އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 1

albaqarah-6-7-fiabqr.jpg

ޢަބްދުލް ޣަފޫރު ޢަބްދުއްރަހީމް ގ.މަންޒިލް

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލާލަން ގަސްދުކުރާއިރު، އެންމެ ފުރަތަމަ ހުށަހަޅާލަން ބޭނުންވަނީ އެސޫރަތުގެ ވަށަރޮނގެކެވެ. މިވަށަރޮނގު އެކުލެވިގެންވަނީ މިދަންނަވާ ނުކުތާތަކުގެ މައްޗަށެވެ. އެންމެ ފުރަތަމަ، ސޫރަތުގެ ނަމާއި، ބާވާލެއްވުނު ތާރީޚެވެ. ދެން، ސޫރަތުގެ ޖުމްލަ މާނައެވެ. އެއަށްފަހު ސޫރަތް ބިނާވެފައިވާ ގޮތާއި، ސޫރަތުގައި ހިމެނޭ ބައިތަކާއި އެބައިތަކުގެ ކުރު ޚުލާސާއެކެވެ.

ސޫރަތުގެ ނަމާއި ބާވާލެއްވުނު ތާރީޚް

ކީރިތި ޤުރްއާނުގެ ސޫރަތް ސޫރަތުގެ ނަމުގެ ވާހަކަ ދައްކާއިރު، ހަނދާން ކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް އެބައޮތެވެ. އެއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކަށް ނަންދެވިފައިވަނީ ސޫރަތްތައް ފާހަގަކޮށް އެއް ސޫރަތާއި އަނެއް ސޫރަތް ވަކިކުރުމުގެ ބޭނުމުގައި ކަމެވެ. އާއްމު ގޮތެއްގައި، ސޫރަތްތަކަށް ނަންދެވިފައި ވަނީ، އެސޫރަތުގައި ނަންގަނެވިފައިވާ މުހިއްމު ހާދިސާއަކަށް ނުވަތަ ވާހަކައަކަށް ނުވަތަ ޝަޚްޞިއްޔަތަކަށް ނިސްބަތްކޮށެވެ. އަލްބަޤަރާ ސޫރަތުގެ ނަން ގުޅިފައިވަނީ، އެސޫރަތުގެ 67 ވަނަ އާޔަތުން ފެށިގެން 73ވަނަ އާޔާތުގެ ނިޔަލަށް، ނަންގަނެވިފައިވާ ވާހަކައަކާއި އެވެ. ބަނޫ އިސްރާއީލު ބާގައިގެ މީހުން އިމްތިހާނު ކުރެއްވުމުގެ ގޮތުން، ގެރިއެއް ކަތިލުމަށް އަމުރު ކުރެވުނު ހިނދު، އެމީހުން ކަންތައްތައް ކުރި ގޮތުގެ ވާހަކައާއި އެވެ. މީގެ ތަފްސީލު އެއާޔަތްތަކުގެ ތަފްސީރުގެ ވާހަކަ ލިޔެވޭއިރު ބަޔާން ކުރެވޭނެ އެވެ.

މިކަމުން ފާހަގަކޮށްލަން ބޭނުންވަނީ، އާއްމު ގޮތެއްގައި، ކީރިތި ޤުރްޢާނުގެ ސޫރަތަކަށް ދެވިފައިވާ ނަމަކުން، އެސޫރަތުގެ މައުޟޫއުގެ މައްޗަކަށް އިޝާރާތެއް ނުކުރެވޭ ކަމެވެ. މީގެ މިސާލަކީ މީސްމީހުންނަށް ކިޔޭ ނަންނަމުގެ މިސާލެވެ. ‘އަސަދު’ (ސިންގާ) މިހެން މީހަކަށް ކިޔައި، އޭނާއަށް އެނަން ދެވުމުގެ މާނައަކީ އޭނާ ‘ސިންގާ’އަކަށް ވުމެއް، ނުވަތަ އޭނާއަށް، ސިންގާއެއްގެ ސިފަ ލިބިގެން ވުމެއް ނޫނެވެ. ހަމަ އެހެންމެ އިނގިރޭސި ބަހުން މީހަކަށް ‘މރ. ބްލެކް’ (ކަޅު) އޭ ކިޔުމުން އޭނާއަކީ ‘ކަޅު’ މީހަކަށް ވުން ލާޒިމެއް ނުކުރެއެވެ. މީސްމީހުންނަށް ނަން ދެވެނީ މީސްމީހުން ކަނޑައަޅައި ފާހަގަކޮށް، އެމީސްމީހުން، އެހެން މީހުންނާއި ވަކި ކުރުމުގެ ބޭނުމުގަ އެވެ. ހަމަ މިފަދައިން ސޫރަތް ސޫރަތަށް ނަންދެވިފައިވަނީ ވެސް، އެއް ސޫރަތް އަނެއް ސޫރަތާއި ވަކިކޮށް ފާހަގަކުރުމުގެ ބޭނުމުގައެވެ. މިހެންވެ، ކީރިތި ޤުރްއާނުގެ ސޫރަތްތައް ތަރުޖަމާ ކުރެވޭއިރު، ސޫރަތް ސޫރަތުގެ ނަން ތަރުޖަމާނުކޮށް، އެނަން އޮންނަ ގޮތަށް ބޭއްވެއެވެ. އާދެ، ‘އަލްބަޤަރާ’ގެ މާނައަކީ ‘ގެރި’ ކަމުގައި ވިޔަސް، އެގޮތަށް މާނަނުކޮށް ބޭއްވެއެވެ. އަދި އަލްބަޤަރާ ސޫރަތަކީ ‘ގެރީ’ގެ މައުޟޫއުގެ މައްޗަށް އިންސާފުކުރެވޭ ސޫރަތެއްގެ ގޮތުގައި ނުބެލެވެ އެވެ. އަލްބަޤަރާ، އެއީ އެސޫރަތުގެ ނަން ކަމުގައި ބެލެވި، އެސޫރަތަކީ އަލްބަޤަރާ ސޫރަތޭ ބުނެ، އެގޮތުގައި ބޭއްވެއެވެ.

އަލްބަޤަރާ ސޫރަތަކީ މަދަނީ ދައުރުގައި ބާވާލެއްވުނު ސޫރަތަކެވެ. އެސޫރަތުގެ ބޮޑުބައި، ބާވާލެއްވުނީ މަދަނީ ދައުރުގެ ކުރީކޮޅުގަ އެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރައްވައި މަދީނާގައި ހޭދަކުރެއްވި ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައެވެ. ނަމަވެސް އަލްބަޤަރާ ސޫރަތުގެ 271ވަނަ އާޔަތުން ފެށިގެން 281ވަނަ އާޔަތުގެ ނިޔަލަށް ބާވާލެއްވުނީ މަދަނީ ދައުރުގެ ފަހުކޮޅުގައެވެ. އަދި 281 އާޔަތަކީ ކީރިތި ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވުނު އާޔަތް ކަމުގައިވެސް ބެލެވެއެވެ.

މައިގަނޑު މައުޟޫއުއާއި ޖުމްލަ މާނަ

އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއަކީ އިލާހީ ހިދާޔަތުގެ ވާހަކައެވެ. އާދެ، ހެޔޮ ގޮތުގެ މަގު ބަޔާން ކުރުމުގެ ވާހަކައެވެ. އިންސާނާގެ ފަރުދީ ހަޔާތާއި އަދި ޖަމާއީ ހަޔާތް ހެޔޮގޮތުގައި ވޭތުކޮށްލާނީ ކިހިނެއްކަމާ ބެހޭ ގޮތުން ދެވޭ ތައުލީމާތުތަކާއި އިރުޝާދުގެ ވާހަކައެވެ. އެކަމާ ބެހޭ ގޮތުން އުނގަންނައިދެވޭ އުނގަންނައިދިނުންތަކާއި ބުނެދެވޭ ބުނެދިނުންތަކުގެ ވާހަކައެވެ. އެސޫރަތުގެ ދެވަނަ އާޔަތުގައި މިކަން ކަނޑައަޅައި ބަޔާންކޮށްދެވިފައި ވެއެވެ. ذلك الكتاب لا ريب فيه هدى للمتقين، (މިއީ އެފޮތެވެ. އެފޮތުގައި، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ތަޤުވާވެރިންނަށްޓަކައި ހިދާޔަތު، (އިލާހީ ހެޔޮ މަގު، ބަޔާން ކުރެވިފައި) ވެއެވެ’، މިއާޔަތުގައެވެ. މިމައިގަނޑު މައުޟޫއާއި މެދު ވިސްނާލުމުން، އަލްބަޤަރާ ސޫރަތާއި އެސޫރަތުގެ ކުރިން އޮތް އަލްފާތިޙާ ސޫރަތާއި ގުޅޭގޮތް އެނގިގެން ދެއެވެ. އާދެ، އަލްބަޤަރާ ސޫރަތް ހިމެނެނީ، އަލްފާތިޙާ ސޫރަތުގައި، ތެދުމަގު އެދިގެން މާތްﷲގެ ޚަޟުރަތުގައި ދެންނެވިފައިވާ اهدنا الصراط المستقيم ‘އަޅަމެނަށް ތެދު މަގު ދައްކަވާފާނދޭވެ!، މިދުއާގެ އިޖާބަކަމުގައެވެ. އަލްބަޤަރާ ސޫރަތަކީ ކީރިތި ޤުރްއާނުގައި ހުށަހަޅާލެވޭ އިލާހީ ތެދުމަގު ބަޔާންކޮށްދިނުމުގެ ފެށުމެވެ.

އިލާހީ ހިދާޔަތުގެ މާނައަކީ ކޮބައިކަމާއި ކީރިތި ޤުރްއާނުގައި އެކަން ހުށަހަޅާލެވިފައިވާ ގޮތާއި އަދި އެކަން މާނަ ކުރުމާ ބެހޭ ގޮތުން، ވޭތުވެ ދިޔަ ދޮޅު ގަރުނެއްހާ ދުވަހު ދެކެވިފައިވާ ވާހަކަތައް، ވަކިން، މުލްހަގެއްގެ، (އެޕެންޑިކްސްއެއްގެ)، ގޮތުގައި، އަލްބަޤަރާ ސޫރަތުގެ ތަފްސީރު ނިމުމުން، ތަފްސީލުކޮށް. އިރާދަކުރެއްވިއްޔާ، ބަޔާންކޮށް ދެވޭތޯ ބަލާނަމެވެ. މިތަނުގައި، މިވަގުތު، މިވާހަކަތަކުގެ ކުރު ޚުލާސާއެއް ހުށަހަޅާލަމެވެ. މިވާހަކަތަކުގެ މުހިއްމުކަމަށްޓަކައެވެ.

ދެންމެ އިޝާރަތްކޮށްލި ފަދައިން، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ހިދާޔަތުގެ ވާހަކަ ގުޅެނީ މުއުމިނާގެ ފަރުދީ އަދި އޭނާގެ މުޖުތަމައީ ހަޔާތާއިއެވެ. އޭނާގެ އަމިއްލަ ޒާތީ ހަޔާތް ހެޔޮ ގޮތުގައި ވޭތުކޮށްލާނީ ކިހިނެއްކަމާއި އަދި އޭނާގެ މުޖުތަމައުގެ ކަންތައްތައް ރަގަޅު ގޮތުގައި ރާވައި އިންތިޒާމު ކުރާނީ ކިހިނެއްކަމާއިއެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ އިލާހީ ހިދާޔަތުގެ ތައުލީމާތުތަކަށް، ޖުމްލަކޮށް، ‘ޝަރީޢަތް’ ނުވަތަ ‘ހިނގަން ކަނޑައެޅިފައިވާ މަގު’ މިލަފްޒުން އިޝާރަތް ކުރެވެއެވެ. އަލްޖާޘިޔާ ސޫރަތުގެ އަށާރަ ވަނަ އާޔަތުގައެވެ.

ކީރިތި ޤުރްއާނުގައި، ޝަރީއަތާ ބެހޭ ތައުލީމާތުތައް، ބަޔާން ކުރެވިފައިވަނީ ތަފާތު ސިފަސިފައި ގައެވެ. ބައެއްފަހަރު ހިއްސީ ސިފައެއްގަ އެވެ. މިސާލަކަށް، ރޯދަ ހިފުން ފަރުޟު ކުރެވިފައިވަނީ ފަޖުރުއްސާދިގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސެން ދެންނެވެ، މިކަމަށް ބައްލަވާލައްވާށެވެ. އަނެއް ބައިފަހަރު މައުނަވީ ސިފައެއްގައި، މަބްދައުތަކެއް ނުވަތަ އުސޫލުތަކެއްގެ، ސިފައިގައެވެ. މިސާލަކަށް، ވެރިކަންކުރުމާއި މުޖުތަމައުގެ ކަންތައްތައް ރާވާއި ހިންގުން ބިނާވެފައި އޮންނަން ވާނީ މަޝްވަރާގެ މައްޗަށް ކަމަށް ބަޔާންކުރެވިފައިވާ އިރުޝާދެވެ؛ ވެރިކަމުގެ ނިޒާމު އޮންނަން ޖެހޭ ވަކި ޚާއްސަ ސިފައެއް ކަނޑައެޅިފައެއް ނެތެވެ. އަދި، އެކަން އޮންނަން ޖެހޭނީ ކަނޑައެޅިގެން މިވެނި ސިފައެއްގައިކަން، ކީރިތި ރަސޫލާގެ ސުންނަތުން ނުވަތަ އަލްޚުލަފާއުއްރާޝިދޫންގެ (ފުރަތަމަ ހަތަރު ޚަލީފާއިން ކަމުގައި ހިމެނުނު އަބޫބަކުރުގެފާނާއި، އުމަރުގެފާނާއި އުސްމާނުގެފާނާއި އަލީގެފާނުންގެ) އަމަލުފުޅު ތަކުންވެސް ދޭހައެއް ނުވެއެވެ. އަދި އަނެއް ބައެއްފަހަރު މިތައުލީމާތުތައް އިބާރަތް ކުރެވިފައިވާ ގޮތުގެ ލަފްޒީ މާނައަށް ބާރުލެވި އެކަމަށް އިސްކަން ދެވިގެންނެވެ. މިސާލަކަށް، އޫރުމަހާއި މުޅަތަކެތިފަދަ ބައެއް ކާނާ ހަރާންކުރެވުން އިބާރަތް ކުރެވިފައިވާ ގޮތުގެ މައްޗަށް ބައްލަވާލައްވާށެވެ. އަދި މިނޫންވެސް ހަރާން-ހަލާލު ކަންތައް ބަޔާން ކުރުމަށް ބޭނުން ކުރެވިފައިވާ އިބާރާތްތަކުގެ މައްޗަށްވެސް މެއެވެ. އަނެއްބައިފަހަރު، އެތައުލީމާތުތަކުގެ މަޤާސިދުތަކަށް، އެބަހީ އެކަމުން ހާސިލުކުރަން ގަސްދުކުރެވޭ ކަންތައްތަކަށް ބާރުލެވި، އެކަންކަމަށް އިސްކަން ދެވިގެންނެވެ. މިސާލަކަށް، ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވާ، އަދި، ފިޤުހު އިލްމުގައި އެކަންކަމަށް، ޙުދޫދުގެ ނަމުން ނަންދެވިފައިވާ، އުޤޫބާތްތަކަށާއި، އަދި ޤިޞާޞުގެ ނުވަތަ މަރަށް މަރު ހިފުމުގެ، ހުކުމް އިބާރަތް ކުރެވިފައިވާ ގޮތުގެ މައްޗަށް ބައްލަވާލައްވާށެވެ. މިހުރިހާ ކަމެއްގައިވެސް ބާރުއެޅިފައިވަނީ، ކުށްވެރިޔާއަށް އަދަބު ދިނުމަށްވުރެ ބޮޑަށް، އޭނާ އިސްލާހު ކުރުމުގެ މައްޗަށެވެ.

ކީރިތި ޤުރްއާނުގައި ޝަރީއަތާއި ބެހޭ ތައުލީމާތުތަކުގެ ހުރިހާ ތަފްސީލެއް ލިޔެވިފައި ނެތަސް، އެތައުލީމާތުތައް މީސްތަކުންގެ ހަޔާތުގައްޔާއި އަދި މުޖުތަމުގައި ހިންގާލާނޭ ގޮތް، އެންމެ ފުރަތަމަ، ކީރިތި ރަސޫލާ، އެކަލޭގެފާނުގެ ސުންނަތުން، އެބަހީ، އެކަލޭގެ ފާނުގެ އަމަލުފުޅުތަކުން ފެނިގެންދިޔައެވެ. އަދި އެއަށްފަހު، އަލްޚުލަފާއުއްރާޝިދޫންގެ ދުވަސްވަރު ވެސް، މިކަން، އަމަލީގޮތެއްގައި ފެނިގެން ދިޔައެވެ. އަދި އެދުވަސްވަރު ކުރިމަތިވި އާ ހާލަތްތަކަށް، ޝަރިއަތުގެ ތައުލީމާތުގެ އަލީގައި، އާ ހުކުމްތައްވެސް ބަޔާންކުރެވިދިޔަތަން ވެސް ފެނުނެވެ. ދެން އައި ދުވަސްތަކުގައި، އާދެ، ހިޖުރައިގެ ފުރަތަމަ ގަރުނުގެ ފަހުކޮޅާއި އަދި ދެވަނަ ގަރުނުގެ ތެރޭގައި، މިތައުލީމާތުތައް އިތުރަށް ތަރައްގީކުރެވުނެވެ. އަދި މީގެ ނަތީޖާއަކަށްވީ އިސްލީމީ ފިޤުހު އުފެދި ފުރިހަމަވުމެވެ.

އިސްލާމީ ފިޤުހު އިލްމު ތަރައްގީވެ، އެއަށް ފުރިހަމަ ސޫރަލިބުމާއި ވިދިގެން، ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ، ޝަރީއަތުގެ ތައުލީމާތުތަކަށް، ލިޔުމުން، ފުރިހަމަ ހިއްސީ ސިފައެއް، ގެނެސްދެވުނެވެ. އިސްލާމީ ފިޤުހުގެ މާއްދީ-މަސްދަރުތަކާއި (ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި) އަދި މިމާއްދީ މަސްދަރުތައް މާނަކުރުމަށް އެހީވެދިން ވަސީލާތްތަކުގެ، (އިޖްތިހާދު-ޤިޔާސް އަދި އިޖުމާޢުގެ،) އަލީގައެވެ. އަދި އެދުވަސްވަރުގެ އިންސާނީ ހަޔާތުގެ ކަންތައްތައް ހުރި ގޮތުގެ މައްޗަށާއި އަދި އެދުވަސް ވަރުގެ މުޖުތަމައީ އަގުތަކަށް ވެސް ރިއާޔަތްކުރެވިގެންނެވެ. އަދި ހަމަ އެހެންމެ، އެދުވަސްވަރު، އިންސާނީ ފިކުރާއި އަގުލާނިއްޔަތު، ތަރައްގީވެ، ކުރިއަރާފައިވާ  މިންވަރުގެ އަލީގައިވެސް މެއެވެ.

މިއައި ތަރައްގީއާއި ވިދިގެން ޝަރީއަތާއި އަދި ފިޤުހުގެ ގުޅުމަށްވެސް ބަދަލެއް އައެވެ. އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅު، އާދެ، ފުރަތަމަ ދެގަރުނުގެ ތެރޭގައި، ‘ޝަރީއަތް’، މިލަފްޒު ބޭނުންކުރެވިފައިވަނީ، ކުރިން ނަންގަނެވިދިޔަ ފަދައިން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ހިދާޔަތުގެ ތައުލީމާތުތަކަށް، ޖުމްލަ ގޮތެއްގައި، އިޝާރަތްކުރުމަށެވެ. ފިޤުހު ބޭނުން ކުރެވުނީ މިތައުލީމާތުތަކާއި މެދު ވިސްނައި ފިކުރުކޮށް، މިތައުލީމާތުތަކުން، އެކިއެކި ކަންކަމާ ބެހޭ، ހުކުމްތައް ނެރެ އިސްތިންބާތުކުރުމަށެވެ. އެތައުލީމާތުތަކަށް އަމަލުކޮށް، އެކަންކަން މުޖުތަމައުގައި ހިންގާލެވޭ ސިފައެއް އެކަންކަމަށް ގެނެސްގަތުމަށްޓަކައެވެ. ފިޤުހު އިލްމު ތަރައްގީވެ އެއަށް އޭގެ އެންމެ ފަހުގެ ސޫރަ ލިބުމުން، ފިޤުހާއި ޝަރީއަތް މިދެ މަފްހޫމުވެސް އެކައްޗަކަށްވެ، އެއް މާނައެއްގައި ބޭނުންކުރެވޭން ފެށިއެވެ. އާދެ، އިސްލާމީ ޝަރީއަތަކީ އިސްލާމީ ފިޤުހު ކަމުގައި ވެގެން ދިޔައެވެ.

މިއަދު އިންސާނީ ހަޔާތުގެ ކަންތައްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އިންސާނުންގެ ވިސްނުމާއި ފިކުރަށެވެ. އޭނާ މަސައްކަތްކޮށް އުޅޭ ގޮތްތަކަށެވެ. އޭނާ ގަބޫލުކުރާ ބައެއް އަގުތަކަށެވެ. މިސާލަކަށް އިންސާނުން އަޅުވެތި ކުރުމާއި އަޅުން ގެން ގުޅުމަކީ އެއްދުވަސް ވަރެއްގައި ހަމަ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ބެލެވިދިޔަކަމަށް ވިޔަސް، މިކަންވަނީ މިއަދު ބަދަލުވެފައެވެ. އިސްލާމީ ޝަރީއަތުގައި އަޅުން މިނިވަން ކުރަން އިރުޝާދުދެވި އެކަމަށް ބާރުއެޅިފައި އޮތްކަމުގައި ވިޔަސް، އެކަން، ސީދާ ސަރީހަ އިބާރާތުން މަނާ ކުރެވިފައި ނެތުމުން، އިސްލާމީ ފިގުހުގައި އެކަން އޮތީ ހުއްދަކުރެވިފައެވެ. އަދި ހަމައެފަދައިން، އިންސާނުން އަތުން ފައިން ކުރަމުން އައި ގިނަ މަސައްކަތްތަކެއް، މިއަދު، ކުރެވެމުން އަންނަނީ މެޝީންތަކުގެ ޒަރިއްޔާއިންނެވެ. މީގެ އިތުރުން، އިސްލާމީ ފިޤުހު ތަރައްގީ ކުރެވުނު ދުވަސްވަރުގައި ފައިސާ މާނަ ކުރެވުނު ގޮތާއި މިއަދު ފައިސާ މާނަ ކުރެވޭ ގޮތް ވަނީ ބަދަލުވެފައެވެ. ގެރިބަކަރިއާއި ގޮވާމުގެ ބާވަތްތަކާއި ރަނާއި ރިއްސާއި މިފަދަ ހުރިހާ މުދަލަކީ، އެދުވަސްވަރު، ފައިސާގެ ގޮތުގައި ބޭނުން ކުރެވުނެ އެއްޗިއްސެވެ. އެހެންވެ، އިސްލާމީ ފިޤުހުގައި ޒަކާތުގެ ހުކުމްތައް ބަޔާންކުރެވިފައިވަނީ ފައިސާގެ މިތަސައްވުރުގެ މައްޗަށް ބިނާކޮށެވެ. މިތަކެއްޗަކީ ފައިސާކަމުގައި ބެލެވިގެންނެވެ. ނަމަވެސް މިއަދު މިކަން ވަނީ ބަދަލުވެފައިވެ. އާދެ، ފައިސާގެ މަފްހޫމު މުޅިން އާވެ، ފައިސާގެ އަގު ގުޅިފައިވަނީ އޭގެ ޒާތަކާއި ނޫނެވެ. ދައުލަތަކުން އެއަށް ދެވިފައިވާ އިތުބާރާއި އަދި އިގްތިސާދީ އަވާމިލު ނުވަތަ ސަބަބުތަކާއި އެވެ. އަދި މީނޫންވެސް، އިސްލާމީ ފިޤުހުގެ ހުކުމްތައް، އޭގެ މައްޗަށް ބިނާވެފައިވާ ގިނަ ތަސްއްވުރުތަކެއް، މިއަދު، ވަނީ ބަދަލުވެފައެވެ. މިބަދަލުތައް އަންނާންފެށީ ގާތްގަނޑަކަށް މީލާދީ ސަނަތުން އަށާރަ ވަނަ ގަރުނުގެ ހިސާބުން ފެށިގެންނެވެ. ސިނާއީ އިންގިލާބު، ނުވަތަ އިންޑަސްޓްރިއަލް ރެވޮލޫޝަން، އާއި ތަންވީރީ ފިކުރުގެ ނުވަތަ އެންލައިޓްންމަންޓްގެ ފެށުމާއި، މިކަންކަމުގެ އަސަރު އިސްލާމީ ދުނިޔެއަށްވެސް ފޯރައި މުޅި ދުނިޔެއަށް މިކަންފެތުރި އާއްމުވެގެން ދިޔުމުގެ ސަބަބުންނެވެ. (ނުނިމޭ)

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top