ލިބުނު ފައިސާގެ ވާހަކަވެސް އަންނަން ޖެހޭނެތާ އެއަށް. އަދި އަދީބު ތަންތަން ކުއްޔަށް ހިފައިގެން ދެއްކި ކުލީގެ ވާހަކަވެސް އެ ލިސްޓަށް އަންނަން ޖެހޭނެތާ،” އަލީ ހުސެއިން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކުރާ ލިސްޓު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހާމަ ކުރި އިރު މިހާރުގެ ސަރުކާރުގައި ތިއްބެވި ހަތް ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި އަދި ކުރިއާ މިހާރު ތިއްބެވި ފަނޑިޔާރުން ހިމެނޭ ގޮތުން ޖުލްމަ ހަ ފަނޑިޔާރަކަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވެ އެވެ.

އޭގެ އިތުރުން، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް ހިޔާނާތުގެ ފައިސާ ލިބިފައިވެ އެވެ. ހަމައެއާއެކު އޭރު މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ގޮތުގައި ތިބި ފަސް ފަރާތަކަށާއި ކުރީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި 23 ފަރާތަކަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތަހުގީގަށް އެނގިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top