މަޝްހޫރު ކޮޕީފަތުގެ ފައިދާތަކަށް ބަލާލުމެއް

collards-winter-harvested-lo.jpg

ކޮޕީ ފަތަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ފަތުގެ ބާވަތެކެވެ.

ކޮޕީ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް

ކޮޕީ ފަތުން ހަކަތަ ލިއްބައިދެނީ ވަރަށް މަދުންނެވެ. މިފަތުގައި ސަރުބީއެއް ނުހުރެއެވެ. ނަމަވެސް ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެން ވެއެވެ. ކޮޕީ ފަތުގައި ފައިބަރު ހުރުމުގެ ސަބަބުން ކޮޕީ ފަތް ބޭނުންކުރުމުން ލޭގައި ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދީ، ބަނޑު ފަސޭހަކޮށް ބަނޑުހިކުމުން ރައްކާތެރިކޮށްދީ، ފުރަގަސްފަރާތުން ބަލިން މިންޖުކޮށްދީ، ގޮހޮރުން ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ފެހިކުލައިގެ ފަތްތަކުގައި ހުންނަ “ގުލޫކޮސިނަލޭޓް” އިން އުފެދޭ “ސަލްފޮރަފޭން” އަކީ ބަނޑާއި ގޮހޮރުގެ ބަތާނަ ފަށުގައި “ހެލިކޮބެކްޓަރ ޕައިލޯރި” ކިޔާ ޖަރާސީމެއް، ތަތްވެ، ހަރުލުމުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ކޮޕީ ފަތަކީ ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގައި ބައިވެރިވާ ފައިޓޯނިއުޓްރިއެންޓް ތަކާ، އެންޓިއޮކްސިޑެންޓް ތަކުން މުއްސަދިވެފައިވާ ބާވަތެކެވެ. އެގޮތުން ކޮޕީފަތުގައި އެކުލެވޭ ފައިޓޯނިއުޓްރިއެންޓް ތަކުގެ ތެރޭގައި، “ޑައި-އިންޑޯލައިލް-މީތޭން”، “ސަލްފޮރަފޭން” ފަދަ މާއްދާތައް ހިމެނެއެވެ. މިމާއްދާތަކުގެ ސަބަބުން ޕްރޮސްޓޭޓް ކެންސަރު، އުރަމަތީގެ ކެންސަރު، ރަހިމުގެ ދޮރުގެ ކެންސަރު، އަދި ބިސް އުފައްދާ ތަނުގެ ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިކަން ލިބޭކަން ދިރާސާތަކުން ވަނީ ހޯދިފައެވެ. މިމާއްދާތަކުގެ ސަބަބުން ކެންސަރުގެ ސެލްތައް އާލާވުން ކުޑަކޮށްދީ، ކެންސަރުގެ ސެލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ. “ޑައި-އިންޑޯލައިލް-މީތޭން” އަށް ބެކްޓީރިޔާ، އަދި ވައިރަސްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާކަމަށް ހޯދިފައި ވެއެވެ.

ކޮޕީ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ބީގެ ވައްތަރެއް ކަމުގައިވާ ފޮލިކް އެސިޑް ހުރެއެވެ. ފޮލިކް އެސިޑަކީ ހަށިގަނޑުގައި ޑީއެންއޭ އުފެއްދުމުގައި ބައިވެރިވެ، ނާރުތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ލޭގެ ރަތް ސެލްތައް އުފެއްދުމުގައި ބައިވެރިވެ، މާބަނޑު ދުވަސްވަރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެއްދުމުން ރައްކާތެރިކޮށްދޭ ވިޓަމިނެކެވެ. މީގެ އިތުރުން ފޮލިކް އެސިޑަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދީފާނެ ވިޓަމިނެއް ކަމަށް ބެލެވިފައި ވެއެވެ. ފޮލިކް އެސިޑަކީ ހަށިގަނޑުގައި “ހޯމޯސިސްޓެއިން” ގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. މިއީ ކަށިފީވުން ކުރިމަތިވެފައިވާ މީހުންނަށް ކަށިތަކުގައި ރެނދުލުމާއި، ބިދުމުން ރައްކާތެރިކޮށްދީފާނެ މާއްދާއެއްކަމަށް ބެލެވިފައި ވެއެވެ.

ކޮޕީ ފަތުގައި ގިނައަދަދަކަށް ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ފްރީރެޑިކަލްތަކާ ދެކޮޅަށް މަސައްކަތްކުރާ އެންޓި އޮކްސިޑެންޓެއްގެ އިތުރުން، ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށްދޭ މަޞްދަރެކެވެ. އެހެން ކަމުން ވިޓަމިން ސީ ބޭނުންކުރާނަމަ އަރިދަފުސްރޯގާ ފަދަ ތަފާތު ބަލިތަކަށް ހުށައެޅުމުގެ ފުރުޞަތު ކުޑަވާނެ އެވެ.

ކޮޕީ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން އޭ ހުރެއެވެ. ވިޓަމިން އޭ މައިގަނޑު ގޮތެއްގައި ހުންނަނީ “ބީޓާ ކެރޮޓީން” ގެ ގޮތުގައެވެ. އަދި އެންޓިއޮކްސިޑެންޓްގެ ގޮތުގައި ބެލެވޭ ؛ ލިޕޯއީކް އެސިޑް، ލޫޓީން، ޒިއެޒެންތިން، އަދި ކްރިޕްޓޯޒެންތިން ފަދަ މާއްދާތައް ހުރެއެވެ. ވިޓަމިން އޭ އަކީ ހަމާއި، ކަށިތަކާ، ދަތްތަކާ، ތެތްދުލިފަށަލަތަކާ، އަދި ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންތެރި ވިޓަމިނެކެވެ. ވިޓަމިން އޭގެ ސަބަބުން ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ތަފާތު ވައްތަރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށް ދެއެވެ. އެގޮތުން ހިތުގެ ބަލިތަކާއި، ކެންސަރާއި، ލޯފުސްވުން ފަދަ ބަލިތަކުން ރައްކާތެރިވެ ހުރުމުގައި ވިޓަމިން އޭ އެހީތެރިވެދެއެވެ. ވިޓަމިން އޭ އަކީ ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށްދޭ ވިޓަމިނެކެވެ.

ލޫޓީން އަކީ ލޮލުގެ ފެނުން ރަގަޅުކޮށްދީ، އުމުރުން ދުވަސްވުމުން ކުރިމަތިވާ “މެކިޔުލަރ ޑިޖެނެރޭޝަން” އިން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ލިޕޯއީކް އެސިޑަކީ ވިޓަމިން ސީ އަދި ވިޓަމިން އީ އަލުންއުފެއްދުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓެކެވެ. ހަށިގަނޑުގައި ހަކަތަ އުފެއްދުމުގައި ލިޕޯއީކް އެސިޑްގެ ދައުރެއްވާތީ، ލޭގައި ހަކުރުގެ މިންވަރު ތަންޒީމު ކުރުމުގައި ލިޕޯއީކް އެސިޑްގެ ދައުރެއް އޮވެދާނެތޯ މިހާރު ވެސް ދަނީ ދިރާސާ ކުރެވެމުންނެވެ.

ކޮޕީ ފަތުގައި ގިނައަދަދަކަށް ވިޓަމިން ކޭ ހުރެއެވެ. ވިޓަމިން ކޭ އަކީ ކަށިތަކުގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާ އެކެވެ. އުމުރުން ދުވަސްވުމުން ޖެހޭ އަލްޒައިމާ ބަލި ފަދަ ބަލިތަކަށް ފަރުވާ ކުރުމުގައި ވެސް ވިޓަމިން ކޭގެ ދައުރެއްވާކަން ފާހަގަ ކުރެވިފައި ވެއެވެ. ވިޓަމިން ކޭ މައިގަނޑު އެއް މަސައްކަތަކީ ހަށިގަނޑުގައި ހިނގާ ލޭމަނާކުރުމުގެ މަސައްކަތުގައި ބައިވެރިވުމެވެ. ވިޓަމިން ކޭގެ ސަބަބުން ކެލްސިއަމް ހަށިގަނޑުގައި މަސައްކަތްކުރުން ހަލުވިކޮށްދީ، ކަށިތައް ތުނިވިޔަނުދީ ހިފަހައްޓައިދެއެވެ. ނަތީޖާއެއްގެ ގޮތުން ކަށިފީވުމުން ރައްކާތެރިކޮށްދެއެވެ.

ކޮޕީ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ބީގެ ވައްތަރުތަކުގެ ގޮތުގައި ހިމެނޭ ފޮލިކް އެސިޑް، ނިއެސިން، ޕައިރިޑޮކްސިން، ތިއެމިން، އަދި ޕެންތޮނިކް އެސިޑް ފަދަ ވިޓަމިން ތައް ހުރެއެވެ. ކޮޕީ ފަތުގައި ކެލްސިއަމް އެކުލެވިގެން ވެއެވެ. ކެލްސިއަމް އަކީ ދަތުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ކަށިފީވުމުން ރައްކާތެރިކޮށްދޭނެ މާއްދާ އެކެވެ.

މައުލޫމާތު: ސިއްހަތު ބްލޮގް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top